ENGLISH
11 ޖޫން 2026
ދުޅަހެޔޮކަމަށް މުހިއްމު ފިޔަވަޅެއް؛ ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ މިންގަނޑުތަކާ ހިލާފުވުމުން ބޮޑެތި ޖޫރިމަނާތަކެއް
11 ޖޫން 2026
|
އެންމެ މަޤްބޫލު
އާއްމުންގެ ދުޅަހެޔޮކަން ކަށަވަރުކުރުމުގެ ގޮތުން ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގައި އަމަލުކުރަންޖެހޭ މިންގަނޑުތައް ބަޔާންކުރުމާއެކު، އެ މިންގަނޑުތަކާ ހިލާފުވެގެން ގެއްލުމެއް ލިބޭ ހާލަތުގައި ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރެވޭ ގޮތަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން ގަވާއިދެއް އެކުލަވައިލާ ގެޒެޓުގައި ޝާއިއުކޮށްފިއެވެ.
އެމްއެފްޑީއޭއިން އާއްމުކުރި " ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ ގަވާއިދަކީ" ރާއްޖޭގައި އުފެއްދައި އަދި ރާއްޖެއިން ބޭރުން އެތެރެކޮށް ރާއްޖޭގައި ގަނެވިއްކާ ކާބޯތަކެއްޗާއި، ރާއްޖެއިން ބޭރުކުރާ ކާބޯތަކެތީގެ ބާވަތްތައް ބަންދުކުރުމާއި، އެތަކެތީގައި ލޭބަލް ޖެހުމުގައި އަމަލުކުރަންޖެހޭ އުސޫލުތައް ވަރަށް ތަފުސީލުކޮށް ބަޔާންކުރާ ގަވާއިދެކެވެ.
ކާބޯތަކެތި ބަންދުކުރަން ބޭނުންކުރަންޖެހޭނީ ފުޑް ގްރޭޑް މެޓީރިއަލް ނުވަތަ ކާބޯތަކެތި ބަންދުކުރުމަށް އެކަށީގެންވާ ފެންވަރުގެ މާއްދާއަކުން އުފައްދާފައިވާ އެއްޗެއްގައެވެ. އަދި ކާބޯތަކެތި އެޅުމަށް ތައްޔާރުކުރާ ތަކެތި ނޫން އެހެނިހެން އެއްޗެހީގައި ކާބޯތަކެތި ބަންދުކުރުމާއި، އެއްފަހަރު ބޭނުންކުރުމަށްފަހު އުކައިލާ ޕޮލިއިތެލިން ޓެރެފްތަލޭޓް ނުވަތަ ޕެޓް ފުޅިފަދަ ޕްލާސްޓިކު ފުޅީގައި ކާބޯތަކެތި ބަންދުކުރުން ގަވާއިދުން މަނާކޮށްފައިވެއެވެ.
އަދި ރާއްޖެއަށް ކާބޯތަކެތި އެތެރެކުރާ ފަރާތެއްގެ އިހުމާލުން އާއްމު ސިއްހަތަަށް ނުރައްކަލެއް ކުރިމަތިވާ ހާލަތުގައި އެމްއެފްޑީއޭއަށް މި ގަވާއިދުގެ ދަށުން، އެފަރާތަކަށް ކާބޯތަކެތި އިމްޕޯޓުކޮށް އެކްސްޕޯޓުކުރުމަށް ދޫކޮށްފައިވާ ލައިންސެންސާއި ރަޖިސްޓްރޭޝަން ބާތިލުކުރުމުގެ ބާރު ލިބެއެވެ.
ގަވާއިދުގައި އިތުރަށް ބަޔާންްކޮށްފައިވާ ގޮތުން ކާބޯތަކެތީގެ އެއްވެސް ބާވަތެއްގެ އަސްލު އޮޅޭ ގޮތަށް ލޭބަލްކޮށްފައިވާނަމަ އެފަދަ އެއްޗެއް ރާއްޖެއަށް އެތެރެކުރުމާއި ގަނެވިއްކުމަކީ މަނާކަމެކެވެ. އަދި އެއީ ގަވާއިދުގެ ދަށުން ޖޫރިމަނާކުރެވޭ ކުށެއްކަމަށް ކަނޑައަޅާފައިވެއެވެ.
އެ ގަވާއިދުގައި ބުނެފައިވާ ގޮތުން އަސްލު އޮޅޭ ގޮތަށް ކާބޯތަކެތީގެ ބާވަަތެއް ނުވަތަ އުފެއްދުމެއް ލޭބަލްކުރުމުގެ ކުށުގައި 10،000 ރުފިޔާއާއި 750،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެއެވެ. އަދި އެމީހަކަށް ދޫކޮށްފައިވާ ލައިސަންސް ހިފަހެއްޓޭނެއެވެ.
ފުރަތަމަ ފަހަރަށް 10،000 ރުފިޔާއިން ޖޫރިމަނާކޮށް ލައިންސަން 7 ދުވަހަށް ހިފަހެއްޓޭއިރު، ދެވަނަ ފަހަރަށް 100،000 ރުފިޔާއިން ޖޫރިމަނާކޮށް ލައިސަން 15 ދުވަހަށް އަދި ތިންވަނަ ފަހަރަށް އެފަދަ ކުށެއް ކޮށްފިނަމަ 750،000 ރުފިޔާއިން ޖޫރިމަނާކޮށް ލައިސަން ނުވަތަ ރަޖިސްޓްރީ ބާތިލުކުރެވޭނެކަމަށް ގަވާއިދުގައި ބުނެފައިވެއެވެ.
އަސްލު އޮޅޭގޮތަށް ލޭބަލް ކުރުމުގެ ސަބަބުން މީހެއްގެ ސިއްޙަތަށް ގެއްލުމެއް ލިބިއްޖެނަމަ ނުވަތަ ފުރާނައަށް ނުރައްކާވެއްޖެނަމަ އެ އަމަލެއް ކުރި މީހަކު 1،000،000 ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރުމުގެ ބާރު އެމްއެފްޑީއޭއަށް ގަވާއިދުން ލިބިދެއެވެ.
ގަވާއިދުގައި ބަޔާންކުރާ މިންގަނޑުތަކާ ހިލާފަށް ކާބޯތަކެތި ލޭބަލްކޮށްފިނަމަ އެ ފަރާތެއް ފުރަތަމަ ފަހަރަށް 10،000 ރުފިޔާއިން ޖޫރިމަނާކުރެވޭއިރު، ދެވަނަ ފަހަރު 100،000 ރުފިޔާއިން އަދި ތިންވަނަ ފަހަރު 500،000 ރުފިޔާއިން ޖޫރިމަނާކުރުމަށްފަހު، ހަތަރުވަނަ ފަހަރު 750،000 ރުފިޔާއިން ޖޫރިމަނާކުރެވޭނެއެވެ. އަދި ފަސްވަނަ ފަހަރަށް އެ މައްސަލަ ޖެހިއްޖެނަމަ އެއް މިލިއަން ރުފިޔާއިން ޖޫރިމަނާކުރުމާއެކު ލައިސެންސް ބާތިލުކުރެވޭނެއެވެ.