ENGLISH

21 އޭޕްރީލު 2025

Advertisement

ދުންފަތުގެ ބާވަތްތައް އުފައްދަން ބޭނުންކުރާ ތަކެތި ރާއްޖެ އެތެރެކުރުމަކީ ވެސް މަނާކަމެއް

03 ޖެނުއަރީ 2025

|

ފަޒީލް ޢަބްދުލް ލަތީފު

ދުންފަތުގެ ބާވަތްތައް ތައްޔާރުކުރަން ބޭނުންކުރާ ބައެއް ތަކެތި

ދުންފަތުގެ އެއްވެސް ބާވަތެއް އުފެއްދުމަށް ބޭނުންކުރާ ތަކެތި ރާއްޖެ އެތެރެކުރާނަމަ އެ ތަކެތި ހިފަހައްޓަން ހެލްތު މިނިސްޓްރީން މޯލްޑިވްސް ކަސްޓަމްސް ސާވިސްއަށް އަންގަވައިފި އެވެ.

ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނުގެ ދަށުން ރާއްޖޭގައި ދުންފަތް އުފެއްދުމަކީ މިހާރުވެސް މަނާކޮށްފައި އޮންނަ ކަމެކެވެ. ނަމަވެސް މީގެ ކުރިން އެކަން ހަރުދަނާ ގޮތެއްގައި ތަންފީޒު ކުރަމުންނެއް ނުދެއެވެ.

ކަސްޓަމްސްގެ ކޮމިޝަނާ ޖެނަރަލް އަށް ހެލްތު މިނިސްޓްރީން ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް ގެނައި އެއްވަނަ އިސްލާހުގައި، އެ ގާނޫނުގެ 10 ވަނަ މާއްދާގެ ދަށުން ރާއްޖޭގައި އެއްވެސް މިންވަރަކަށް ދުންފަތް އަދި ދުންފަތުގެ ބާވަތްތައް އުފެއްދުމަކީ މަނާކަމެއް ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ. ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނުގެ 42 ވަނަ މާއްދާގެ (ދ) ގައި "ދުންފަތުގެ ބާވަތްތައް" މާނަކޮށްދީފައިވާ ގޮތްވެސް ސިޓީގައި ހިއްސާކޮށްފައިވެ އެވެ. އެގޮތުން ދުންފަތާއި ދުންފަތުގެ ތަނޑި އާއި ނިކޮޓިން އާއި އެ ތަކެތި ހިމަނައިގެން ތައްޔާރުކޮށްފައި ހުންނަ ތަކެތި ދުންފަތުގެ ބާވަތުގެ ތެރޭގައި ހިމެނޭކަން ފާހަގަކޮށްފައިވެ އެވެ. އެފަދަ އެއްވެސް ބާވަތެއް، އެއްވެސް މިންވަރަކަށް ހިމެނޭ އެއްޗެއް ހަފައިގެން، ބޮއެގެން، ވަސްދަމައިގެން، ހަށިގަނޑުގެ ތަނެއްގައި ތަތްކޮށްގެން، ޖައްސައިގެން ނުވަތަ އުނގުޅައިގެން ވިޔަސް، ހަށިގަނޑަށް ވާސިލުވާ ގޮތަށް ތައްޔާރުކޮށްފައިވާ ކޮންމެ އެއްޗަކީ ދުންފަތުގެ ބާވަތެއް ކަމަށްވެސް ފާހަގަކޮށްފައިވެ އެވެެ.

ހެލްތު މިނިސްޓްރީގެ ސިޓީގައި އެދިވަޑައިގެންފައި ވަނީ ދުންފަތުގެ ބާވަތެއް އުފެއްދުމަކީ މަނާކަމެއް ކަމުގައިވާތީ، ދުންފަތުގެ އެއްވެސް ބާވަތެއް އުފެއްދުމަށް ބޭނުންކުރާ އެއްޗެއް ނުވަތަ އާލާތެއް އެއްވެސް ފަރާތަކުން އެތެރެކޮށްފިނަމަ، އެ ތަކެތި ހިފަހައްޓައި ނައްތާލުމަށެވެ. 

މިދިޔަ ނޮވެމްބަރު މަހު ސަރުކާރުން ވަނީ ސިނގިރޭޓާއި ބިޑީގެ ޑިއުޓީ ވެސް 50 ޕަސެންޓް ބޮޑުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު