ENGLISH
05 ޖުލައި 2025
2024 : އިސްލާމީ ހިދާޔަތާއި ދީނީ އަޤީދާގެ ދާއިރާއިން ގިނަ ކަންތައްތަކެއް ކުރި އަހަރެއް
03 ޖެނުއަރީ 2025
|
ރައީސުލްޖުމުޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ނައިބު ރައީސް އަދި އިސްލާމީކަންތައްތަކާއި ބެހޭ ވަޒީރު
ރައީސުލްޖުމުޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގައި އިސްލާމީ ނޫރާއި ދީނީ އަޤީދާގެ ދާއިރާއަށް މުހިއްމު އިސްކަމެއް ދެއްވާފައިވާއިރު، މިކަންކަން ތަންފީޒުކުރެއްވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުގެ މޭސްތިރިކަމުގެ ދަށުން ވުޒާރާއިން ވަނީ ފާއިތުވި އަހަރު ވަނީ މުހިންމު މަސައްކަތްތަކެއް ކުރައްވާފައެވެ.
"ޒުވާނުންގެ ހިތްތަކުގައި، ދީނީ ލޯބި އިތުރުވާން އަޅުގަނޑު ބޭނުން. އުފެދެމުން އަންނަ ޖީލުތަކަކީ މާތްވެގެންވާ އިސްލާމްދީނަށް ޙުރުމަތްތެރިކޮށްހިތާ މާތް އަޚްލާޤެއްގެ ވެރި ބަޔަކަށްވެފައިވާ ތަން ދެކެން އަޅުގަނޑު ޝައުޤުވެރިވަން. އެހެންކަމުން، މާތްވެގެންވާ އިސްލާމްދީނަށް ދިވެހީންގެ ހިތްތަކުގައި ލޯބި އިތުރުކުރުމަށްޓަކައި މަސައްކަތްކުރާނަން. އެކަމަށްޓަކައި އެންމެ މުހިންމު ޢިލްމުވެރީންގެ ޚިދުމަތަށް މަގު ތަނަވަސްކޮށްދޭނަން. ދީނީ ޢިލްމުވެރީންގެ ދުލާއި ގަލަމަށް ރައްކާތެރި އަމާން ވެއްޓެއް ކަށަވަރުކޮށްދޭނަން. އަދި ކީއްތޯ؟ ސަރުކާރުން ދޭނީ ތާއީދާއި އިޖާބަ، ތަރުޙީބު. މަދަދާއި އެހީތެރިކަން. ކީރިތި ޤުރްއާނުގެ ތަޢުލީމާ އެއްގޮތަށް ޙިކްމަތްތެރިކަމާއި، ރިވެތި ވަޢުޡާއި ނަސޭހަތުން ތިޔަބޭފުޅުން، ދީން ހުށަހަޅުއްވައިދެއްވާ! ދިވެހި ދަރީންނަކީ މާތްވެގެންވާ އިސްލާމްދީނާއި، މި ލޮބުވެތި ދިވެހި ޤައުމަށް، ވަފާތެރި، މުރާލި، ޒިންމާދާރު ބަޔަކު ކަމުގައި ހައްދަވައިދެއްވާ!" - ރައީސް މުޢިއްޒު ދިވެހި ޒަޢާމަތާއި ހަވާލުވެވަޑައިގެން، ޤައުމާ މުޚާޠަބު ކުރައްވައި ދެއްވި ތަޤުރީރު
އިމާމުން ތަމްރީންކުރުމާއި ޒުވާން އިމާމުންނާއި ޚަޠީބުން ތައްޔާރުކުރުން
އިމާމުންނަށް އިތުރު ފުރުސަތުތައް ހޯދައިދިނުމާއި، އިމާމުން ތަމްރީންކުރުމާއި ޒުވާން އިމާމުންނާއި ޚަޠީބުން ނެރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ފާއިތުވެދިޔަ 1 އަހަރު ވަނީ ގިނަ މަސައްކަތްތަކެއްކޮށްފައެވެ. މި ޕްރޮގްރާމް ފާއިތުވެދިޔަ 1 އަހަރުގެތެރޭގައި ކުރިއަށް ގެންދެވުނު އެންމެ ކާމިޔާބު އެއް ޕްރޮގުރާމުކަން ފާހަގަކޮށްލެވެއެވެ.
އައްޑޫ ސިޓީގައި ކުރިއަށްގެންދިޔަ ޒުވާޏް ޚަޠީބުން ޕްރޮގުރާމް ނިންމާ ބައިވެރިންނަށް ސެޓްފިކެޓް ދިނުން
ޒުވާން ޚަޠީބުން ތަމްރީން ކުރުމަށް މިހާތަނަށް މާލޭގައި ދެ ބުރެއް ކުރިއަށް ގެންގޮސްފައިވާއިރު 252 ޒުވާން ޚަޠީބުން ވަނީ ތަމްރީންވެފައެވެ. މީގެ އިތުރުން އައްޑޫގައި ކުރިއަށްދިޔަ ޒުވާން ޚަޠީބުން ޕްރޮގުރާމުގައި 18 ޚަޠީބުން ތަމްރީންވެފައިވާއިރު 1 އަހަރު ތެރޭގައި 270 ޒުވާން ޚަޠީބުން ވަނީ ތަމްރީންވެފައެވެ. ވުޒާރާއިން އަމާޒު ހިފާފައިވަނީ މި ފަސް އަހަރުގެ ތެރޭގައި 1000 ޒުވާން ޚަޠީބުން އުފެއްދުމަށެވެ.
ފަޤީރުންނަށް ދައުލަތުން ހިލޭ ޙައްޖު އަދާކުރާނެ ސްކީމެއް ތަޢާރަފުކުރުން.
ދަޢުލަތުގެ ޚަރަދުގައި ހިލޭ ޙައްޖަށް ފޮނުއްވައި ވައުދު ފުއްދެވި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ދައުލަތުގެ ބެލުމުގެ ދަށުން، ފުދުންތެރިކަން ނެތް 1000 މީހުން ހިލޭ ފަރުޟު ޙައްޖަށް 5 އަހަރުގެ ތެރޭގައި ގެންދިޔުމުގެ މަސައްކަތް ތަންފީޒުކުރުމަށްޓަކައި، ވަނީ 50 ފަޤީރުން ފަރުޟު ޙައްޖުގެ މަތިވެރިއަޅުކަން އަދާކުރުމަށް ފުރުޞަތު ދީފައެވެ. މިގޮތުން، މިފަރާތްތައް ހޮވާފައިވަނީ، "ފަޤީރުންނާއި މިސްކީނުންގެ ދަފްތަރު"ގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކުގެ ތެރެއިންނެވެ.
އިސްލާމީ ތަޢުލީމު ޒަމާނަށް ފެތޭގޮތަށް ހަރުދަނާކޮށް، އިސްލާމިކް ޔުނިވަރސިޓީއަށް އާ އިމާރާތެއް ބިނާކޮށް، ބޭރު ދަރިވަރުންނަށް ވެސް ރާއްޖޭގައި ތަޢުލީމު ޙާޞިލުކުރުމުގެ ފުރުޞަތު ދިނުން.
މަޖީދިއްޔާ ސްކޫލްގެ ގްރޭޑް 4 ގެ ދަރިވަރުންނަށް ރިސާލަތު ޕްރޮގްރާމް ކުރިއަށް ގެންދިއުން
ދިވެހިރާއްޖޭގައި އިސްލާމީ ތަޢުލީމު ޒަމާނަށް ފެތޭގޮތަށް ހަރުދަނާކޮށް، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަށް އައު ޢިމާރާތެއް ބިނާކުރުމަށް މަސައްކަތް ކުރުމުގެ ގޮތުން، މި ވުޒާރާއިން މިހާރު އަންނަނީ ދިވެހި ރާއްޖޭގައި ހުންނަ ޕާކިސްތާނު ހައިކޮމިޝަނާ މަޝްވަރާކޮށްގެން ޕާކިސްތާނު ސަރުކާރުގެ އެހީގައި އައި.ޔޫ.އެމްގެ އައު ޢިމާރާތް އެޅުމުގެ މަޝްވަރާތައް ކުރަމުންނެވެ.
މިސްކިތްތަކުގެ ޙާލަތު މެދުނުކެނޑި ދެނެގަނެވޭނެ ނިޒާމެއް ޤާއިމުކޮށް، މިސްކިތްތައް ބަލަހައްޓަން އަހަރެއްގެ ބަޖެޓުން އެކަމަށް ކުރެވޭ ޚަރަދު މިހާރަށްވުރެ ތިންގުނައަށް އިތުރުކުރުން.
މިސްކިތްތަކުގެ ޙާލަތު މެދުކެނޑުމެއްނެތި ދެނެގަނެވޭނެ ނިޒާމެއް ޤާއިމުކުރުމުގެ ގޮތުން، "މަސްޖިދު ޕޯޓަލް"ގެ ނަމުގައި ޕޯޓަލެއް ވަނީ ލޯންޗުކުރެވިފައެވެ. މި ޕޯޓަލްގެ ޒަރިއްޔާއިން މިސްކިތުގައި ދުވަހުން ދުވަހަށް ކުރަންޖެހޭ މަރާމާތުގެ މަސައްކަތްތަކާއި، މިސްކިތުގެ އިމާމުންނާއި ބެހޭގޮތުން އެކިއެކި ފަރާތްތަކުން ޕޯޓަލް މެދުވެރިކޮށް ހުށަހަޅާ މައްސަލަތަކާއި ޝަކުވާތަކަށް ޖަވާބުދާރީ ވަމުންދާނެއެވެ.
މިސްކިތްތަކުގެ އާބާތުރަފިލުވުމުގެ ގޮތުން، ރާއްޖޭގެ މިސްކިތްތައް މަރާމާތުކުރުމަށް ދައުލަތުގެ ބަޖެޓުން 15 މިލިއަން ރުފިޔާއާއި، މިސްކިތްތަކަށް އެހީވާ ވަޤްފު ފަންޑުން 4.5 މިލިއަން ރުފިޔާއާއެކު ޖުމްލަ 19.5 މިލިއަން ރުފިޔާ ޚަރަދުކުރުމަށް ވަނީ ކަނޑައަޅާފައެވެ.
ކީރިތި ޤުރުއާން ކިޔަވަން ދަސްކޮށްދޭ ހިލޭ ކްލާސްތައް އިތުރުކޮށް، ފުޅާކުރުން
ކީރިތި ޤުރްއާން ކިޔަވަން ދަސްކޮށްދޭ ހިލޭ ކްލާސްތައް އިތުރުކޮށް ފުޅާކުރުމުގެ ޢަމަލީ މަސައްކަތް ވަނީ ފަށާފައެވެ. އެގޮތުން ހިލޭ ޤުރްއާން ކިޔަވައިދޭނެ ފަރާތްތައް ހޯދުމަށް ކުރި އިއުލާނަށް އިޖާބަދީ 29 ފަރާތަކުން ވަނީ ކުރިމަތިލާފައެވެ. އެހެންކަމުން "މިސްކިތު ޤުރްއާން ކުލާސް"ގެ ނަމުގައި ކިލާސްތަކެއް ފެށި މި ކިލާސްތައް ރާއްޖޭގެ 14 އަތޮޅެއްގެ އިތުރުން މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގައި ވަނީ ފަށާފައެވެ. މި ޕްރޮގުރާމްގެ ދަށުން ހިންގާ ހުރިހާ ކިލާސްތަކެއް ވެސް ހިންގަނީ ހިލޭ ސާބަހަށެވެ.
ހިލޭސާބަހަށް މިސްކިއްތަކުގައި ހިންގާ ޤުރުއާން ކިލާސް
ރާއްޖޭގައި ހުރި ވަޤުފު އިމާރާތް އިތުރުކޮށް، ލިބޭ އާމްދަނީން ދީނީ ކަންކަމަށް ކުރެވޭ ހޭދަ އިތުރުކުރުމާއި، ނިކަމެތި ޢާއިލާތަކަށް އެހީވުމާއި، ތަޢުލީމީ އަދި ޞިއްޙީ ކަންކަމަށް އެފައިސާއިން ހޭދަކުރުން
ރާއްޖޭގެ އަތޮޅުތަކުގައި އިސްލާމީ ވަޤުފް ޕްރޮޖެކްޓުތަކެއް ކުރިޔަށްގެންގޮސް، ވަޤުފް ޢިމާރާތް ކުއްޔަށްދީގެން ލިބޭ އާމްދަނީން އަތޮޅުތެރޭގެ ރަށްރަށުގެ މިސްކިތްތައް މަރާމާތު ކުރުމަށާއި، އަލަށް މިސްކިތް ޢިމާރާތްކުރުމަށާއި، އަދި އަތޮޅުތެރޭގައި އިސްލާމީ ޙަރަކާތްތައް ފުޅާދާއިރާއެއްގައި ހިންގުމުގެ މަޤްޞަދުގައި، "އަތޮޅު ވަޤްފު" އަދި "ސިޓީ ވަޤްފު"ގެ ނަމުގައި މަޝްރޫޢުއެއް ވަނީ އިފްތިތާޙްކޮށްފައެވެ. މިގޮތުން،
މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ތަރައްޤީކޮށް، ޙައްޖު ފަންޑު ޝަރީޢާ ހުއްދަކުރާ ދާއިރާތަކުގައި އިންވެސްޓްކޮށް، ލުއި އަގެއްގައި ޙައްޖަށް ދިއުމުގެ މަގު ފަހިކުރުން.
މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ތަރައްޤީކޮށް، ޙައްޖު ފަންޑު ޝަރީޢާ ހުއްދަކުރާ ދާއިރާތަކުގައި އިންވެސްޓްކޮށް، ލުއި އަގެއްގައި ޙައްޖަށް ދިޔުމުގެ މަގު ފަހިކުރުމަށް ކަނޑައަޅުއްވާފައިވާ ސިޔާސަތު ތަންފީޛުކުރުމުގެ ގޮތުން، ކެބިނެޓް ކަރުދާހެއް ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހުށަހަޅާފައެވެ.
"މޯލްޑިވްސް ޒަކާތު ހައުސް" އުފައްދައި، ޒަކާތު ފަންޑު ތަރައްޤީކުރުން
ދިވެހިރާއްޖޭގައި މިހާރު އޮތް ޒަކާތުގެ ނިޒާމު ހަރުދަނާކޮށް، ޒަކާތު ފަންޑު ފުޅާކުރުމުގެ ގޮތުން ޒަކާތަށް ލިބޭ ފައިސާއިން ބައެއް ޝަރީޢާ ހުއްދަކުރާ ދާއިރާތަކަށް އިންވެސްޓްކޮށް ޒަކާތުގެ މާލީ ނިޒާމެއް ޤާއިމުކުރުމުގެ މަޤްޞަދުގައ "މޯލްޑިވްސް ޒަކާތު ހައުސް" ގެ ނަމުގައި މުއައްސަސާއެއް ވަނީ އުފައްދަވާފައެވެ.
މި މުއައްސަސާއަކީ ދިވެހިރާއްޖޭގައި ޒަކާތް ނެގުމާއި، ޒަކާތް ބެހުމާއި، ޒަކާތުގެ ނިޒާމް ހަރުދަނާކުރުމާއި، ޒަކާތު ނަފާ އޭގެ ބެހެނިވެރިންނަށް ފުޅާ ދާއިރާއެއްގައި ލިބޭނެގޮތަށް ޒަކާތު ފަންޑު ތަރައްޤީކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ވަކި މެންޑޭޓްއެއް ކަނޑައަޅާފައިވާ މުއައްސަސާއަކަށްވާތީ، މި މެންޑޭޓް ތަންފީޒުކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް މިހާރުވެސް ދަނީ ކުރެވެމުންނެވެ. ޒަކާތު ހައުސް ހުޅުމާލޭގައި ބިނާކުރުމަށް މިހާރު ވަނީ ބިމެއް ހަމަޖައްސައި 2025 ވަނަ އަހަރު އެ އިމާރާތުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެފައެވެ.
ވަންގަވް އިން ރާއްޖޭގެ ޒަކާތު ހައުސްގެ ބޭސްފަރުވާގެ އެހީއަށް އެދޭ ޙިދުމަތް ތައާރަފްކުރުން
މުދަލު ޒަކާތުގެ ގޮތުގައި ރާއްޖޭގެ ތާރީޚުގައި މިހާތަނަށް ބޮލަކަށް އެންމެ ބޮޑު ޢަދަދު ބެހި
ޑިސެންބަރު 2023 އިން ސެޕްޓެންބަރު 2024 ގެ ނިޔަލަށް މުދަލު ޒަކާތުގެ ގޮތުގައި ޖުމްލަ 89 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އަދި މުދަލު ޒަކާތުގެ ގޮތުގައި ޖުމްލަ 12.7މިލިއަން ރުފިޔާ ވަނީ ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ 3184 ފަޤީރުންގެ ބޭންކް އެކައުންޓުތަކަށް ޖަމާކޮށްފައެވެ. މި ފައިސާ ޖަމާކުރެވިފައިވަނީ، ބޮލަކަށް 4000 ރުފިޔާގެ ރޭޓުންކަމުގައިވާއިރު މިއީ ރާއްޖޭގެ ތާރީޚުގައި މުދަލު ޒަކާތުގެ ގޮތުގައި ބޮލަކަށް ބަހާފައިވާ އެންމެ ބޮޑު ޢަދަދެވެ.
ބައިނަލްއަޤްވާމީ ޒަކާތު މަހާސިންތާ
ކޮންމެ ރަށެއްގެ މައި މިސްކިތުގައި އިސްލާމިކް ލައިބްރަރީއެއް ޤާއިމުކުރުން
މިސްކިތުގައި އިސްލާމިކް ލައިބްރަރީއެއް ޤާއިމުކުރުމާއި މިސްކިތްތަކަކީ އިސްލާމީ ޚިދުމަތްތަކެއް ލިބެން ހުންނަ ތަނަކަށް ހެދުމަށްޓަކައި މަސައްކަތް ވަނީ ފަށާފައެވެ. އެގޮތުން މިސްކިތުގައި އިސްލާމިކް ލައިބްރަރީ ޤާއިމްކުރުމުގެ ގޮތުން ރާއްޖޭގެ ކަންކޮޅުތަކުގެ އިސްލާމިކް ސެންޓަރުތަކުގައި އިސްލާމިކް ލައިބްރަރީ ހެދުމަށް ފޮތް ފޯރުކޮށްދިނުމުގެ މަސައްކަތް ވަނީ ފަށާފައެވެ. އަދި އެތަންތަނުގައި ލައިބްރަރީ ހެދުމަށް ކުރަންޖެހޭ އިދާރީ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
ދާރުލް އަރުޤަމުގެ ކުރެހުން ތައްޔާރުކުރުމަށް އިޕޮލް އެސޯސިއޭޓްސްއާ އެކު އެއްބަސްވުމުގައި ސޮއިކުރުން
އަރަބި ބަސް އުނގެނެވޭނެ ފުރުޞަތު ފުޅާކުރުން.
ޢަރަބި ބަސް އުނގެނެވޭނެ ފުރުޞަތު ފުޅާކުރުމުގެ ގޮތުން، އިމާމުންނަށް ހާއްސަކޮށް ޢަރަބި ބަސް ދަސްކޮށްދޭ ކޯސްތަކެއް ވަނީ ފަރުމާކުރެވިފައެވެ. މިހާތަނަށް މި ކޯހުގެ ލެވެލް 01 އަދި ލެވެލް 02 އިން ޖުމްލަ 56 އިމާމުންނަށް ވަނީ ކިޔަވާދެވިފައެވެ. އަދި މި ކޯހުގެ ލެވެލް 03 ގައި 40 އިމާމުން ބައިވެރިވެ، ކޯހުގެ ކިޔެވުންދަނީ ފުރިހަމަކުރަމުންނެވެ.
މިސްކިތްތަކާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާއަރުވާ ޚާއްޞަ ކޮމިޓީއެއް، ޢިލްމުވެރިންގެ މައްޗަށް އެކުލެވޭގޮތަށް، ޤާއިމުކުރުން.
ފަތުވާ މަޖިލީހާއި އިސްލާމިކް ޔުނިވާސިޓީ ފަހުމުނާމާއެއްގައި ސޮއިކުރުމުގެ ރަސްމިއްޔާތު
މިސްކިތްތަކާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާއަރުވާ ޚާއްސަ ކޮމެޓީއެއް، ޢިލްމުވެރިންގެ މައްޗަށް އެކުލެވޭގޮތަށް ޤާއިމުކުރުމަށާއި، އެ ކޮމެޓީގެ ބެލުމުގެ ދަށުން މިސްކިތްތަކުގެ ޙާލަތު މެދުނުކެނޑި ދެނެގަނެވޭނެ ނިޒާމެއް ޤާއިމުކުރުމަށްޓަކައި، މިސްކިތްތަކާބެހޭ ޤައުމީ މަޖިލިސް ވަނީ އިފްޠިތާޙްކޮށްފައެވެ.
ޙާފިޡުން ޢުމްރާއަށް ފޮނުވުމަށް ނިންމައި ޙާފިޡުން އިތުރުކުރުމުގެ މަސައްކަތް
ކީރިތި ޤުރުއާން ހިތުދަސްކުރުމާއި، ޙާފިޡުންގެ އަދަދު އިތުރުކުރުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވަރަށް ބޮޑު އަޙައްމިއްޔަތުކަމެއް ދެއްވައިގެން ކުރައްވަމުން ގެންދަވާ ކަމެކެވެ. މި މަޝްރޫޢުގެ ދަށުން މިހާތަނަށް 6 ޙާފިޡުންނަށް ފުރުސަތު ވަނީ ދެއްވާފައެވެ.
އުމްރާ އަޅުކަމުގެ 6 ވަނަ ފުރުސަތު ލިބިފައިވާ އަލްޙާފިޡާ ޔުމްނާ ޢަބްދުލް ޢަޒީޒް
"ޤުރުއާން ހިތުދަސްކުރުމަކީ ވަރަށް ބޮޑު އަދި ވަރަށް މާތް ކަމެއްކަމެއް ޙިފްޡުކުރާ ކުދިން ޢުމްރާއަށް ފޮނުވުމަކީ ހިތްވަރުދިނުމުގެ ގޮތުން ކުރައްވާ ކަމެއް، މިކަމަށް ޚަރަދުކުރާނީ އެކި ފަރާތްތަކުން ލިބޭ ދީލަތި އެހީތެރިކަމުގެ ތެރެއިންކަމަށާއި މި ފަދަ ކަންކަމުގައި މުޖުތުމަޢުގެ ވީހައި ގިނަ ބަޔަކު ބައިވެރިވުމަކީ ދިވެހިރާއްޖޭގެ އިސްލާމީ ޝިޢާރުތައް ދެމެހެއްޓުމަށްޓަކައި އަދި ޤުރުއާން ހިތުދަސްކުރާ ޖީލެެއް ބިނާ ކުރުމަށް ޓަކައި ވަރަށް ބޭނުންތެރި އެހައިމެ މުހިންމު ކަމެއް" - އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ
ނިމިގެން މިދިޔަ އަހަރުތެރޭގައި އިސްލާމީ ނޫރާއި އަޤީދާ ކުރިއެރުވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ މެނިފެސްޓޯގައި ހިމެނޭ އިސްލާމްދީނާއި ގުޅޭމުހިންމު ގިނަ ކަންތައްތަކެއް ކުރެވިފައިވާ އަހަރެކެވެ.