ENGLISH
05 ޖުލައި 2025
2024: އިޖުތިމާޢީ ރައްކާތެރިކަން ކަށަވަރުކުރުމުގައި ބޮޑެތި ކުރިއެރުންތަކެއް ލިބުނު އަހަރެއް
01 ޖެނުއަރީ 2025
|
ދިވެހި ޒަޢާމަތާ ހަވާލުވެޑައިގަންނަމުން، އިސްރަށްވެހިންނާ މުޚާޠަބުކުރައްވާ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވެއެވެ.
"" - ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު
"ތިޔައީ، ތިޔަބޭފުޅުންގެ ކޮނޑުފުޅުމަތީގައި މިއަދުގެ ޖީލުތައް މިއަދާ ހަމައަށް އުފުލައިދިން އަމާނާތްތެރި ހިންމަތްތެރީން. ނެތް ވަސީލަތުގައި ހައިހޫނުކަމާއެކު ނުހަނު ދަތިހާލުގައި ރާއްޖެ ބިނާކުރުމުގައި އިއްޔެ އަވަދިނެތި އުޅުއްވީ ތިޔަބޭފުޅުން. މިކަންކަމުގެ ތަފުސީލު، އަދުގެ ޖީލުތަކަށް ފޯރަން އެބަޖެހޭ. رَسُولُ ٱللَّهِ صـلّى الله عَلـَيـهِ وَسَـلّم ގެ ޙަދީޘްފުޅެއްގެ މާނައިގައި އޮންނަނީ، ދޮށީއުމުރުގެ މީހުންނަށް ޤަދަރުނުކުރާ އަދި ކުޑަކުދީންނަށް ކަމޭނުހިތާ މީހަކީ ތިމަންކަލޭގެފާނުގެ އުންމަތުގެ ތެރެއިން ހިމެނިގެންވާ މީހެއް ނޫންކަމަށް. އެހެންވީމާ، މިކަމުންވެސް ތިޔަބޭފުޅުންނަށް ލިބެންޖެހޭ އިޙްތިރާމު އެބަ ކަށަވަރުވެގެންދޭ. އިރާދަކުރެއްވިއްޔާ، އަޅުގަނޑު ތިޔަ ޢިއްޒަތްތެރި އިސްރަށްވެހީން، މުޖުތަމަޢުގައި ހަވާސާއެއް ނުކުރާނަން. އޭގެ ބަދަލުގައި އަޅުގަނޑު މި އުފައްދާ ސަރުކާރު ވާނީ އިސްރަށްވެހީންނާ ކަވާސާ ސަރުކާރަކަށް."
މިދިޔަ 2024 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ ވަނީ، އިސްރަށްވެހިންނާއި، އަދި އެނޫންވެސް، އިޖުތިމާޢީ ރައްކާތެރިކަން ޙައްޤުވާ މީހުންނަށް ކަވާސާ މުޖުތަމަޢެއް ބިނާކުރުމުގެ މަޤްޞަދުގައި މުހިންމު މަސައްކަތްތަކެއް ކުރައްވާފައެވެ.
އިސްރަށްވެހިންގެ އާބާދީ- ހަވާސާ އިން ކަވާސާއަށް
2024 ވަނަ އަހަރަކީ އިސްރަށްވެހިންނަށް ބާއްޖަވެރިކަން ގެނެސްދިން އަހަރެކެވެ. އިސްރަށްވެހީންނަށް ހިތްހަމަޖެހުމާއި އުފާވެރިކަން ޔަޤީންކޮށްދިނުމަށްޓަކައި ތަފާތު ޚިދުމަތްތައް ހިމެނޭގޮތަށް ރާއްޖޭގެ އުތުރު، ދެކުނު އަދި މެދުރާއްޖެތެރޭގައި މަރުކަޒުތަކެއް ޤާއިމުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ.
އިސްރަށްވެހިންގެ ނާދީ ހުޅުވުމުގެ ރަސްމިއްޔާތުގެ ތރެރެ
އެ ގޮތުން، މާލޭގައި އިސްރަށްވެހިންގެ ނާދީ ހުޅުވީ 15 ފެބްރުއަރީގައެވެ. އަދި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިސްރަށްވެހިންގެ ނާދީ ހުޅުވުމުގެ ތައްޔާރީތައް ކުރިއަށްއެބަދެއެވެ. މާލޭ އިސްރަށްވެހިންގެ ނާދީގައި އިސްރަށްވެހިން ބާރުވެރިކުރުވުމަށާއި، މުނިފޫހި ފިލުވުމަށާއި، ހުނަރުތައް އިތުރުކުރުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރެވިފައިވެއެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިސްރަށްވެހިންނަށް އަމާޒުކޮށްގެން ޚާއްޞަ މަސައްކަތްތައް ކުރިއަށްގެންގޮސްފައިވެއެވެ.
މި ސަރުކާރުން އިސްރަށްވެހިން ބާކީ ނުކުރާނޭކަމަށް ވެވަޑައިގެންނެވި ވަޢުދުފުޅާ އެއްގޮތްވާގޮތުގެ މަތީން، އެކި ދާއިރާތަކުގައި ރައީސުލްޖުމްހޫރިއްޔާއަށް ލަފާއަރުވާ މުހިންމު އިސްވާރުންގެ ގޮތުގައި އިސްރަށްވެހިން އެކަށައަޅުއްވާފައިވާކަންވެސް ފާހަގަކުރެވެއެވެ.
އިސްރަށްވެހިންނަށް ބޭނުންވާ ބޭސްފަރުވާގެ އެހީއަށް ބަލާލާއިރު، ދާނުގައި ތިބޭ އިސްރަށްވެހިންނަށް ގާތުން ޚިދުމަތް ފޯރުކޮށްދިނުމާއެކު، މިހާރު ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމާ ގުޅޭގޮތުން ކަމާ ގުޅުންހުރި އިދާރާތަކާ މަޝްވަރާކޮށް، މުހިންމު މަސައްކަތްތަކެއް ކޮށްފައިވެއެވެ.
ޙާލު ކިހިނެއް؟
ރައްޔިތުންނާ ގާތުން ކަންކަން ބެއްލެވުމުގެ ސިޔާސަތުގެ ދަށުން، ރައްޔިތުންގެ ޙާލު ބައްލަވަނީ ހަމައެކަނި ރައީސުލްޖުމްހޫރިއްޔާއެއް ނޫނެވެ. އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން އިސްނަގައިގެން "ޙާލު ކިހިނެއް؟" ޕްރޮގްރާމުގެ ދަށުން، ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގެ ކޮންމެ ގޭބިސީއަކަށް ޒިޔާރަތްކުރުމުގެ މަސައްކަތް ފައްޓަވާފައިވަނީ 2024 ވަނަ އަހަރުއެވެ. މި ޕްރޮގްރާމުގެ މަޤްޞަދަކީ، މެދުވެރިއަކާ ނުލައި ރައްޔިތުންގެ ހާލު ބަލައި، އެހީތެރިކަން ބޭނުންވާ ފަރާތްތައް ދެނެގަނެ، ރައްޔިތުންނާއި ގާތުން ޚިދުމަތް ފޯރުކޮށްދިނުމަށް އެހީތެރިވެ ބާރުއެޅުމެވެ.
"ޙާލު ކިހިނެއް" ޕްރޮގްރާމުގެ ތެރެއިން ރ. އުނގޫފާރުގައި -- ފޮޓޯ: އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ
މި ޕްރޮގްރާމުގެ ތެރެއިން އަމިއްލަ ބޯހިޔާވަހިކަމެއް ނެތުމުގެ މައްސަލައާއި، ގިނަ އާއިލާތަކެއް އެއްތަނެއްގައި އުޅެން ޖެހުމުން ދިމާވާ ދަތިތަކާއި، އެކަށީގެންވާ އާމްދަނީއެއް ލިބޭނެ ވަޒީފާތަކާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތުތައް ހޯދުމުގައި ދިމާވާ ދަތިތަކާއި، ބޭސްފަރުވާ އަށް ހުރި ގޮންޖެހުންތަކާއި އެނޫންވެސް އެތައް މައްސަލަތަކެއް ވަނީ ފާހަގަކުރެވިފައެވެ. މިގޮތަށް ދެނެގަނެވޭ މިފަދަ މައްސަލަތައް ހަމަ އެކަނި ނޯޓުކޮށްލަނީއެއް ނޫނެވެ. އަހަރުގެ އެކި ދުވަސްތަކަށް ބަހާލައިގެން، މި މައްސަލަތައް ހައްލުކޮށްދެވޭނޭ އިދާރާތަކާ މަޝްވަރާކޮށް، ހައްލު ހޯދައިދިނުމަށްޓަކައިވެސް، އެ ޕްރޮގްރާމުގެ ތެރެއިން މަސައްކަތްކޮށްފައިވެއެވެ.
މީގެ އިތުރުން 2022 ވަނަ އަހަރު ޢަމަލުކުރަން ފެށި އިބަމަ އުޞޫލުގެ ދަށުން "ޕްރިވެންޓިވް" އަދި "ރެސްޕޮންސިވް" ފިޔަވަޅު އެޅުމުގެ އަވަސް ނިޒާމެއް ޤާއިމުކުރުމަށާއި، އިޖުތިމަޢީ ދުޅަހެޔޮކަން ދެމެހެއްޓުމުގެ މަސައްކަތްތައް 2024 ވަނަ އަހަރު ވެސް ވަނީ ކުރިއަށްގެންގޮސްފައެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަމާން، ފަހި ވެއްޓެއް ޤާއިމުކުރުން
ނުކުޅެދުންތެރިކަން ހުންނަ މީހުންނަކީ އަމިއްލަ ފައިމައްޗަށް ތެދުވެވިފައިވާ ބާރުވެރި ބަޔަކަށް ހެދުމަށް މުޖުތަމަޢުގެ ތެރެއިން ފަހިކުރަންޖެހޭ ފުރުޞަތުތައް ފަހިކުރުމަށް 2024 ވަނަ އަހަރު ގިނަ މަސައްކަތްތަކެއް ކުރެވިފައިވެއެވެ.
އެގޮތުން، އިޖުތިމާއީ އަދި އާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާއާއި ސިއްޙީ ވުޒާރާ އަދި ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ) ގުޅިގެން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެވޭ ތެރަޕީ ޚިދުމަތުގެ ޤައުމީ މިންގަނޑުތައް އެކުލަވާލުމުގެ މަސައްކަތް ފަށާފައިވަނީ ޖޫން މަހުގެ 3 ވަނަ ދުވަހުއެވެ. މި މިންގަނޑު އެކުލަވާލުމުގެ މަސައްކަތްކުރަމުންދަނީ ކަމާ ބެހޭ މާހިރުންގެ މަޝްވަރާ އާއި ލަފާގެ މަތިންނެވެ.
ވަޒީފާގެ ބާޒާރުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހުރި ފުރުޞަތުތައް އިތުރުކުރުމުގެ ގޮތުންނާއި، އެހެން މީހުންނެކޭ އެއްފަދައިން އެމީހަކު އިޚްތިޔާރުކުރާ ވަޒީފާއެއް އަދާކުރުމުގައްޔާއި މަސައްކަތް ކުރުމުގައްޔާއި ވަޒީފާގެ މައިދާނުގައި ހަމަހަމަ ފުރުޞަތު ހޯދައިދިނުމުގެ މަޤުޞަދުގައި، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުޞަތު ހޯދައިދިނުމާއި ވަޒީފާ ދިނުމުގައި ޢަމަލު ކުރާ ގޮތުގެ ގަވާއިދު ގެޒެޓްކުރީ ވެސް 2024 ވަނަ އަހަރުގެ ތެރޭގައެވެ.
ތެރަޕީ ޚިދުމަތުގެ ޤައުމީ މިންގަނޑުތައް އެކުލަވާލުމުގެ މަސައްކަތުގެ ތެރެއިން-- ފޮޓޯ: އިޖުތިމާއީ އަދި އާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާ
ޖުލައި މަހުގެ 8 ވަނަ ދުވަހު ވަނީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ދޮށީއުމުރުގެ މީހުންގެ ފުރިހަމަ މައުލޫމާތު ހިމެނޭ ޤައުމީ ދަފްތަރެއް އެކުލަވާލުމަށްޓަކައި، ޤައުމީ ފެންވަރުގެ ސާވޭއެއް ކުރިއަށް ގެންދިއުމަށްވެސް ނިންމާފައެވެ.
ކޮމިއުނިޓީ- ބޭސްޑް ރިހެބިލިޓޭޝަން ނުވަތަ މުޖުތަމަޢުގެ ހުރިހާ އެންމެންނަށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާ ގުޅިގެން އުޅުމަށް ދަސްކޮށްދިނުމުގެ ގޮތުން ޔުނައިޓަޑް ނޭޝަންސް އިކޮނޮމިކް އެންޑް ސޯޝަލް ކޮމިޝަން ފޮރ އޭޝިއާ އެންޑް ދަ ޕެސިފިކް (ޔުނެސްކެޕް) އާއެކު ކުރެވުނު މަސައްކަތުގެ ތެރެއިން ތަރައްޤީކޮށްފައިވާ ރިހެބް އެޕްއާ މެދު ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތްތައް ވެސް 2024 ވަނަ އަހަރު ކޮށްފައިވެއެވެ.
މީގެ އިތުރުން، ސްކޫލްތަކާއި، ހޮސްޕިޓާތަކާއި އޮފީސްތަކާއި މަގުތަކުގައި އެކްސެސިބިލިޓީ ހުރި ނެތް ގޮތް ވަޒަންކޮށް، ސަރުކާރުން ފޯރުކޮށްދޭ އޮންލައިން އަދި އެ ނޫން ޚިދުމަތްތައް އެކްސެސިބަލްކުރުމަށް ވެސް މަސައްކަތްތަކެއް ކޮށްފައިވެއެވެ.
ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނަށް ލޯތްބާއި އޯގާތެރިކަން ކަށަވަރުކުރުން
ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ ކުދިންނަށް ދުރު ރާސްތާއެއް ބިނާކޮށް އެކުދިންނަށް ބޭނުންވާ އަޅައިލުމާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގައި، ޢާއިލާއަކީ މުޖުތަމަޢުގެ އެންމެ އަސާސީ އިޖުތިމާޢީ ބައިކަމަށް ދެކި، އަދި އެއީ އެކުދިންގެ ރައްކާތެރިކަމަށާއި، ދުޅަހެޔޮކަމަށާއި، ހެދިބޮޑުވުމަށް އެންމެ އެކަށީގެންވާ ޠަބީޢީ މާޙައުލުކަމަށް ދެކި، އެކުދިންގެ ޢާއިލާއަށް އަނބުރާ ފޮނުވެން އޮންނަ ހާލަތްތަކުގައި އެ ކުދިންގެ ޢާއިލާއަށް އަނބުރާ ފޮނުވުމަށް ޚާއްސަ އިސްކަމެއް ދީގެން، އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ފާއިތުވި 1 އަހަރު ދުވަސް ތެރޭގައި ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.
"ފިޔަވަތި"ގެ އަހަރީ ޙަފުލާގެ ތެރެއިން -- ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
އަދި ޢާއިލާއަށް އަނބުރާ ފޮނުވެން ނެތް ހާލަތްތަކުގައި ފޮސްޓަރ ނިޒާމުގެ ތެރެއިން އެކުދިން ފޮސްޓަރކުރެވޭނެ ނިޒާމެއްވަނީ ގާއިމުކުރެވިފައެވެ. ވަގުތީ ފޮސްޓަރިންގ ދަށުން ކުދިން ފޮސްޓަރކުރުމުގެ އުސޫލުތައް ވަނީ ކަނޑައެޅި، ވަގުތީ ހާލަތެއް މެދުވެރިވެގެން ދައުލަތުގެ ބެލުމުގެދަށަށް ނެގޭ ކުދިންނަށް އެކުދިން ޢާއިލާއަށް އަނބުރާ ރުޖޫއަވެންދެން ޢާއިލީ މާހައުލެއް ހޯދައިދިނުމުގެ ފުރުޞަތު ފަހިވެގެންގޮސްފައެވެ.
މިދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި 50 ކުއްޖަކު ޢާއިލީ ވެއްޓަކަށް ރުޖޫޢަވެ ތިބެ ދިރިއުޅުމުގެ ފުރުޞަތު ފަހިކޮށްދެވި، އިތުރު 25 ކުއްޖަކަށް މިފުރުޞަތު ގާއިމްކޮށްދިނުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ.
ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު: ބިނާކުރަނިވި ބޮޑެތި ބަދަލުތަކެއް
27 މޭ 2024 ގައި ވަނީ، ކ. ގުރައިދޫގައި ހުންނަ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ތިބޭ ފަރާތްތަކަށް ބޭނުންވާ ޞިއްޙީ، ނަފްސާނީ އަދި އިޖުތިމާޢީ ހުނަރު ޕްރޮގްރާމްތަކާއެކު ފަރުވާ ފުރިހަމަކުރުމަށްފަހު ޢާއިލާތަކަށް ރުޖޫޢަވުމުގެ ކުރިން ގޭތެރޭގެ ދިރިއުޅުން ދަސްކޮށްދިނުމަށް ރީއިންޓަގްރޭޝަން ވޯޑުގެ ނަމުގައި މުޅިން އައު 2 ވޯޑެއް ހުޅުވާފައެވެ.
ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ދިމާވެފައިވާ ޖާގައިގެ ދަތިކަންހައްލުކުރުމުގެ ގޮތުން، އިތުރު އެނދު ހޯދައި، ކުޑަކުދިން ބޭތިއްބުމަށް ޚާއްޞަ ވޯޑެއް ޤާއިމް ކުރެވިފައިވެއެވެ. މީގެ އިތުރުން ނަރުހުންނާއި ތެރަޕިސްޓުން އިތުރުކޮށް، 4 ކައްކާ އިންނާއި 4 އެޓެންޑެންޓުން ވަނީ ޚިދުމަތަށް ނުކުމެފަވެއެވެ. އަދި ޢާއްމު ބަލިތަކުގެ މެޑިކަލް ޑޮކްޓަރެއް ޚާއްޞައެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި މަސައްކަތް ކުރަމަށް ވަނީ ފަށާފައިއެވެ.
މި މަރުކަޒަށް އައި އެންމެ ރަނގަޅު އެއް ބަދަލުކަމުގައި ބެލެވިފައިވަނީ، ނަފްސާނީ ނުކުޅެދުންތެރިކަމުގެ ސަބަބުން މުޖުތަމަޢު ތެރޭގައި ގެންގުޅުން ރައްކާތެރިކަމަށް ނުފެންނަ ފަރާތްތަކާއި، ޢާއިލާއާއި މުޖުތަމަޢުން އަޅާލުން ނުލިބި، ބެލެނިވެރި އަދި ބަލަދުވެރި ފަރާތެއް ނެތި ބެލެހެއްޓުމުގެ ޒިންމާއިން ހަވާސާވެފައިވާ ފަރާތްތަކަށް ދައުލަތުން ރައްކާތެރިކަން ފޯރުކޮށްދިނުމަށްޓަކައި ހިންގާ މި މަރުކަޒު، މިނިސްޓްރީ އޮފް ހެލްތުގެ މެންޑޭޓުގެ ތެރެއިން ހިންގަވާގޮތަށް ނިންމެވުމެވެ.
ކުޑަކުދިންގެ ރައްކާތެރިކަމާ ގުޅޭ އޮނިގަނޑު ކުޑަ
މި އަހަރުގެ ސެޕްޓެންބަރު މަހު ވަނީ، ކުޑަކުދިންގެ ޙައްޤުތަކާއި ރައްކާތެރިކަމާއި ގުޅޭ ޤައުމީ ޕުލޭން އިފްތިތާހުކޮށްފައެވެ. މި ޤައުމީ އޮނިގަނޑު އިފްތިތާހުކޮށް، އަމަލީގޮތުން މަސައްކަތްކުރުވެން ފެށުން ވެގެންދާނީ ރާއްޖެއިން ސޮއިކޮށްފައިވާ އދ. ގެ "ޗައިލްޑް ރައިޓްސް ޕްރޮޓެކްޝަން އެކްޓް އެންޑް ދަ ކޮންވެންޝަން އޮން ދަ ރައިޓްސް އޮފް ދަ ޗައިލްޑް" މުޢާހަދާއަށް އަމަލުކުރުމަށް އެޅިގެންދާނެ އިތުރު ފިޔަވަޅަކަށެވެ. އަދި ޔުނިސެފް މޯލްޑިވްސްއާ އެކީގައި އިޖުތިމާޢީ އަދި ޢާޢިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ކުރަމުންގެންދާ މި މަސައްކަތުގެ ސަބަބުން ކުޑަކުދިންގެ ކަރާމާތާއި، ރައްކާތެރިކަމާއި ދުޅަހެޔޮކަން ކަށަވަރުކުރުމަށް އިތުރު ބާރެއް ލިބިދޭނެ ވެސްމެއެވެ.
މީގެ އިތުރުން، ކުޑަކުދިންނަށް ކުރާ އަނިޔާއިން ރައްކާތެރިކުރުމަށް އަދި އެކަމަށް ފިޔަވަޅު އެޅުމަށް އެކުލަވާލެވޭ ޤައުމީ އެކްޝަން ޕްލޭން (2028-2024) އާއި ގުޅޭގޮތުން މަސައްކަތްތަކެއްވެސް 2024 ވަނަ އަހަރު ކުރިއަށްގެންދިޔައެވެ.
އެންސްޕާ އަދި އާސަންދަ
ފާއިތުވި 1 އަހަރު ތެރޭގައި ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ އަދި އާސަންދައިން ވަނީ މުހިންމު ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. މިގޮތުން އެންޑޮމެޓްރިއޯސިސް' އަދި 'ޕީސީއޯއެސް' ފަދަ އަންހެނުންނަށް ދިމާވާ ޞިއްޙީ މައްސަލަތަކަށް ޚާއްޞަ ފަރުވާ، އާސަންދަ މެދުވެރިކޮށް ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސައިދީފައެވެ. އަދި މިކަމާ ގުޅޭ ފަރުވާގެ ނިޒާމު ސަރުކާރު ހޮސްޕިޓަލްތަކުގައި ވަނީ އިތުރަށް ހަރުދަނާކުރެވިފައެވެ.
އޭގެ އިތުރުން، އާސަންދަ ހިންގުމުގެ ގަވާއިދު އިޞްލާޙު ކުރުމަށްފަހު، އާސަންދަ ސްކީމުން ފަރުވާ ލިބޭގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި، އާސަންދަ ސްކީމުން އިތުރު ޚިދުމަތް ފޯރުކޮށްދިނުމާ ގުޅޭ އުސޫލު ވަނީ ގެޒެޓްކުރެވިފައެވެ.
އާސަންދަ ޚިދުމަތް ލިބޭ ބޭސްފިހާރައެއް -- ފޮޓޯ: އާސަންދަ ކޮމްޕެނީ
އަދި އެންޑޯމެޓްރިއޯސިސް އަށް ޚާއްސަ ކްލިނިކްއެއް އައިޖީއެމްއެޗްގައި ފެށުމާ ގުޅޭގޮތުން އަދާހަމަ ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މީގެ އިތުރުން، ބޭރުގެ ޤައުމުތަކުގައި ހޮސްޕިޓަލް ބަދަލުކުރަން ނަގާ ފީ އާސަންދައިން ކަށަވަރުވާގޮތް ހެދުމުގެ މަސައްކަތްތަކުގެ ތެރެއިން، އާސަންދަ ސްކީމްގައި ރަޖިސްޓްރީ ކުރެވިފައިވާ ބޭރުގެ ހޮސްޕިޓަލްތަކުގެ ފެންވަރު ވަޒަންކުރާނެ ގްރޭޑިންގ ނިޒާމެއް ކަނޑައަޅައި ގްރޭޑިންއާ އެއްގޮތްވާ ގޮތުގެ މަތީން، ރާއްޖެއިން ބޭރުން ފަރުވާކުރުމަށް ސްކީމުން ކަނޑައަޅާ ހޮސްޕިޓަލު ބަދަލުކުރުމަށް (ބަލިމީހާ ބޭނުންވާ ޙާލަތުގައި) ބަލިމީހާ އަތުން އިތުރު ޚަރަދަކާ ނުލައި ހޮސްޕިޓާ ބަދަލުކުރެވޭނެ އިންތިޒާމު ވަނީ ހަމަޖެއްސިފައެވެ.
ހަމައެއާއެކު، އާސަންދައިގެ ދަށުން ކޮންމެ 2 އަހަރަކުން އެއްފަހަރު މެޑިކަލް ޗެކަޕް ހެދޭނެގޮތް ވަނީ ތަޢާރަފްކުރެވިފައެވެ. އާސަންދަ ސްކީމް މެދުވެރިކޮށް ކަނޑައެޅޭ ވަކި އުސޫލެއްގެ ދަށުން، ދިވެހި ކޮންމެ ރައްޔިތަކަށް އަހަރަކު 2 ފަހަރު މެޑިކަލް ޗެކަޕް ހެދުމަށް ވަނީ ހުޅުވާލެވިފައެވެ. އަދި އެކިއެކި އުމުރުފުރާތަކަށް ޚާއްސަ ޕެކޭޖްތައް އެކުލަވައިލައި މިނިސްޓްރީ އޮފް ހެލްތު އަދި ޞިއްޙީ މާހިރުންގެ ލަފާފުޅާ އެއްގޮތަށް ޕެކޭޖްތައް ވަނީ ފައިނަލް ކުރެވިފައެވެ.
މީގެ އިތުރުން، އާސަންދަ ސްކީމުން އިތުރު ޚިދުމަތް ފޯރުކޮށްދިނުމާ ގުޅޭ އުސޫލު ވަނީ ގެޒެޓްކުރެވިފައެވެ. އަދި 55 އަހަރުން މަތީގެ ފަރާތްތަކަށް މެޑިކަލް ޗެކަޕް ހެދޭނެ އިންތިޒާމް މިހާރު ވަނީ ހަމަޖެހިފައެވެ.
އައިވީއެފް ޓްރީޓްމަންޓް' ހިމެނޭހެން ދަރިމައިވުމާގުޅޭ ފަރުވާގެ ޚިދުމަތްތައް، އާސަންދަ މެދުވެރިކޮށް ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުން މި މަސައްކަތުގެ ތެރޭގައި ހިމެނެއެވެ.
އަދި އާސަންދަ ސްކީމްގެ ތެރެއިން ލިބިނުދެވޭ ޚިދުމަތްތަކުގެ ދަށުން އިންފަރޓިލިޓީ އުނިކޮށް، ދަރިން ނުލިބޭ މީހުން ދަރިން ހޯދުމަށް ކުރާ ފަރުވާ އިސްތިސްނާ ނުވާނެހެން، އާސަންދަ ސްކީމް ހިންގުމުގެ ގަވާއިދު ވަނީ އިސްލާހުކުރެވި، ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، މި ޚިދުމަތް ފޯރުކޮށްދޭން ފަށައިފައެވެ.
ރަދީފް ·