ENGLISH
22 އޭޕްރީލު 2026
މަސްވެރިންނަށް 48 ގަޑިއިރު ތެރޭ ފައިސާ ދޫކުރުން؛ އައިސީޔޫން މަސްވެރިކަން ނެރެދިން ސިޔާސަތު
22 އޭޕްރީލު 2026
|
ކޫއްޑޫއަށް މަސް ކިރުވަނީ, ފޮޓޯ: ދި ޕްރެސް
އެންމެ މަޤްބޫލު
މަސްވެރިކަމުގެ ސިނާއަތުގެ އެންމެ ޒަަމާންވީ ކަންބޮޑުވުމެއް އަދި ޝިކާޔަތެއްގެ ގޮތުގައި އޮތީ ލޯބޯ ފިއްސައިގެން ދޭހާ އައްވަކާއި ވެހޭހައި ވާރޭއެއްގައި ހައްޓަށް ބުރަ މަސައްކަތްކޮށްގެން މަސްވެރިން ބާނާ މަސްކޮޅު ކިރުވުމުން ލިބެންޖެހޭ ފައިސާ ނުލިބި އެތައް ޒަމާނެއް ވުމެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތްއިރު، ކުރީގެ ސަރުކާރުގެ ދުވަސްވަރު މަސްވެރިން ކިރުވި މަހުގެ އަގުގެ ގޮތުގައި ދޭންޖެހޭ 250 މިލިއަނެއްހައި ރުފިޔާ މަސްވެރިންނަށް ނުދީ އޮތެވެ. މަސްވެރިކަން ރަނގަޅުވާ ދުވަސްވަރު ގިނަ މަސް ކިރުވުމުން މަސްވެރިންނަށް ފައިސާ ނުދީ ލަސްވުމުގެ ޝަކުވާއަކީ އޭގެ ކުރިންވެސް މަސްވެރިން ކުރަމުން އައި ޝަކުވާއެކެވެ. ޒަމާންތަކެއްވީ އެ މައްސަލަ ހައްލުކުރެއްވުމަކީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.
އެމަނިކުފާނު ވައުދުވެވަޑައިގެންފައިވަނީ މަސްވެރިން މަސްކިރުވާތާ ގިނަވެގެން 48 ގަޑިއިރު ތެރޭ މަސްވެރިންނަށް ފައިސާ ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމެވެ. އެކަމަށްޓަކައި ފުރަތަމަ ކުރައްވަންޖެހިވަޑައިގަތް މަސައްކަތްޕުޅަކީ ކުރީ ސަރުކާރުގައި މަސްވެރިންނަށް ދޭންޖެހި ނުދީ ހުރި ގިނަ އަދަދެއްގެ ފައިސާ މަސްވެރިންނަށް ދޫކޮށް ހަލާސްކުރެއްވުމެވެ. އެކަން 2024 ވަނަަ އަހަރު ތެރޭގައި ފުރިހަމަކުރައްވައި ކުރީ ސަރުކާރުން ނުދީ ހުރި 250 މިލިއަނަށްވުރެ ގިނަ ރުފިޔާއާއި، އެ ފައިސާ ދެއްކުމުގެ މަސައްކަތުގެ ތެރެއިން މި ވެރިކަމުގައި ނުދެވުނު ފައިސާ ދެއްވައި ހަލާސްކުރެއްވިއެވެ.
އެއަށްފަހު 2024 ވަނަ އަހަރުގެ މަސްވެރިންގެ ދުވަހުގައި އެމަނިކުފާނުގެ ވައުދުފުޅާ އެއްގޮތަށް މަސްވެރިންނަށް 28 ގަޑިއިރު ތެރޭ ފައިސާ ދޫކުރެވޭނެ އިންތިޒާމު ގާއިމުކުރައްވައި އެ ހިދުމަތް އިފުތިތާހުކުރެއްވިއެވެ. މާލީ ވުޒާރާއާއި މިފްކޯ އަދި ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސްގެ މެދުގައި ގާއިމުކުރެވުނު އެއްބަސްވުމެއްގެ ދަށުން މިފްކޯގެ އާމްދަނީ ބޭނުންކޮށްގެން މަސްވެރިންނަށް ނިޒާމީ ގޮތެއްގަައި 48 ގަޑިއިރު ތެރޭ ފައިސާ ދޫކުރެވޭނެ ނިޒާމު ގާއިމުކުރެވި އެ ދުވަހުން ފެށިގެން މިއަދާ ހަމައަށް އެގޮތަށް ފައިސާ އަންނަނީ ދޫކުރެވެމުންނެވެ.
މި އިންތިޒާމުގެ ދަށުން މަސްވެރިންނަށް ފައިސާ ދޫކުރަން ފެށިފަހުން އެއް ބިލިއަނަށްވުރެ ގިނަ ރުފިޔާ މަސްވެރިންނަށްވަނީ ދޫކުރެވިފައެވެ. އޭގެ އިތުރަށް ކަޅުބިލަމަހުގެ މަސްވެރިންގެ އިތުރަށް ބޮޑުކަންނެލި މަސްވެރިން ބާނާ މަސްވެސް މިފްކޯއަށް ކިރުވަން ފަށައި އެމީހުންނަށްވެސް މި އިންތިޒާމުގެ ތެރެއިން 48 ގަޑިއިރު ތެރޭ ފައިސާ ލިބޭނެ އިންތިޒާމު މިހާރުވަނީ ހަމަޖެހިފައެވެ.
މިގެނެވުނު ހެޔޮ ބަދަލާއެކު ވަރަށް ބޮޑަށް އަޑިއަޅާލާފައި އޮތް މަސްވެރިކަން އަލުން ހަމައިކޮޅަށް ހިންދެމިލައި ތެދުވާން ފެށިއެވެ. ތަފާސްހިސާބުތަކުން އެ ބަދަލުގެ ހެޔޮ ނަތީޖާއާއި އަސަރު ފެނެއެވެ. މަރުކަޒީ ބޭންކު އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު 2024 ވަނަ އަހަރާ އަޅާބަލާއިރު 2025 ގައި މަސްކިރުވި މިންވަރާއި މަހާއި މަހުގެ އުފެއްދުންތައް ބޭރުކުރި މިންވަރުވެސް އިތުރުވިއެވެ.
މަސްކިރުވި މިންވަރަށް ބަލާއިރު 2024 ވަނަ އަހރު ކިރުވީ ޖުމްލަ 52،232 މެޓްރިކްޓަނުގެ މަހެވެ. ނަމަވެސް 2025 ވަނަ އަހަރު އެ އަދަދުވަނީ 88،347 މެޓްރިކްޓަނުގެ މަހަށް އިތުރުވެފައެވެ. މިއީ އަހަރުން އަހަރަށް 86 އިންސައްތައިގެ ކުރިއެރުމެކެވެ.
މަސްވެރިކަމުގެ އުފެއްދުންތެރިކަން މިނާ އަނެއް މިންގަނޑުކަމުގައިވާ މަސްވެރިކަމުގެ އުފެއްދުންތައް ބޭރުކުރި މިންވަރަށް ބަލާއިރު 2024 ވަނަ އަހަރު ރާއްޖެއިން ބޭރުކުރީ 39،817 މެޓްރިކްޓަނުގެ މަހާއި މަހުގެ އުފެއްދުންތަކެވެ. ނަމަވެސް އެ އަދަދު 2025 ވަނަ އަހަރު 76،355 މެޓްރިކްޓަނަށް އިތުރުވިއެވެ. އެއީ 91.8 އިންސައްތައިގެ ކުރިއެރުމެކެވެ.
މި ތަފާސްްހިސާބުތަކުން ފެންނަ ހަގީގަތަކީ 2024 ވަނަ އަހަރު ވަރަށް ބޮޑަށް އަޑިއަޅާލާފައި އޮތް މަސްވެރިކަން 2025 ވަނަ އަހަރު ވަރަށް ބޮޑަށް ކުރިއެރިކަމެވެ. އޭގެ ފަހަތުގައި އޮތް ސިއްރެއްކަމަށް ތަޖުރިބާކާރުން ވިދާޅުވަނީ ސަރުކާރުގެ ސިޔާސަތުތަކެވެ. ހާއްސަކޮަށް މަސްވެރިންނަށް 48 ގަޑިއިރު ތެރޭ ފައިސާ ލިބޭނެ އިންތިޒާމު ހަމަޖެހުމެވެ.
ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ސަަރުކާރުން ގެނައި އެ އިސްލާހާއެކު މަސްވެރިކަމުގެ ފުލީޓު ހީނަރުވެފައި އޮތުމަށްފަހު ތިޔާނގިވިއެވެ. މަސްވެރިކަމަށް ނިކުންނަ ޒުވާނުންގެ އަދަދު އިތުރުވެ، މަސްވެރިކަމުގައި ހަރަކާތްތެރިވާ އުޅަނދުތައްވެސް އިތުރުވިއެވެ.
މި ސިޔާސަަތުގެ ހަގީގީ މަންފާ މަސްވެރިންނަށް ފެންނާނެހެން މިކަމާ ލާމެހި ގުޅިފައި ހުރި އެހެނިހެން ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސައްކަތް އަންނަނީ ކުރެވެމުންނެވެ. މަސް ރައްކާކުރުމަށް ބޭނުންކުރާ ކޯލްޑް ސްޓޮރޭޖު ފެސިލިޓީތައް އިތުރުކުރުމާއި، މަހުގެ ބާވަތްތައް އުފައްދައި އަގު އިތުރުކޮށްގެން މަސް ބޭރުކުރެވޭ މިންވަރު އިތުރުކުރުމަށް ބޭނުންވާ މަސްކާރުހާނާތައް ގާއިމުކުރުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ.
މަރުގެ ތުންފަތްމަތީގައި އޮތް މަސްްވެރިކަމަށް، ރައީސްގެ ވައުދުފުޅު ފުއްދަވައި 48 ގަޑިއިރު ތެރޭ ފައިސާ ލިބޭނެ އިންތިޒާމު ހަމަޖެހުމުން ދިރުން ލިބިއްޖެއެވެ. އެ ސިނާއަތަށް އިތުރު ހަކަތަ އުފައްދައި އިތުރު ޖޯރާއި ޖޯޝް ގެނައުމަށް ބޭނުންވާ އުމްރާނީ ވަސީލަތްތައް ގާއިމުކުރުމުގެ މަސައްކަތް އަންނަނީ ހަލުއިކަމާއެކު ކުރެވެމުންނެވެ.