ENGLISH

05 ޖުލައި 2025

Advertisement

ރައީސްގެ އާއަހަރުގެ ޚިޠާބު: އަޅުގަނޑުމެންގެ ފަރުދީ ޢަޒުމަކަށް ވާންވީ، ކަންކަމާ މެދު ހެޔޮ ރަނގަޅު ވިސްނުން ކުރިޔަށް ނެރުން

01 ޖެނުއަރީ 2025

|

އަހުމަދު އަބްދުﷲ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު

އާ އަހަރުގައި އަޅުގަނޑުމެންގެ ފަރުދީ ޢަޒުމަކަށް ވާންވީ، ކަންކަމާ މެދު ހެޔޮ ރަނގަޅު ވިސްނުން ކުރިޔަށް ނެރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

އެމަނިކުފާނު މިހެން ވިދާޅުވީ މީލާދީ އާހަރާ ގުޅުވައިގެން މިރޭ ދެއްވި ޚިޠާބެއްގައެވެ. 

"ޞުލްޙަ މަޞްލަޙަތު އިސްކުރުމެވެ. ތަރައްޤީ އާއި ހިތްހަމަޖެހުމުގެ ބިންގަލަކީ އަމާންކަމެވެ. އިޙްތިރާމާއި ކުލުނުވެރިކަމެވެ. އެހެންކަމުން، މި ފެށުނު އާ އަހަރަކީ ތަރައްޤީގެ އަހަރަކަށް ހެދުމަށް ޓަކައި ކޮންމެ ރައްޔިތަކު ވެސް ކަންކަމާ މެދު ހެޔޮ ރަނގަޅު ވިސްނުން އިސްކުރުމަށް އަޅުގަނޑު އިލްތިމާސްކުރަމެވެ. ރަނގަޅު ކުރަން ޖެހޭ ކަންކަމަށް ރަނގަޅު ގޮތުގައި މަގުދެއްކެވުމަށް އެދެމެވެ." - އެމަނިކުފާނުގެ ހިޠާބުގައި ވިދާޅުވެފައިވެއެވެ. 

"އާ އަހަރަކީ އަބަދުވެސް ޢަޒުމުތައް ކަނޑައެޅުމުގެ ފުރުޞަތެކެވެ. ޤައުމީ ފެންވަރުގައްޔާއި، ޖަމާޢަތުގެ ފެންވަރުގައްޔާއި، ފަރުދީ ފެންވަރުގައި ވެސް އާ އަހަރުގެ ޢަޒުމު ކަނޑައެޅިދާނެއެވެ. ސަރުކާރުގެ ޢަޒުމަކީ، ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި ރެޔާއި ދުވާލު އިޚްލާޞްތެރިކަމާއެކު ދެމި އޮތުމެވެ. ވަޢުދުތައް ފުއްދުމެވެ. އިތުބާރު ދެމެހެއްޓުމެވެ. އަބަދު ވެސް ރައްޔިތުންނާ އެންމެ ގާތުގައިވުމެވެ. މައްސަލަތަކަށް ދާއިމީ ހައްލު ހޯދައިދިނުމެވެ." -

އެމަނިކުފާނު ވިދާޅުވި ގޮތުގައި މި ވަގުތަކީ އާ އަހަރެއްގެ އަލިވިލުން ދުނިޔެ ދެކެމުންދާ ވަގުތެވެ. މީލާދީ ސަނަތުން 2025 ވަނަ އަހަރަށް މަރުޙަބާ ކިޔާ ވަގުތެވެ. މާތް ﷲގެ ވާގިފުޅާއެކު، މި އުފާވެރި ވަގުތާ ދިވެހިރާއްޖެ މި ބައްދަލު ކުރަނީ އުންމީދުގެ ދަންމަރުތަކާ އެކީގައެވެ. ތަރައްޤީގެ ތަޞައްވުރުތަކާ އެކީގައެވެ. ދިވެހި އިސްލާމީ އަޚްވަންތަކަމާ އެކީގައެވެ.

"މި މަތިވެރި އިޙްސާސްތަކާއެކު، މި ފެށޭ މީލާދީ އާ އަހަރުގެ ހެޔޮ އެދުމާއި ތަހުނިޔާ ދިވެހިރާއްޖޭގެ ލޮބުވެތި އެންމެހައި ރައްޔިތުންނަށް ނުހަނު އިޚްލާޞްތެރިކަމާއެކު އަރިސްކުރަމެވެ." - މީލާދީ އާ އަހަރުގެ ތަހުނިޔާ ފޮނުއްވަމުން ރައީސް ވިދާޅުވިއެވެ. 

"ދިވެހި ދައުލަތަކީ މިއަދު ކަނޑައެޅިފައިވާ ވަކި އަމާޒުތަކަކަށް ދަތުރުކުރާ ދައުލަތެކެވެ. ވަކި ލަނޑުދަނޑިތަކެއް ހާސިލުކުރުމަށް ޓަކައެވެ. ރާއްޖޭގެ އަމިއްލަ މިނިވަންކަމާއި، ދިވެހި ޤައުމިއްޔަތު ދިފާޢުކޮށް ކަށަވަރުކުރުމުގެ އަމާޒެވެ. ދިވެހި ކޮންމެ ރައްޔިތަކަށް ބޯހިޔާވަހިކަން ކަށަވަރުކުރުމުގެ އަމާޒެވެ. ބޭސްފަރުވާއާއި އާންމު އަސާސީ ޚިދުމަތްތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ އަމާޒެވެ. ހަމައެހެންމެ، ރާއްޖޭގެ ތަފާތު އެކިއެކި ކަންކޮޅުތަކަށް ގެނެވޭ އުމްރާނީ ކުރިއެރުމެވެ. ދުސްތޫރީ އިޞްލާޙުތަކެވެ. އެކި ރޮނގުރޮނގުން ސިންދަފާތުކޮށް ފުޅާކުރެވޭ އިޤުތިޞާދެވެ. މި ހުރިހައި ކަމަކާއެކީގައި ތަރައްޤީވެފައިވާ ޤައުމުތަކުގެ ސަފަށް ހިޖުރަކުރުމަށް ކުރަހާލެވިފައިވާ ސާފު މަގުޗާޓެވެ. ދިވެހިރާއްޖޭގެ ތަރައްޤީގެ ދަތުރުގެ މިއަދުގެ އަމާޒަކީ މިއެވެ."

އެމަނިކުފާނު ވިދާޅުވި ގޮތުގައި 2025 ވަނަ އަހަރު ހިމެނިގެންދާނީ މި ކަންކަމުގެ ޢަމަލީ މަސައްކަތްތަކުގެ އަހަރުގެ ގޮތުގައެވެ. އެ ގޮތުން، ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި ތަރައްޤީގެ އެކި މަޝްރޫޢުތައް ފެށޭނެ ކަމަށާއި އެކަމުގެ ނަތީޖާއަކަށް ވާނީ، އިޤުތިޞާދީ ފުދުންތެރިކަން އިއާދަވުންކަން ފާހަގަ ކުރެއްވިއެވެ. އަދި މަސައްކަތްތެރީންނަށް ފުރުޞަތުތައް ހުޅުވިގެން ދިޔުމާއެކު، އާންމު ތިޔާގި ކަމެއް މުޅި ޤައުމަށް ލިބެން ފަށާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. 

"އިރާދަކުރެއްވިއްޔާ 2025ވަނަ އަހަރަކީ ތިޔާގިކަމުގެ އަހަރެވެ. މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތުގެ އަހަރެވެ. އެންމެން ގުޅިގެން ޤައުމީ ތަރައްޤީގައި އެއް އަމާޒަކަށް ދަތުރުކުރުމުގެ އަހަރެވެ. ދިވެހީންގެ ރާއްޖޭގެ އަންނަން އޮތް މުސްތަޤުބަލަށް ޓަކައި ޒިންމާދާރުކަމާއެކީ ޤައުމު ބިނާކުރުމުގެ އަހަރެވެ. އޯގާވަންތަ ﷲ، މި ގޮތުގައި އަޅުގަނޑުމެންނަށް ހެޔޮ ތައުފީޤު ދެއްވާށިއެވެ! މި ލޮބުވެތި ވަޠަން މިނިވަންކަންމަތީ އަބަދުމެ ލަހައްޓަވާށިއެވެ! އާމީން!" - ޚިޠާބު ނިންމަވާލައްވަމުން އެމަނިކުފާނު ވިދާޅުވެފައިވެއެވެ. 


ކިޔުންތެރިންގެ ހިޔާލު