ENGLISH
21 އޭޕްރީލު 2025
ކީރިތި ޤުރުއާނުގެ އަޚުލާގުން ޒީނަތްތެރި ވުމަކީ ދެދުނިޔޭގެ ބާއްޖަވެރިކަން ލިބޭނެ ކަމެއް: ޚުތުބާ
03 ޖެނުއަރީ 2025
|
ކީރިތި ގުރްއާނުގެ އަޚުލާގުން ޒީނަތްތެރިވުމަކީ އެކަމުގެ ސަބަބުން ގިނަގުނަ ދަރުމަ އާއި ޘަވާބު ލިބޭނެ ކަމެއްކަށާއި އަދި އެއީ ދެ ދުނިޔޭގެ ބާއްޖަވެރިކަން ލިބޭނެ ކަމެއް ކަމުގައި މިއަދުގެ ޚުތުބާގައި ބުނެފިއެވެ.
އޭގެ އިތުރުން ގުރްއާން ކިޔެވުމަކީ الله ހަނދުމަކުރުމުގެ ގޮތުން ކުރެވޭނެ އެންމެ މުހިންމު އަދި އެންމެ މާތް އެއް ކަންތަކުގެ ގޮތުގައި ފާހަގަކޮށްފައިވެ އެވެ. އަދި މިއީ މުސްލިމުންގެ ދުސްތޫރު ކަމަށާއި އަމަލު ކުރަން ޖެހޭ މަންހަޖު ކަމުގައިވެސް ޚުތުބާގައި ފާހަގަކޮށްފައިވެއެވެ.
ކީރިތި ގުރްއާނުގެ އަހުލުވެރިންގެ އަދަބުތަކުގެ މައްޗަށް އަލިއަޅުވާލައި ހުތުބާގައި ބުނީ ކީރިތި ގުރްއާނަކީ މާތް الله އިންސާނުންނަށް ތެދުމަގު ދެއްކެވުމަށް ބާވައިލެއްވި އިލާހީ ގާނޫނު ކަމަށެވެ. މުސްލިމުން ދިރިއުޅެންވީ ގޮތުގެ މަންހަޖު ކަަމަށެވެ. މުސްލިމުން ކީރިތި ގުރްއާން ކިޔަވައި، އެފޮތާ އެއްގޮތަށް އުޅުމާއި ސުލޫކު ބައްޓަންކުރަން ޖެހޭ ކަމަށެވެ. ދަރިންނަށް އުނގަންނައިދީ، އެކުދިންގެ ހިތްތަކުގައި ގުރްއާނުގެ ލޯބި އަށަގަންނުވައި، އެފޮތުގެ މަތިވެރިކަމާއި މާތްކަން ދަސްކޮށްދޭން ޖެހޭ ކަމަށެވެ.
އިސްލާމީ މަރުކަޒުގައި ކުރެވުނު ހުކުރުނަމާދުގެ ތެރެއިން
މިއަދުގެ ހުތުބާގައި ބުނި ގޮތުގައި ކީރިތި ގުރްއާން ކިޔެވުމާއި ގުރްއާނަށް އަމަލު ކުރުމަކީ، ވާޖިބު ކަމަކަށްވާއިރު، ގުރްއާނުން މީހާ ޒީނަތްތެރިވުމަކީ ވެސް ވާޖިބު ކަމެެއް ކަމުގަ އެވެ. ތިމާގެ އެތެރެފުށާއި ބޭރުފުށުގެ ތާހިރު ކަމަކީ އެންމެ ފުރަތަމަ ޒީނަތް ކަމުގަ އެވެ. ދެވަނަ ޒީނަތަކީ ﷲ އަށް ބިރުވެތިވުމުގައި ތިމާގެ ނަފުސު ޒީނަތްތެރި ކުރުން ކަމުގަ އެވެ.
ގުރްއާނުން ޒީނަތްތެރިވުމުގައި ތިން ވަނަ ޒީނަތަކީ އެ ފޮތުގައިވާ އެންމެހާ ކަމެއް ތެދުކުރުން ކަމުގަ އެވެ. މާތް ﷲ ގެ އެއްކައުވަންތަކަން ގަބޫލުކޮށް އީމާންކަމާއި އިސްލާމްކަމުގެ ރުކުންތައް ތެދުކޮށް ގަބޫލުކުރާ ނަމަ، ތިމާގެ އަމަލާއި ބަސް ދިމާވާން ޖެހޭނެ ކަމުގަ އެވެ.
ހަތަރު ވަނަ ޒީނަތަކީ މަޑުމައިތިރިވުމާއި ކެތްތެރިވުން ކަމަށް ހުތުބާގައި ބުންޏެވެ. ކެތްތެރިވުމާ ބެހޭގޮތުން ކީރިތި ގުރްއާނުގައި ވަރަށް ގިނަ އާޔަތް އައިސްފައިވުމުން އެނގެނީ އެކަމުގެ މުހިންމުކަން ކަމަށެވެ. އަދި ކެތްތެރިވުމުގެ ފޭރާމުން ފޭރާން އެޅުމަކީ، ގުރްއާން ގަބޫލުކުރާ ކޮންމެ މީހަކު، ކުރަން ޖެހޭނެ ކަމެއް ކަމަށެވެ. މަޑުމައިތިރިކަމާ އެކު ވާހަކަދައްކައި ހެދުމަކީ ވެސް ކެތްތެރިވުމުގެ ސިފައެެއް ކަަމަށެވެ.