ENGLISH

26 ނޮވެމްބަރު 2024

ހީނަރުވެފައި އޮތް ނަސްރުގެ ދުވަހަށް ދިރުން: ހުރިހާ ހަރަކާތެއްގައި ރައީސް ބައިވެރިވެވަޑައިގެންނެވި

04 ނޮވެމްބަރު 2024

ނޮވެމްބަރު 3 ވަނަ ދުވަހުގެ ޖަލްސާގައި ރައީސް ވާހަކަ ދައްކަވަނީ. --ފޮޓޯ: ރައީސް އޮފީސް

ނޮވެމްބަރު 3 ގެ އުދުވާނީ ހަމަލާ އަށް 36 އަހަރު ފުރުނު އިރު އެ ދުވަސް ފާހަގަ ކުރުން އިއްޔެ މުޅިން ތަފާތެވެ. ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަން ވައްޓާލަން ދިވެހިންގެ މަދު ބަޔަކާއި ސްރީ ލަންކާގެ ތަމަޅަ ޓެރަރިސްޓް ޖަމާއަތް، ޕްލޮޓުގެ ކުލީ ސިފައިންނާ ގުޅިގެން ދިން ހަމަލާ އަށް ލިބުނު ކާމިޔާބީއާ ގުޅިގެން ނަސްރުގެ ދުވަހުގެ ގޮތުގައި އެ ދުވަސް ފާހަގަ ކުރަން ނިންމެވީ ރައީސް މައުމޫނެވެ. އެމަނިކުފާނުގެ ވެރިކަން ނިމި މިވީ 16 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ވެސް ނަސްރުގެ ދުވަސް މާކުލަގަދަ ގޮތެއްގައި ފާހަގަކޮށްފައެއް ނުވެ އެވެ. ޚާއްސަކޮށް މިދިޔަ ފަސް އަހަރު ނަސްރުގެ ދުވަހަށް ދީފައިވާ ސަމާލުކަން ކުޑަ އެވެ.

އެހެން ނަމަވެސް މިދިޔަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕޭންގެ ތެރޭގައި ރައީސް ޑޮކްޓަރ މުހައްމަދު މުއިއްޒު ވަނީ އެމަނިކުފާނުގެ ވެރިކަމެއްގައި ނަސްރުގެ ދުވަހަށް ހައްގު މަގާމު ދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ. ރައީސް މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް އެމަނިކުފާން އިއްޔެ އެ ވަނީ ނަސްރުގެ ދުވަސް މިއިން ޒަމާނެއްގައި ފާހަގަ ނުކުރާހާ ކުލަގަދަކޮށް ފާހަގަ ކުރައްވައިފަ އެވެ.

މި ސަރުކާރުން ނަސްރުގެ ދުވަސް ފާހަގަކުރުމުގައި ޚާްއްސަވާ ބައެއް ކަންކަން ވެސް އެބަހުއްޓެވެ. އެއް ކަމަކަށް ނަސްރުގެ ދުވަހުގެ ޚާއްސަ ޖަލްސާގައި މީގެ ކުރިން ގައުމުގެ ދެ ރައީސަކު ބައިވެރިވެވަޑައިގެންފައެއް ނުވެ އެވެ. އެ ޖަލްސާގައި މީގެ ކުރިން ދެ ރައީސަަކު ވާހަކަފުޅު ދައްކަވައިފައެއް ވެސް ނުވެ އެވެ. އެހެން ނަމަވެސް ރައީސް މުއިއްޒު އެވަނީ، ނުރައްކާތެރި އުދުވާނީ ހަމަލާ ދިން އިރު ވެރިކަމުގައި ހުންނެވި ރައީސް މައުމޫނަށް ޕޯޑިއަމުން ފުރުސަތު ދެއްވައިފަ އެވެ. އެ ހަމަލާ ދިން އިރު ރައީސް މައުމޫންގެ އަރިހުގައި ހުންނެވި އުމުރުން 8 އަހަރުގެ ޣައްސާން މައުމޫނަކީ މިއަދު ރާއްޖޭގެ ޑިފެންސް މިނިސްޓަރެވެ.

ނަސްރުގެ ދުވަސް ފާހަގަ ކުރަން މީގެ ކުރިން ނުބާއްވާހާ ގިނަ ހަރަކާތްތައް އިއްޔެ ވަނީ ބާއްވައިފަ އެވެ. މި ހުރިހާ ހަރަކާތެއްގައި ވެސް ރައީސް މުއިއްޒު ވަނީ ބައިވެރިވެވަޑައިގެންފަ އެވެ. މިއީ ވެސް ކުރީގެ ވެރިންގެ ފަރާތުން ނުފެންނަ މަންޒަރެކެވެ.

ނަސްރުގެ ދުވަސް ފަތިސް ނަމާދުގެ ޖަމާއަތުން ފެށުން

ނަސްރުގެ ދުވަހުގެ އެންމެ މުހިންމު އެއް ހަރަކާތަކީ އެ ދުވަހުގެ ފަތިސް ނަމާދު ޖަމާތުން ފެށުމެވެ. އިސްލާމީ މަރުކަޒުގައި ކުރި ފަތިސް ނަމާދުގެ ބޮޑު ޖަމާއަތުގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގެންނެވި އެވެ. އެމަނިކުފާނުގެ ސަރުކާރުގެ އިސްވެރިންނާއި ގިނަ އަދަދެއްގެ ސިފައިން ވެސް ފަތިސް ނަމާދުގެ ޖަމާައަތަށް ހާޒިރުވި އެވެ. 

ނަސްރުގެ ދުވަހުގެ ފަތިސް ނަމާދު ޖަމާއަތުގައި ރައީސް މުއިއްޒު (މ) ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ: ރައީސް އޮފީސް

ނޮވެމްބަރު 3ގެ ހަނދާނީ ބިނާގައި ދިދަ ޖެހުމާއި ގާޑް މައުންޓްކުރުން

ނޮވެމްބަރު 3 ވަނަ ދުވަހުގެ ހެނދުނު 6 ޖެހިއިރު އޮތީ ނޮވެމްބަރު 3 ގެ ހަނދާނީ ބިނާގައި ދިދަ ޖެހުމާއި ގާޑް މައުންޓް ކުރުމުގެ ރަސްމިއްޔާތެވެ. މި ރަސްމިއްޔާތުގައި ވެސް ރައީސްގެ ދެކަނބަލުން ބައިވެރިވެވަޑައިގެންނެވި އެވެ. އަދި ސަރުކާރުގެ ވެރިން ވެސް ބައިވެރިވެވަަޑައިގެންނެވި އެވެ.

ނޮވެމްބަރު 3 ގެ ހަނދާނީ ބިނާ ހަދާފައި ވަނީ ސިފައިންގެ ހުޅަނގު ދެކުނު ކަންމަތިން މާގަނޑެއް ހަދައިގެން ސިފައިން ގެއަށް ބާޣީން ވަންނަން މަސައްކަތް ކުރި ދިމާގަ އެވެ.

ނޮވެމްބަރު 3 ގެ ހަނދާނީ ބިނާގައި ދިދަ ޖެހުމާއި ގާޑް މައުންޓް ކުރުމުގެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ: ރައީސް އޮފީސް

ނަސްރުގެ ދުވަހު ސިފައިންގެ މައުރަޒު

ނަޞްރުގެ ދުވަހުގެ ސިފައިންގެ މައުރަޒު 2024 ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒެވެ. 

ނަޞްރުގެ ދުވަހުގެ ސިފައިންގެ މައުރަޒު ހުޅުވައިދެއްވުމަށް ފަހު އެމަނިކުފާނު ވަނީ މި މައުރަޒު ބައްލަވާލައްވައިފަ އެވެ.

ސިފައިންގެ މައުރަޒުގައި ވަނީ 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި އުދުވާނީ ހަމަލާގައި ލިބުނު ގެއްލުންތަކާއި އެދުވަހު ނަޞްރު ހޯދުމަށް ސިފައިން ދެއްކި ހިތްވަރު ފޮޓޯތަކުން ދައްކުވައިދީފަ އެވެ. މި މައުރަޒުގައި ގާތްގަނޑަކަށް 200 އަށްވުރެ ގިނަ ފޮޓޯ ހިމަނާފައިވެ އެވެ. އެހެން އަހަރުތަކާ ޚިލާފަށް މި އަހަރުގެ މައުރަޒުގައި ފޮޓޯގެ އިތުރުން ނަޞްރުގެ ދުވަހު ބޭނުންކުރެއްވި ބައެއް އަސްލު ހަތިޔާރާއި ބައެއް ތަކެތި އާންމުންނަށް ދައްކާލުމަށް ބަހައްޓާފައިވެ އެވެ.

ނަސްރުގެ ދުވަހުގެ ފޮޓޯ މައުރަޒު ރައީސް ބައްލަވާލައްވަނީ. --ފޮޓޯ: ރައީސް އޮފީސް

ނަސްރުގެ ދުވަހު ބޭއްވި އެމްއެންޑީއެފްގެ އަސްކަރީ ޑިސްޕްލޭ

ނަސްރުގެ ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން އެ ދުވަހު ހަވީރު ދިވެހި ޤައުމީ ދިފާޢީ ބާރު (އެމް.އެން.ޑީ.އެފް) އިން ޖުމްހޫރީ މައިދާނުގައި ކުރިއަށް ގެންދިޔަ ސިފައިންގެ އަސްކަރީ ހުށަހެޅުމުގެ ޙަރަކާތް، ޝަރަފްވެރި ކޮށްދެވީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު އެވެ.

އަސްކަރީ ހުށަހެޅުމުގެ ޙަރަކާތް ފެށުމުގެ ކުރިން، ދިވެހި ސިފައިން ވަނީ، ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒަށް ޢަސްކަރީ ކުރުނީހެއް އަރުވައިފައެވެ. އެއަށްފަހު، ސިފައިންގެ އެހާރާއި މިހާރުގެ ހާލަތު ދައްކުވައިދޭ ވީޑިއޯ ޕްރެޒެންޓޭޝަނެއް ދެއްކިއެވެ.

އެމް.އެން.ޑީ.އެފް އިން ޖުމްހޫރީ މައިދާނުގައި ކުރިއަށް ގެންދިޔަ ސިފައިންގެ އަސްކަރީ ހުށަހެޅުމުގެ ޙަރަކާތް ރައީސް ޝަރަފުވެރިކޮށްދެއްވަނީ. --ފޮޓޯ: ރައީސް އޮފީސް

މި ރަސްމިއްޔާތުގައި، ދިވެހި ޤައުމީ ދިފާޢީ ބާރުން ކުރިއަށް ގެންދިޔަ ޚާއްޞަ ޢަސްކަރީ ހުށަހެޅުންތަކުގައި، ދިވެހި ސިފައިންގެ ސްޕެޝަލް ބޯޓް ސްކޮޑްރަން ހަރަކާތްތެރިވާ ގޮތާއި، ސްޕެޝަލް ބޯޓް ސްކޮޑްރަންގެ އަންޑަރ ވޯޓަރ ޑިމޮލިޝަން ވީޑިއޯއެއްގެ އިތުރުން، ސްޕެޝަލް ފޯސަސްގެ ޙަރަކާތްތަކާއި، ރެޕަލިންގްގެ ޙަރަކާތްތަކާއި ކައުންޓަރ އެޓޭކެއްގެ މައިދާނީ ހަރަކާތްތަކެއް ދައްކުވައިދިނެވެ. މީގެ އިތުރުން، އެއަރ ފޯސް ކޭޕަބިލިޓީސް، މެރިޓައިމް ކޭޕަބިލިޓީސް އަދި ލޭންޑް ފޯސް ކޭޕަބިލިޓީސްގެ ޢަސްކަރީ އަދި ހެވިކަމުގެ ޙަރަކާތްތައް ވެސް އޮތެވެ.

މި ރަސްމިއްތާތުގަައި، ސްޕެޝަލް ބޯޓް ސްކޮޑްރަން އިފްތިތާޙްކޮށް، ސްޕެޝަލް ބޯޓް ސްކޮޑްރަންއާއި ސްޕެޝަލް ފޯސަސްގެ ޢަޒުމް ލައިދިނުން ވެސް އޮތެވެ.

އެމް.އެން.ޑީ.އެފް އިން ޖުމްހޫރީ މައިދާނުގައި ކުރިއަށް ގެންދިޔަ ސިފައިންގެ އަސްކަރީ ހުށަހެޅުމުގެ ޙަރަކާތް ރައީސް ޝަރަފުވެރިކޮށްދެއްވަނީ. --ފޮޓޯ: ރައީސް އޮފީސް

ނަސްރުގެ ދުވަހުގެ ޚާއްސަ ޖަލްސާ

ނަސްރުގެ ދުވަހުގެ ޚާއްސަ ޖަލްސާ ބާއްވާފައި ވަނީ ނޮވެމްބަރު 3 ވަނަ ދުވަހުގެ ރޭ ދަރުބާރުގޭގަ އެވެ. އެ ޖަލްސާގައި އެންމެ ތަފާތު ކަމަކަށްވީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ބައިވެރިވެވަޑައިގެން ތަގްރީރު ކުރެއްވުމެވެ. 

އެ ޖަލްސާގައި ނިޝާން ޣާޒީގެ ޢިއްޒަތުގެ ވެރިޔާ (ނޣޢވ)، ރައީސް މައުމޫން ވިދާޅުވީ އެއްވެސް ކަމެއްގެ ސަބަބުން ޤައުމީ ވަހުދަތަށް އުނިކަން އައިސްގެން ނުވާނެ ކަމަށާއި، ނުގުޑާ ފަދަ ޢަޒުމަކާއެކު ދިވެހިންގެ އެއްބައިވަންތަކަން ހިފަހައްޓަންވާނެ ކަމަށެވެ. 

ނަޞްރުގެ ދުވަހުން ޙާޞިލުކުރެވިދާނެ ޢިބުރަތްތަކަށް އަލިއަޅުއްވާލައްވަމުން ރައީސް މައުމޫން ވަނީ، ޤައުމީ އުޞޫލުތަކަކީ ސިޔާސީ ކަންކަމަށްވުރެ އިސްކަންދޭންޖެހޭ ކަންތައްތަކެއްކަން ފާހަގަ ކުރައްވައިފަ އެވެ.

ނަސްރުގެ ދުވަހުގެ ޖަލްސާގައި ރައީސް މައުމޫން ވާހަކަފުޅު ދައްކަވަނީ. --ފޮޓޯ: ރައީސް އޮފީސް

ނޮވެމްބަރު 3 ވަނަ ދުވަހު ދިވެހި އަސްކަރީ މައި މަރުކަޒު ދިފާއު ކުރުމުގައި އެންމެ ވަރުގަދަ އަށް ހަނގުރާމަ ކުރެއްވި އެއްބޭފުޅަކީ، އޭރުގެ ލެފްޓިނަންޓް އަދި ފަހުން ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމާއި ޑިފެންސް މިނިސްޓަރުކަން ކުރެއްވި މޫސާ އަލީ ޖަލީލެވެ. އޭނާގެ މަތިވެރި ޖިހާދަށް 36 އަހަރު ފަހުން ރައީސް މުއިއްޒުގެ ސަރުކާރުން ރޭ ވަނީ ނިޝާން އަސްކަރީ ވެރިކަމުގެ އިއްޒަތް މޫސާ ޖަލީލަށް އަރުވައިފަ އެވެ. 

މި ޢިއްޒަތް، ނ.ޢ.ވ. މޭޖަރ ޖެނެރަލް (ރިޓަޔަރޑް) މޫސާ ޢަލީ ޖަލީލަށް އެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވީ، ދިވެހި ޤައުމާއި ރައްޔިތުންގެ ސަލާމަތަށްޓަކައި ޢަސްކަރީ ގޮތުން ކުރެއްވި އަގުހުރި ޚިދުމަތްތަކާއި، ޤައުމުގެ އިސްތިޤްލާލާއި ސިޔާދަތު ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި ކޮށްދެއްވި މަސައްކަތްޕުޅުތަކާއި، ޚާއްޞަކޮށް، 1988 ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ނުރައްކާތެރި ޢުދުވާނީ ޙަމަލާއާ ގުޅިގެން، ދިވެހި ޤައުމާއި ރައްޔިތުންގެ ދިފާޢުގައި އެމަނިކުފާނު ކުރެއްވި މަތިވެރި ޖިހާދުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުންނެވެ.

ރޭގެ ޖަލްސާގައި މޭޖަރ ޖެނެރަލް (ރިޓަޔަރޑް) މޫސާ ޢަލީ ޖަލީލަށް ޢިއްޒަތް އެރުވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު އިއްވާފައިވެ އެވެ. ގަރާރު އިއްވަމުން ދިޔަ އިރު މޫސާ ޖަލީލް ހުންނެވީ ފެންކަޅިވެފަ އެވެ.

ނިޝާން އަސްކަރީ ވެރިކަމުގެ އިއްޒަތް މޫސާ ޖަލީލަށް އަރުވަނީ. --ފޮޓޯ: ރައީސް އޮފީސް

ނޮވެމްބަރު މަހު 3 ވަނަ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ވަނީ މުހިންމު ވާހަކަފުޅުތަކެއް ދައްކަވައިފަ އެވެ. އޭގެ ތެރޭގައި ކުރިއަށް އޮތް 2025 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް، ދިވެހި ރާއްޖޭގެ ޤައުމީ ޚިދުމަތުގެ ޕްރޮގްރާމުގެ ނަމުގައި ދިވެހި ޢަސްކަރިއްޔާ އާއި ފުލުހުންގެ ޚިދުމަތަށް އޮފިސަރުން ރެކްރޫޓުކުރުމުގެ ޤައުމީ ޕްރޮގްރާމެއް ހިންގަމުންދާނެ ކަމަށް ވިދާޅުވި އެވެ. 

މި އަންނަ އަހަރުގެ ތެރޭގައި ސިފައިންގެ ޚިދުމަތަށް ބޭނުންވާ ހަތިޔާރާއި އާލާތްތަކުގެ ބޮޑު އަދަދެއް ހޯއްދަވައިދެއްވޭނެކަމުގެ ޔަޤީންކަން ވެސް ރޭގެ ޖަލްސާގައި ރައީސް ވަނީ ދެއްވައިފަ އެވެ. މީގެ އިތުރުން މީހުން ތަމްރީނުކުރުމަށް މިހާރު ހުރި ފެސިލިޓީ ކަމުގައިވާ، ގިރިފުށީގެ ކެޕޭސިޓީ ވަރުގަދަކުރުމަށްޓަކައި ބިން އިތުރުކުރުމަށް މަސައްކަތްކުރައްވަން ނިންމަވާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ނޮވެމްބަރު 3 ވަނަ ދުވަހުގެ ޖަލްސާގައި ރައީސް ވާހަކަ ދައްކަވަނީ. --ފޮޓޯ: ރައީސް އޮފީސް

މި ދައުރުގެ ކުރިއަށް އޮތް އަހަރުތަކުގެ ތެރޭގައި، "ޝަހީދުންގެ ހިޔާ"ގެ ނަމުގައި 50 ހައުސިން ޔުނިޓުގެ ހައުސިން އިމާރާތެއް އަޅާނިންމައި، ޝަހީދުންގެ ޢާއިލާތަކާ ހަވާލުކުރައްވާނޭކަމަށް ވެސް ރައީސް ވަނީ ރޭގެ ޖަލްސާގައި ވިދާޅުވެފަ އެވެ.

ރައީސް މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ ނަސްރުގެ ދުވަސް ވެފައި ވަނީ ހުރިހާ ގޮތަކުން ވެސް ތަފާތު ކުލަގަދަ ރަސްމިއްޔާތެއްގެ ގޮތުގަ އެވެ.

ކިޔުންތެރިންގެ ހިޔާލު