ENGLISH

22 އޭޕްރީލު 2026

Advertisement

ހޮރްމުޒް ބަންދުކޮށްފައި އޮތުމުން ދުނިޔޭގެ ކާނާގެ ދާއިރާއަށް ލޮޅުންތަކެއް އެރުމުގެ ފުރުސަތު ބޮޑު

22 އޭޕްރީލު 2026

|

ޝިފްޒާން އަޙްމަދު

ހަނގުރާމަ ދިގުލައިގެން ހިނގައްޖެނަމަ ކާނާގެ ދާއިރާއިން އަންނާނެ ލޮޅުންތައް އެކަށީގެންވާ މިންވަރަށް ވަޒަންކުރެވިފައި ނެތްކަމަށް ކާނާގެ ވިޔަފާރިކުރާ ފަރާތްތަކުން ދެކޭ، ފޮޓޯ: ގެޓީ އިމޭޖްސް

ހޮރްމުޒް ކަނޑުއޮޅި ހުރަސްްކޮށް ދުނިޔޭގެ ބާޒާރަށް ތެލާއި ގޭސް ލިބުމުގައި ކުރިމަތިވެފައިވާ ހުރަސްތަކާއެކު، ގޭހާއި ގަސްކާނާގެ އަގު ބޮޑުވެ، ކާނާގެ ދާއިރާއަށް ބޮޑެތި ލޮޅުންތަކެއް އެރުމުގެ ފުރުސަތު ބޮޑުކަމަށް ވިޔަފާރިވެރިން އިންޒާރުކޮށްފިއެވެ. 

ހޮރްމުޒް ކަނޑުއޮޅިއަކީ ދުނިޔޭގެ ތެލާއި ތަބީއީ ދިޔައި ގޭހުގެ ފަސްްބައިކުޅަ އެއްބައި އަދި ކަނޑުމަގުންވަ ހިނގާ ގަސްކާނާގެ ވިޔަފާރީގެ ތިން ބަައިކުޅަ އެއްބައި އެ ކަނޑުއޮޅިއެއް މެދުވެރިކޮށް ހިނގާ ތަނެކެވެ. އެހެންކަމުން ހަކަތައިގެ ދާއިރާގެ އިތުރަށް ކާބޯތަކެތީގެ ދާއިރާއަށްވެސް އެ ކަނޑުއޮޅިއަކީ މުހިއްމު ލޭނާރެކެވެ. 

ވިޓޯލްގެ އެލްއެންޖީ ޑިޕާޓުމެންޓުގެ ވެރިޔާ ޕަބްލޯ ގަލަންޓޭ އެސްކޮބާ އެފްޓީ ކޮމޮޑިޓީސް ސަަމިޓުގައި ވާހަކަދައްކަވަމުން ވިދާޅުވީ، ހޮރްމުޒް ބަަންދުވެފައި އޮތުމުގެ ސަބަބުން ސިނާއީ ދާއިރާތަކަށް ބޭނުންވާ ތަބީއީ ގޭސް ނުލިބުމުގެ ދަތިކަން ވަރަށް ބޮޑުވެފައިވާ ކަމަށެވެ. 

އޭނާ ފާހަގަކުރެއްވީ ގަސްކާނާ އުފައްދާ ޕްލާންޓުތައް ހިމެނޭ ގޮތަށް ވަރަށް ގިނަ ކާރުހާނާތަކުން ގޭހަށް އޮތް ޑިމާންޑު ކުޑަވެއްޖެ ކަމަށެވެ.  އެމޯނިއާ ފަދަަ ނައިޓްރޯޖިން ގަސްކާނާ އުފެއްދުމުގައި ތަބީއީ ގޭހަކީ އަސާސީ އުންސުރެއްކަން ފާހަގަކުރައްވަމުން އެސްކޮބާ ވިދާޅުވީ ގޭހަށް އޮތް ޑިމާންޑު ދަށްވީ ގޭސް ލިބުން ދަތިވުމުގެ ސަބަބުން ކަމަށެވެ. 

"މިގޮތަށް ގޭސް ލިބުން ދަތިވުމުގެ ސަބަބުން ގަސްކާނާ އުފެއްދޭ މިންވަރު ދަށްވުމުގެ ނަތީޖާއަކަށްވާނީ ކާބޯތަކެތީގެ ކާރިސާއެއް އުފަންވުން،" އެސްކޮބާ ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި ގަސްކާނާ ލިބުން ދަތިވުމުން ދަނޑުވެރިކަން ދަށްވެ، ގޮވާންކުރެވޭ އަދަދު މަދުވާނެއެވެ. 

އިތުރަަށް ވިޔަފާރިވެރިން ފާހަގަކުރާ ގޮތުގައި އީރާނުން ހޮރްމުޒް ބަންދުކުރުމާއި އެމެރިކާއިން ހޮރްމުޒްއިން އުޅަނދުފަހަރު ނުކުތުމަށް އަޅާފައި އޮތް ހުރަހާމއެކު ދުނިޔޭގެ ލޮޖިސްޓިކްސް ދާއިރާއަށް ބޮޑެތި ގޮންޖެހުންތަކާއި ދަތިތަކެއް ކުރިމަތިވަމުންދެއެވެ. 

މިސާލަކަށް ބަލާއިރު އެމެރިކާގެ ގަލްފުން ބޭރުކުރާ ތެޔޮ ގަންނަން އޭޝިޔާގެ ބަޔަރުން ފެށުމާއެކު، ޕެނަމާ ކެނަލްގެ ތޮއްޖެހުން ބޮޑުވެ ޓްރާންސިޓު ޖާގަތައް ގަތުމަށް ތެޔޮ ޓޭންކަރުތައް އޮޕަރޭޓުކުރާ ކުންފުނިތަކުން ބޮޑެތި އަދަދުތަކުން ބިޑުކުރަމުންދާ ކަމަށް ފައިނޭންޝަލް ޓައިމްސްއިން ރިޕޯޓުކޮށްފައިވެއެވެ. 

ޝިޕް ބްރޯކާ އަދި މެރިން ދާއިރާގެ ކޮންސަލްޓެންސީ ކުންފުނި ކްލާކްސަންސްގެ ޑްރައި ބަލްކް އެނަލައިސިސްގެ ވެރިޔާ ލުއިސާ ފޮލިސް ވިދާޅުވެފައިވަނީ މިގޮތަށް ތެޔޮ ބޯޓުފަހަރުން ޓްރާންސިޓު ޖާގަތައް ހޯދުމަށް ބޮޑެތި ބިޑުތައް ހުށަހެޅުމުގެ ސަބަބުން ގޮވާމުގެ ބާވަތްތައް އުފުލާ އުޅަނދުފަހަރުގެ ފުރައިޓު އަގުތައް އިންތިހާއަށް އުފުލިގެން ގޮސްފައިވާ ކަމަށެވެ. 

އަދި ޕެނަމާ ކެނަލް ހުރަސްކުރާ ކާނާ އުފުލާ އުޅަނދުފަހަރު އެ ކެނަލުގައި މަޑުކުރަންޖެހޭ މުހުލަތު 40 ދުވަހާ ގާތްކުރާ މިންވަރަަށް އިތުރުވެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. ލުއިސާ ވިދާޅުވި ގޮތުގައި އެހެން މެދުވެރިވަނީ ކެނަލް ހުރަސްކުރަން އޮންނަ ކިއުގެ ކުރިން ޖާގަ ހޯދުމަށް ތެޔޮ ޓޭންކަރުތައް އޮޕަރޭޓުކުރާ ގައުމުތަކުން ގިނަ އަދަދެއްގެ ފައިސާ ހަރަދުކުރާތީއެވެ. 

އޭނާ އިތުރަށް ފާހަަގަަކުރެއްވީ ބަންކަރިން ހަރަދުތައް ބޮޑުވުމުގެ ސަބަބުން ބޯޓުފަހަރުގެ ދަތުރުތައް މަޑުޖައްސައިލަން ނުވަތަ ދަތުރުތަކުގެ ރާސްތާ ކުރުކުރަން މަޖުބޫރުވުމެވެ. އަދި އެއާއެކު ބޯޓުފަހަރުގައި މުދާ އުފުލުމުގެ އަގު ކުރިއަށްވުރެ އެތައް ގުނައެއް ބޮޑުވެއެވެ. 

ދަނޑުވެރިކަމުގެ ވިޔަފާރިކުރާ ފަރާތްތަކުން ފާހަގަކުރި ގޮތުގައި މިހާތަނަށް ހަނގުރާމައިގެ ސަބަބުން ކާބޯތަކެތީގެ ވިޔަފާރިއަށް ކުރާނެ އަސަރުތައް ވަޒަންކޮށްފަައިވަނީ ހަނގުރާމަ އަވަހަށް ނިމިގެންދާނެ ކަމަށް ބަލައިގެން ކަމަށެވެ. އެހެންކަމުން ހަނގުރާމަ ދިގުލައިގެންދާ ހާލަތުގައި ކާނާގެ އަގުތަކަށް ކުރާނެ އަސަރު އެކަށީގެންވާ މިންވަރަަށް ވަޒަންކުރެވިފައި ނެތް ކަމަށް އެމީހުން ބުނެއެވެ. 

ލުއީ ޑްރޭފަސް ކޮމްޕެނީގެ ޗީފް ރިސްކް އޮފިސާ ވިޖޭ ޗަކްރަވާތީ ފައިނޭންޝަލް ޓައިމްސްއާ ވާހަކަދައްކަވަމުން ވިދާޅުވީ ކާނާގެ ވިޔަފާރިކުރާ ފަރާތްތަކުން ހިސާބުކުރުމުގައި މި ހަނގުރާމަ ދިގުލައިގެން ގޮސްފިނަމަ، އަދި ދިގު މުއްދަތަކަށް ހޮރްމުޒް ބަންދުކޮށްފައި އޮވެއްޖެނަމަ، ގަސްކާނާގެ އަގަށާއި، މުދާ އުފުލުމުގެ ހަރަދުތަކަށް ކުރާނެ އަސަރު ދެނެގަތުމަށް އެކަށީގެންވާ ހިސާބުތަކެއް ހަދާފައި ނެތް ކަމަަށެވެ. ޑްރޭފަސް ކޮމްޕެނީއަކީ ދުނިޔޭގައި ކާނާގެ ވިޔަފާރިއަށް ހާއްސް އެންމެ ބޮޑު އެއް ކުންފުންޏެވެ. 

އަދި ހޮރްމުޒް ކަަނޑުއޮޅި ބަންދުވެފައި އޮތުމުން ކުރިމަތިވާ ލޮޅުންތަކުގެ އިތުރަށް ގަސްކާނާ އުފެއްދުމަށް ބޭނުންކުރާ މުހިއްމު ބައެއް ވަސީލަތްތައް ސިނާއީ އެކި ދާއިރާތަކަށް ބޭނުންވާ މިންވަރު އިތުރުވެ ގަސްކާނާ ނޫން ކަންކަމަށް ބޭނުންކުރުމަށް ގަނެވޭ މިންވަރު ގިނަވުމުންވެސް ދަނޑުވެރިކަމަށް ގެއްލުންތަކެއް ލިބިގެންދާނެ ކަމުގައި ޗަކްރަވާތީ ވިދާޅުވިއެވެ. 

މިސާލެއްގެ ގޮތުނ ްއޭނާ ފާހަގަކުރެއްވީ ކޮޕާ ސްމެލްޓުކުރުމަށް ސަލްފާ ބޭނުންކުރާ މިންވަރު އިތުރުވެ، ގަސްކާނާ އުފެއްދުމަށް ސަލްފާ ލިބޭ މިންވަރު މަދުވެފައިވުމެވެ. އެކަމުގެ ސަބަބުން ގަސްކާނާ އުފެއްދޭ މިންވަރު މަދުވާނެ ކަމުގައި އޭނާ އަންދާޒާކުރެއްވިއެވެ. 

މިހާރު ގޮވާމުގެ ބާވަތްތައް އެކަށީގެންވާ މިންވަރަށް ބާޒާރަށް ނެރެވުނު ނަމަވެސް، ކުރިމަގަށް ވިސްނައި ގައުމުތަކުން އަޅާ ފިޔަވަޅުތަކާއެކު، ގޮވާމުގެ ބާވަތްތައް ބާޒާރަށް ނެރެވޭ މިންވަރު ދަށްވުމަކީ އެކަށީގެންވާ ކަމެއް ކަމުގައި ޗަކްރަވާތީ ވިދާޅުވިއެވެ. އެއީ ކާނާ އުފެއްދުމުގައި މުސްތަގުބަލުގައި ކުރިމަތިވެދާނެ ގޮންޖެހުންތަކަށް ރިއާޔަތްކޮށް ގައުމުތަކުން ގޮވާމުގެ ބާވަތްތައް ރިޒާވްގައި ރައްކާކޮށްފައި ބަހައްޓާ މިންވަރު އިތުރުކުރުން ފަދަ ފިޔަވަޅުތައް އަޅަންފަށައިފިނަމަ ނިކުންނާނެ ނަތީޖާއެވެ. 

ކިޔުންތެރިންގެ ހިޔާލު