ENGLISH

11 ޖޫން 2026

Advertisement

ރިސޯޓުތަކުގެ ފަރުމާއަށް އައި ބަދަލު ފެންނަ މައުރަޒެއް؛ވަޒީރު ޒިޔާރަތްކުރައްވައި ތާރީފުކުރައްވައިފި

11 ޖޫން 2026

|

އާމިނަތު ނުޒްލާ

"މޯލްޑިވްސް ރިސޯޓް އާކިޓެކްޗަރ" މައުރަޒަށް ވަރީރު މުޙައްމަދު އަމީން ޒިޔާރަތް ކުރައްވާ މައުރޫފްއާ ބައްދަލު ކުރެއްވުން-- ފޮޓޯ: ވަޒީރު އަމީން

މައުރޫފް ޖަމީލްގެ "މޯލްޑިވްސް ރިސޯޓް އާކިޓެކްޗަރ" މައުރަޒަށް، ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަރީރު މުޙައްމަދު އަމީން ޒިޔާރަތްކުރައްވާ، އެ މަސައްކަތްތަކުގެ ފުރިހަމަ ކަމާމެދު ތައުރީފް ކުރައްވައިފިއެވެ.

ވަޒީރު އަމީން އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓްގައި ބުނެފައިވަނީ، އެ މައުރަޒަކީ 1972 ވަނަ އަހަރު ރާއްޖޭގެ ފަތުރުވެރިކަން އާދައިގެ ގޮތަކަށް ފެށިގެން އައިއްސުރެ، މިއަދުގެ ދުނިޔޭގެ ފެންވަރުގެ ރިސޯޓުތަކާ ހަމައަށް، ފަތުރުވެރިކަމުގެ ބިނާވެށި ތަރައްޤީވަމުން އައި ތާރީޚީ ދަތުރު ވަރަށް ފުރިހަމައަށް ދައްކުވައިދޭ މައުރަޒެއް ކަމަށެވެ.

މި މަސައްކަތްތަކުން ރާއްޖެއަށް ޚާއްޞަ "ވަން-އައިލެންޑް-ވަން-ރިސޯޓް" އުޞޫލާއި، ރާއްޖޭގެ ފަތުރުވެރިކަމުގެ ތަފާތު ސިފައެއް ކަމުގައިވާ "ބެއަރފުޓް ލަގްޒަރީ" ނުވަތަ ގުދުރަތީ ސާދާކަމާ އެކު ފޯރުކޮށްދޭ މަތީ ފަންތީގެ ޚިދުމަތްތައް ވަރަށް ބޮޑަށް ހަނދާންކޮށްދޭ ކަމަށްވެސް ވިދާޅުވިއެވެ. އިތުރަށް ވަޒީރު ފާހަގަކުރެއްވީ، މިފަދަ ތާރީޚީ ތަރިކަތައް ރައްކާތެރިކޮށް ދެމެހެއްޓުމަކީ އަޅުގަނޑުމެން އެންމެންގެ ޒިންމާއެއް ކަމެވެ.

ވަޒީރު ވަނީ ދިވެހިންގެ އަގުހުރި ތާރީޚު އަންނަން އޮތް ޖީލުތަކަށްޓަކައި ލިޔެކިޔުންތަކުން ފެންނާނެހެން ރައްކާތެރިކޮށްދެއްވުމަށް މައުރޫފް ކުރައްވަމުން ގެންދަވާ އިޚްލާޞްތެރި މަސައްކަތަށްޓަކައި އޭނާއަށް ޝުކުރު އަދާކޮށްފައެވެ.

ވޭތުވެދިޔަ އެތައް އަހަރެއްގެ ތެރޭގައި މައުރޫފް ޖަމީލް ވަނީ ފަރުމާކުރުމުގެ (އާކިޓެކްޗަރަލް) ނަޒަރަކުން ދިވެހިރާއްޖެއަށް އައި ބަދަލުތައް ދިރާސާކުރައްވާފައެވެ. އާކިޓެކްޓެއްގެ އިތުރުން ކުރެހުންތެރިއެއް އަދި މިނިވަން އިލްމީ ދިރާސާވެރިއެއްގެ ހައިސިއްޔަތުން، އޭނާގެ މަސައްކަތްތައް އަމާޒުކުރައްވާފައިވަނީ ހަމައެކަނި ތަންތަން ފަރުމާކުރުމަކަށް ނޫނެވެ. އޭގެ ބަދަލުގައި، އެ ތަންތަން ބައްޓަންކުރުމުގައި ދައުރު އަދާކުރި ވާހަކަތަކާއި، ޚިޔާލުތަކާއި އަދި ސަގާފީ ނުފޫޒުތައް ދެނެގަނެ، އެ ތަންތަން ތާރީޚަށްޓަކައި ރައްކާކުރުމަށްވެސް އޭނާ ވަނީ އިސްކަންދެއްވާފައެވެ.

އާކިޓެކްޓުންނާއި، ދިރާސާވެރިންނާއި އަދި ފަންނީ މާހިރުންގެ ޓީމަކާއެކު ތައްޔާރުކޮށްފައިވާ މި މައުރަޒުގައި، އަތުން ކުރަހާފައިވާ ކުރެހުންތަކާއި، ތާރީޚީ ލިޔެކިޔުންތަކާއި، އިންޓަވިއުތަކާއި އަދި ތަސްވީރުތައް ބޭނުންކޮށްގެން، ވޭތުވެދިޔަ ފަންސާސް އަހަރުގެ ތެރޭގައި ރާއްޖޭގެ ރިސޯޓްތަކުގެ ފަރުމާ ބަދަލުވަމުން އައި ގޮތް ތަފްސީލުކޮށްދީފައިވެއެވެ. މިގޮތުން، ވަރަށް އާދައިގެ ގޮތަކަށް ފެށިގެން އައި ރިސޯޓްތައް، ދުނިޔެ ބަލައިގަންނަ ފެންވަރުގެ ފިލާވަޅަކަށް އަދި ފަރުމާގެ ނަމޫނާއަކަށް ބަދަލުވެގެން ދިޔަ ގޮތް މި މައުރަޒުން ފެނިގެންދެއެވެ.

މި މައުރަޒުގައި، ރިސޯޓްތައް ތަރައްގީވަމުން އައި ފަސް ދައުރަކަށް ބަލާލާފައިވެއެވެ. އަދި ކޮންމެ ދައުރެއްގައިވެސް ގެނެވުނު އާ އުފެއްދުންތަކާއި، ބަދަލުވަމުން އައި ރީތިކަމުގެ މިންގަނޑުތަކާއި، އަދި އެ ދުވަސްވަރުގެ ސަގާފީ ސިފަތައް މި މައުރަޒުގައި ފާހަގަކޮށްފައިވެއެވެ.

މައުރޫފް ޖަމީލަކީ ހުޅުމާލެ ހިއްކި ދުވަސްވަރުން ފެށިގެން ވަރަށް ގިނަ ދުވަސް ވަންދެން، އެ ތަން ތަރައްގީ ކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ބޭފުޅެކެވެ. ހުޅުމާލެ ހިއްކަން ފެށިއިރު ކޮންސްޓްރަކްޝަން މިނިސްޓްރީގައި ހުންނަވައިގެން އެ މަޝްރޫއުގައި މައުރޫފް އިސްދައުރެއް އަދާކުރެއްވި އެވެ.

އޭގެ ފަހުން ރައީސް އޮފީހުގެ ދަށުން ހިންގާ ގޮތަށް ހުޅުމާލެ ޑިވެލޮޕްމަންޓް ޔުނިޓް އުފެއްދިއިރު އެ ތަނުގެ ޑިރެކްޓަ ޖެނެރަލަކަށް ނުވަތަ އެންމެ އިސްކޮށް ހުންނެވީ ވެސް މައުރޫފެވެ. އަދި އެޗްޑީސީ އުފެއްދުމާ އެކު، އެ ކުންފުނީގެ ސީއީއޯގެ މަގާމު ދުވަސްކޮޅަކަށް ފުރުއްވި އެވެ. މައުރޫފް އެޗްޑީސީން ވަކިވެވަޑައިގަތީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގެ ފަހު ދައުރުގައި ކޮންސްޓްރަކްޝަން މިނިސްޓަރަކަށް އައްޔަން ކުރެއްވި ހިސާބުންނެވެ.

ކިޔުންތެރިންގެ ހިޔާލު