ENGLISH
11 ޖޫން 2026
ނިޔާވި އޮފިސަރަށް މަގާމުގެ ކުރިއެރުން ދެއްވައިފި
11 ޖޫން 2026
|
ނިޔާވި ފުލުސް އޮފިސަރު
އެންމެ މަޤްބޫލު
ދިވެހި ފުލުހުންގެ ޚިދުމަތުގައި އިހުލާސްތެރިކަމާއެކު ޚިދުމަތްކުރެއްވި، ސީނިއާ ސާޖަންޓް އަޙްމަދު އާސިފް (ސާވިސް ނަންބަރު: 4702) ދެއްކެވި ނަމޫނާ މަސައްކަތާއި، މަސައްކަތަށް ބެހެއްޓެވި ފަރުވާތެރިކަމުގެ އަގުވަޒަންކުރުމުގެ ގޮތުން، އަޙްމަދު އާސިފަށް ސަބް އިންސްޕެކްޓަރ އޮފް ޕޮލިސްގެ ރޭންކް މިއަދު އަރުވައިފި އެވެ.
ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު އާސިފް ނިޔާވީ ޖޫން 11 ވަނަ ދުވަހުގެ ދަންވަރު ފުލުހުންގެ ރަސްމީ ވާޖިބު އަދާކުރައްވަމުން ގެންދަވަނިކޮށެވެ.
ފުލުހުން ބުނީ އަޙްމަދު އާސިފްގެ ވަކިވެދިއުމަކީ މުއައްސަސާއަށާއި، އަޙްމަދު އާސިފް ވަފާތެރިކަމާއެކު ޚިދުމަތްކުރެއްވި މި ގައުމަށް ލިބުނު ފުން ހިތާމައެއް ކަމަށެވެ.
މަގާމުގެ މި ކުރިއެރުމަކީ، މުޖުތަމައުގެ އަމަންއަމާންކަން ދެމެހެއްޓުމަށާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރެއްވުމުގައި އަޙްމަދު އާސިފް އަދާކުރެއްވި އިހުލާސްތެރި ދައުރާއި، ކުރެއްވި މަތިވެރި ޚިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން ދެވުނު ޝަރަފެކެވެ. ދިވެހި ފުލުހުންގެ ޚިދުމަތުގައި އަޙްމަދު އާސިފް ދެއްކެވި ނަމޫނާއާއި، ކޮށްދެއްވި އަގުހުރި ޚިދުމަތްތަކުގެ ހަނދާންތައް އަބަދުވެސް އާކުރެވޭނީ ނުހަނު އިހުތިރާމާއެކުގައި ކަމަށް ވެސް ފުލުހުން ބުންޏެވެ.
ނިޔާވި، ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު އާސިފްގެ އާއިލާއަށާއި، ލޯބިވާ ފަރާތްތަކަށް، އަދި ރަހުމަތްތެރިންނާއި އެކުގައި މަސައްކަތްކުރެއްވި އެންމެހާ މުވައްޒަފުންނަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން އިހުލާސްތެރިކަމާއެކު ތަޢުޒިޔާ ވަނީ ފޮނުއްވާފަ އެވެ.