ENGLISH
05 ޖުލައި 2025
2024: މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއަށް ކާމިޔާބު އަހަރެއް
02 ޖެނުއަރީ 2025
|
ރައީސުލްޖުމްހުރިއްޔާ 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމު އިފްތިތާޙުކުރެއްވުން...
ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުޢިއްޒު 2023 ނޮވެމްބަރު 17 ގައި ވެރިކަމާ ހަވާލުވެ ވަޑައިގެން، ސަރުކާރުގެ ކެބިނެޓަށް ބަދަލު ގެންނަވައި، ކެބިނެޓްގައި ހިމެނޭ ވުޒާރާތަކަށް އެންމެ ޤާބިލު ވަޒީރުން ވަނީ ހަމަޖައްސަވައިފައެވެ. އެގޮތުން، މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާގެ މަސައްކަތްތަކަށް ވެސް ވަނީ އެމަޤާމަށް ޤާބިލު، އަދި އެންމެ އެކަށޭނެ ވަޒީރެއް ހަމަޖައްސަވައިފައެވެ. ޠާރިޤް އިބްރާހިމްގެ މާލިމީ ކަމުގެ ދަށަށް އެ ވުޒާރާ ދިޔަތާ މާ ގިނަ ދުވަސްތަކެއް ނުވި ނަމަވެސް އެ ވުޒާރާއިން ވަނީ އެތައް ކަމެއް މިއަހަރު ތެރޭގައި ޙާޞިލްކޮށްފައެވެ. ނަމަވެސް ކުރީގެ ސަރުކާރުތަކުގައި މިއީ އޮންނަ ވުޒާރާއެއް ކަން ވެސް ގިނަ ދިވެހި ރައްޔިތުންނަށް އެނގިފައެއް ނެތެވެ.
ފާއިތުވި އަހަރުގެ ތެރޭގައި މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަށްވާފައިވެއެވެ. އެގޮތުން، މިނިސްޓްރީގެ ތަފާސް ހިސާބުތަކަށް ބަލާއިރު 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް 125 ރަށެއްގައި ފެނުގެ ނިޒާމު ޤާއިމުކޮށް ނިންމައި އަދި ޖުމްލަ 134 ރަށެއްގެ ނަރުދަމާ ނިޒާމު ޤާއިމުކޮށްފައިވާ ކަމަށް ދައްކައެވެ. އަދި ރަށްރަށް ފެނަށް ޖެހޭ ހާލަތްތަކުގައި އެ ރަށްރަށަށް ފެން ފޯރުކޮށްދިނުމަށްޓަކައި ފެނަކައާއެކު އެކުލަވައިލާފައިވާ އެއްބަސްވުމުގެ ދަށުން މިއަހަރުގައި ފެން ފޯރުކޮށްދިނުމަށް އެދިފައިވާ 20 ރަށަކަށްވަނީ އެ ޚިދުމަތް ފޯރުކޮށްދެއްވާފައެވެ. މާލެ އަދި ވިލިމާލޭގެ ފެނާއި ނަރުދަމާގެ ނިޒާމު މަރާމާތުކޮށް އަޕްގްރޭޑް ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް އިތުރަށް ދެނެގަތުމަށްޓަކައި މާލޭ ވޯޓާރ އެންޑް ސްވަރޭޖް ކޮމްޕެނީއާއެކު ފަހުމުނާމާއެއްގައި ސޮއިކޮށް، މިކަމާ ގުޅޭ އެސެސްމެންޓްތައް ހެދުމުގެ މަސައްކަތްވެސް މިއަހަރު ވަނީ ފަށާފައެވެ. ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަންފަރުގެ ބިމުގެ ފެންފަށަލަ ހިމާޔަތްކޮށް ދެމެހެއްޓެނިވި ގޮތެއްގައި ދަނޑުވެރިންނަށް ފެން ހޯދައި ދިނުމުގެ އިންފިލްޓްރޭޝަން ސްކިމިން ގެލަރީ ނިޒާމެއް ކްލައިމެޓް ޓެކްނޮލޮޖީ ސެންޓަރ އެންޑް ނެޓްވޯކްގެ ހިލޭ އެހިގެ ދަށުން ވަނީ ޤާއިމުކޮށްފައެވެ.
މޫސުމަށް އަންނަ ބަދަލުތަކުން ސަލާމަތްވުމަށްޓަކައި ނޭޝަނަލް ގްރީންހައުސްގޭސް އިންވެންޓްރީ ތައްޔާރުކުރުމަށްޓަކައި ދަތުރުފަތުރުގެ ދާއިރާގެ ޑޭޓާ މެނޭޖްމަންޓް ސިސްޓަމް ހަރުދަނާކުރުމަށް އެ މިނިސްޓްރީއިން ދަތުރުފަތުރާއި މަދަނީ އުދުހެންތަކާ ބެހޭ ވުޒާރާއާ ދެމެދު ވަނީ ފަހުމު ނާމާއެއްގައި ސޮއިކޮށްފައެވެ. މީގެ އިތުރުން، "ލޯ އެމިޝަންސް އެނަލިސިސް ޕްލެޓްފޯމް" (ލީޕް) ސޮފްޓްވެއަރ ބޭނުންކުރުމުގެ ތަމްރީނު ޕްރޮގްރާމެއް ވަނީ ހިންގާފައެވެ.
ދިރޭތަކެތީގެ ނަސްލުތައް ހިމާޔަތްކޮށް ރައްކާތެރިކުރުމުގެ ގޮތުން އެ މިނިސްޓްރީއިން ވަނީ ޤައުމީ ފެންވަރުގައި އަދި ބައިނަލްއަޤްވާމީ ފެންވަރުގައި އެތައް މަސައްކަތްތަކެއް ކުރައްވާފައެވެ. އެގޮތުން، ހައްދުންމަތީގެ ތިމާވެށި ރައްކާތެރިކުރުމުގެ ގޮތުން ބޭރުގެ އެހީގައި ހިންގާ ޕްރޮޖެކްޓެއްގެ ދަށުން އެއަތޮޅުގެ ދަނޑުވެރިކަމުގެ މަސައްކަތް އެންމެ ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ ހަތަރު ރަށް ކަމުގައިވާ އިސްދޫ، ކަލައިދޫ، ދަނބިދޫ އަދި ގަމުގެ ބިމުގެ ފެނުގެ ހާލަތު ދެނެގަތުމުގެ މަސައްކަތް އެ މިނިސްޓްރީއިން ވަނީ މި އަހަރުގެ ތެރޭގައި ކޮށްފައެވެ. އަދި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާރސިޓީން އަލަށް ތައާރަފްކުރި އެޑްވާންސް ސެޓްފިކެޓް އިން އެންވަޔަރަމެންޓަލް މެނޭޖްމެންޓް ކޯހުގައި ބައިވެރިވުމަށް ހައްދުންމަތީ އަތޮޅުގެ 12 ދަރިވަރުންނަށް ވަނީ ސްކޮލާރޝިޕް ހަވާލުކޮށްފައެވެ. ބައިނަލްއަޤްވާމީ ފެންވަރުގައި ކުރެވުނު މަސައްކަތްތަކުގެ ތެރޭގައި ދަ ސްމޯލް އައިލަންޑްސް ކޯލިޝަން ފޯ ނޭޗާރ ގައި ދިވެހިރާއްޖެއިން ބައިވެރިވެފައިވެއެވެ.
ތިމާވެށި ރައްކާތެރިކުރުމަށްޓަކައި އެވުޒާރާއިން ވަނީ މާލެ އަތޮޅުން ތިމާވެށީގެ ގޮތުން ޙާއްސަ ދެ ސަރަހައްދެއް ހިމާޔަތްކޮށްފައިވާއިރު އަދި ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮޖެކްޓެއްވެސް ރައީސުލްޖުމްހުރިއްޔާގެ އިސްނެންގެވުމުގެ މަތިން ވަނީ ފަށްޓާވާފައެވެ. ބައިނަލް އަޤްވާމީ ގޮތުން އޭޝިއާ ޕޮރޮޓެކްޓެޑް އޭރިއާސް ޕާޓްނަރޝިޕްގެ ކޯ- ޗެއަރ ކަމާއި ރާއްޖެއިން ވަނީ ހަވާލުވެފައެވެ.
ކުނި މެނޭޖްކުރުމުގެ ގޮތުން "މަގޭ ސާފު ރާއްޖޭ" ނަމުގައި ޤައުމީ ފެންވަރުގައި ކުންޏާއި ވަސީލަތްތައް މެނޭޖްކުރުމުގެ ވަށާޖެހޭ ޕްރޮގްރާމެއް މި އަހަރުގައި އިފްތިތާޙުކޮށް މަސައްކަތްވަނީ ފަށާފައެވެ. މީގެ އިތުރުން، ކުނި އުފުލާ ޕިކަޕު ރަށްރަށުގައި ނެތުމުގެ ޝަކުވާއަށް ޙައްލެއް ގެނެސްދިނުމުގެ ގޮތުން ޖަޕާނުގެ ސަރުކާރާއި ކުރެވުނު މަޝްވަރާކޮށް އެޤައުމުގެ ހިލޭ އެހީއާއެކު އެކުލަވައިލެވުނު މަޝްރޫޢުގެ ދަށުން 78 އުޅަނދެއް ރާއްޖޭގެ 77 ރަށަކަށް ނިމިދިޔަ އަހަރުގައި ވަނީ ފޯރުކޮށްދީފައެވެ.
ހުޅުލެ، ގަން އަދި ހަނިމާދޫގައި ލައިޓްނިން ސެންސާރ ހަރުކޮށް، ރާއްޖޭގެ ތިން ސަރަޙައްދެއްގައި ލައިޓްނިން ނެޓްވޯކް ޤާއިމްކޮށް އެކަމަށް މުވައްޒަފުން އެވުޒާރާއުން ތަމްރީނުކޮށްފައިވެއެވެ. ރާޑަރު މަރާމާތުކޮށް ރާޑަރ ނެޓްވޯކް ފުޅާކުރުމުގެ މަޝްރޫޢުގެ ތެރެއިން ހުޅުމާލޭގައި ބެހެއްޓިފައިހުރި ރާޑަރު މަރާމާތުކޮށް އައްޑޫ ސިޓީ ގަމުގައި އިތުރު ރާޑަރެއް ހަރުކުރުމުގެ މަސައްކަތް މި ފާއިތުވި އަހަރު ތެރޭގައި އެ މިނިސްޓްރިއިން ވަނީ ކޮށްފައެވެ. ހަމަ މިއާއެކު އިމްޕެކްޓް ބޭސްޑް ފޯކާސްޓިންގް ތައާރަފްކޮށް، ވެދާ މޮޑެލް ތައްޔާރުކުރުމަށް ބޭނުންވާ ހައި ޕާފޯމަންސް ކޮމްޕިއުޓާ ސިސްޓަމަކާއި ޑިސިޝަން ސަޕޯޓް ސިސްޓަމަކާއެކު އިމްފެކްޓްބޭސްޑް ފޯކާސްޓިން ފުވައްމުލަކުގައިވަނީ ޓެސްޓްކޮށްފައެވެ. މީގެ އިތުރުން، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ބަހައްޓާފައިވާ ހަލާކުވެފައިހުރި 26 އޮޓޮމެޓިކް ވެދަރ ސްޓޭޝަންތަކުގެ ތެރެއިން 12 ސްޓޭޝަނެއް މަރާމާތުކުރުމުގެ މަސައްކަތް ވެސް އެ މިނިސްޓްރީއިން މިހާރު ކުރަމުން އެބަ ގެންދެއެވެ. ވެދާރސްޓޭޝަންތައް އަޕްގްރޭޑް ކުރުމުގެ ގޮތުން އ.ދ. ގެ ތިމާވެށި ޖަމިއްޔާއާއެކު އެއްބަސްވުމެއްގައި ސޮއިކޮށް އަމަލީ މަސައްކަތް ފެށުމުގެ މަސައްކަތް މިހާރު އެ ވުޒާރާއިން ދަނީ ކުރަމުންނެވެ. ފާއިތުވި އަހަރު މިޓިރިއޮލޮޖިކަލް ދާއިރާއިން މި ސަރަހައްދުގެ ޤައުމުތަކުންނާއި ޖަމްއިއްޔާ ޖަމާޢަތްތަކުން ރާވާ ހިންގާ ޕްރޮގްރާމްތަކުގައި ބައިވެރިވެ މި ދާއިރާއިން ރާއްޖެ ތަމްސީލުކޮށް އެ ފަރާތްތަކާ އެ މިނިސްޓްރީއިން ގުޅުން ބަދަހިކޮށްފައިވެއެވެ.
ކުރިއަށް އޮތް ފަސް އަހަރު ތެރޭގައި ރާއްޖެ މޫސުމީ ބަދަލުތަކަށް ތައްޔާރުވެފައިވާ ޤައުމަކަށް ހެދުމަކީ ރައީސުލްޖުމްހުރިއްޔާގެ އަމާޒުފުޅެކެވެ.
ތިމާވެށީގެ ގޮތުން ނާޒުކު ޤައުމަކަށް ވިޔަސް ވަޒަންދޫކޮށް ދާން ޖެހޭނެ ބަޔަކަށް ވެގެން ނުވާނެކަމަށް ރައީސުލްޖުމްހުރިއްޔާ ވަނީ ވިދާޅުވެފައެވެ.