ENGLISH

21 އޭޕްރީލު 2025

Advertisement

މި ސަރުކާރު ނޫނީ ކައުންސިލްތަކާއެކު މަސައްކަތްކުރުމުގެ ޓްރެކް ރެކޯޑެއް އޮތް އެހެން ސަރުކާރެއް ނޯންނާނެ: މޫސާ ފަތުހީ

03 ޖެނުއަރީ 2025

|

އަހުމަދު އަބްދުﷲ

މޫސާ ފަތުހީ އާދަމް

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރު ނޫނީ ކައުންސިލްތަކާއެކު މަސައްކަތްކުރުމުގެ ޓްރެކް ރެކޯޑެއް އޮތް އެހެން ސަރުކާރެއް ނޯންނާނެ ކަމަށް ލޯކަލް ގަވަރްމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މޫސާ ފަތުހީ އާދަމް ވިދާޅުވެއްޖެއެވެ. 

އެމްއެމްޓީވީގެ "ބޮޑު ޚަބަރު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ފަތުހީ ވިދާޅުވީ މިކަމުގެ އެންމެ ބޮޑު މިސާލަކީ ފާއިތުވި އެއް އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ކައުންސިލްތަކަކާއި އަންހެނުން ކުރިއަރުވާ ކޮމިޓީތަކާ ރައީސުލްޖުމްހޫރިއްޔާ ބައްދަލު ކުރައްވައި، އެފަރާތްތަކުގެ ކަންބޮޑުވުންތައް އަޑުއައްސަަވައި، އަމިއްލަފުޅަށް ނޯޓް ކުރައްވައި، ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކަށް އަންގަވައިގެން އެކަންކަމަށް ހައްލު ހޯއްދަވައި ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަސައްކަތް ކުރައްވަމުން ގެންދެވުން ކަމަށެވެ. 

ކައުންސިލުތަކުން ރައީސަށް އެންމެ ގިނައިން ހުށައަޅާފައިވަނީ އުމުރާނީ ވަސީލަތްތަކުގެ ދަތިކަމުގެ ވާހަކަ ކަމަށްވާތީ ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ ބެއްލެވުމުގެ ދަށުން 105 ކައުންސިލް އިދާރާއެއް ބިނާކުރުމުގެ މަސައްކަތްތައް ލަސްތަކެއް ނުވެ ފެށިގެންދާނެ ކަމަށް ފަތުހީ ވިދާޅުވިއެވެ. އޭގެ ތެރެއިން 50 ކައުންސިލް އިދާރާއެއް އިމާރާތްކޮށްދެނީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި ކަމަށާއި އަނެއް 55 ކައުންސިލް އިދާރާގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ރާވާފައި އޮތީ ކޮންޓްރެކްޓަރ ފައިނޭންސްގެ އުސޫލުންނެވެ. 

ފަތުހީ ވިދާޅުވިގޮތުގައި ކުރިއަށް އޮތްތާނގައިވެސް މިސަރުކާރުން ކުރިއަށް ދާނީ، ސިޔާސީ ފިކުރަކަށް ބެލުމެއް ނެތި ހުރިހާ ކައުންސިލްތަކާއެކު ވެސް ވަރަށް ގާތް ގުޅުމެއް ބާއްވައިގެން، އެމީހުންގެ ކަންބޮޑުވުނތަކާއި ވާހަކަތައް އަޑުއަހައިގެން ކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު