ENGLISH
11 ޖޫން 2026
ޝަމްއާންއާ ގުޅޭ ތަހުޤީޤުގައި ނުފޫޒެއް ނެތް، ޙަޤީޤަތް ސާފުކޮށްދީ ފުލުހުން ބަޔާނެއް ނެރެފި
11 ޖޫން 2026
|
ކުރީގެ ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން ޝަމްއާން ވަހީދު
އެންމެ މަޤްބޫލު
އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރ ޖެނެރަލް މުޙައްމަދު ޝަމްޢާން ވަޙީދު މީޑިއާތަކާ ބައްދަލުކޮށް ކޮށްފައިވާ ތުހުމަތުތައް ދޮގުކޮށް ޙަޤީޤަތް ސާފުކޮށްދީ، ދިވެހި ފުލުހުންގެ ޚިދުމަތުން ބަޔާނެއް ނެރެފި އެވެ.
ފުލުހުން ބުނީ ޝަމްޢާން ވަޙީދާއި މޯލްޑިވްސް އިމިގްރޭޝަންގެ ބައެއް މުވައްޒަފުން ގުޅިގެން، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީންގެ އަތުން ނުހައްގު މާލީ މަންފާ ހޯދައި، އެ ފައިސާ ބޭނުންކޮށްގެން މަނީ ލޯންޑަރިންގެ ޢަމަލުތައް ހިންގާފައިވާ ކަމަށް ކުރެވޭ ތުހުމަތުތަކުގެ ތަހުގީގު ކުރިއަށް ގެންގޮސްފައިވަނީ ރާއްޖޭގެ ގާނޫނުތަކާއި ކަނޑައެޅިފައިވާ އިޖުރާއަތްތަކާ އެއްގޮތަށް ކަމަށެވެ.
މި މައްސަލައިގެ ތަހުގީގު ފެށުމާއެކު، 2025 މާރިޗު 21 ވަނަ ދުވަހު ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ އެ މައްސަލައާ ގުޅޭ މައުލޫމާތު މީޑިއާތަކާ ހިއްސާކޮށްފައި ކަމަށާ އެއަށް ފަހު، މައްސަލައިގެ ތަހުގީގުގެ އަދާހަމަ އެކިފަހަރުމަތިން މީޑިއާތަކާ ހިއްސާކޮށްފައިވާކަން ފުލުހުން ވަނީ ފާހަގަކޮށްފަ އެވެ. އަދި އެ މައްސަލައިގެ ތަހުގީގުގެ ހޯދުންތަކުގެ ތަފްސީލު ހާމަކުރުމަށް 2025 މޭ 13 ވަނަ ދުވަހު މީޑިއާ ބްރީފިންގ އެއް ބާއްވާފައިވާކަން ވެސް ވަނީ ފާހަގަކޮށްފައެވެ.
ފުލުހުން ބުނީ މި މައްސަލައިގެ ތަހުގީގަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، މޯލްޑިވްސް އިމިގްރޭޝަނުން ހިންގި އޮޕަރޭޝަނެއް ރޭވުމުގެ މަރުހަލާއިން ފެށިގެން އެ އޮޕަރޭޝަން ތަންފީޒުކުރުމާ ހަމައަށް ހިނގި ހުރިހާ ކަމެއް މުޙައްމަދު ޝަމްޢާން ވަޙީދަށް އެނގޭކަން ތަހުގީގަށް ވަނީ ކަށަވަރު ކުރެވިފައެވެ. އަދި މި އޮޕަރޭޝަން 2025 މާރިޗު 11 ވަނަ ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ ނަމަވެސް، އޭގެ ގާތްގަނޑަކަށް ހަފުތާއެއްހާ ދުވަސް ކުރިން ޝަމްޢާންގެ އޮފީހުގައި މިކަމާ ގުޅޭ މަޝްވަރާތައް ބާއްވާފައިވާކަންވެސް ތަހުގީގަށް އެނގިފައިވާ ކަމަށް ބުންޏެވެ.
މި މައްސަލައާ ގުޅުންހުރި ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނައި ރޭ، އެ މައުލޫމާތު ޝަމްޢާނަށް ދީފައިވާ ކަމަށާ އެއަށްފަހު، އެ ބިދޭސީންގެ ތެރެއިން އެކަކު ދޫކޮށްލުމުގެ އިޖުރާއަތްތައް ފަށާފައިވާ ކަަމަށް ފުލުހުން ބުންޏެވެ. އެގޮތުން، ސްޕޮންސަރުގެ ނަމުގައި އީމެއިލް މެދުވެރިކޮށް ފޮނުވި ސިޓީއެއް އިމިގްރޭޝަނަށް ލިބުމާއެކު، އެއީ އަވަސް މައްސަލައެއްގެ ގޮތުގައި ބަލައި، އެ މީހާ ދޫކޮށްލުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ކަމާގުޅޭ މުވައްޒަފުންނަށް ޝަމްޢާން އިރުޝާދު ދިންކަންވެސް ތަހުގީގަށް އެނގިފައިވެއެވެ.
ތަހުގީގަށް އިތުރަށް ހާމަވެފައިވާ ގޮތުގައި، އެ ބިދޭސީ މީހާ ދޫކޮށްލުމަށްފަހު، މި މައްސަލައިގައި ތުހުމަތުކުރެވޭ އިމިގްރޭޝަންގެ ދެ މުވައްޒަފަކު އެ މީހާ ގޮވައިގެން އިމިގްރޭޝަންގެ ވެހިކަލެއްގައި މާލެ ތެރޭގައި ދަތުރުކުރި ކަމަށާ މި ދަތުރުގެ ތެރޭގައި، އެ މީހާ ދޫކޮށްލުމުގެ ބަދަލެއްގެ ގޮތުން ދޭންޖެހޭ ފައިސާއާ ބެހޭގޮތުން މަޝްވަރާކޮށްފައިވެއެވެ. އަދި ފައިސާގެ އަދަދު ކަށަވަރުކުރުމަށް ޝަމްޢާން ވަޙީދާ ގުޅާފައިވާކަން ވެސް ވަނީ އެނގިފައިވާ ކަމަށް ފުލުހުން ބުންޏެވެ. މިކަމަށް އެއްބަސްވެފައިވަނީ 500,000 (ފަސްލައްކަ) ދިވެހި ރުފިޔާއަށެވެ.
މީގެއިތުރުން، ވެހިކަލް ޕާކުކުރުމަށްފަހު އިމިގްރޭޝަންގެ އެ ދެ މުވައްޒަފުން ސައިކަލެއްގައި ޝަމްޢާން ދިރިއުޅޭ ގެ ހުންނަ ސަރަހައްދަށް ގޮސްފައިވާކަން ތަހުގީގަށް ވަނީ ހޯދިފައި ކަމަށާ އެމީހުން ޝަމްޢާން ދިރިއުޅޭ އެޕާޓްމަންޓް އިމާރާތަށް ވަދެފައިވަނީ ދަންވަރު 3:00 އެހައިކަންހާއިރު ފައިސާ ހުރި ކޮތަޅެއް ހިފައިގެން ކަމަށާ އޭގެ ގާތްގަނޑަކަށް ތިން މިނެޓް ފަހުން އެމީހުން އެ އިމާރާތުން ނުކުތްއިރު، އެމީހުންގެ އަތުގައި އެ ފައިސާ ކޮތަޅެއް ނެތް ކަމަށެވެ.
އަދި ޖެހިގެން އައި 2025 މާރިޗު 13 ވަނަ ދުވަހު، ޝަމްޢާން ވަޙީދުގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ ދެ އެކައުންޓަކަށް ޖުމްލަ 259,837.35 (ދެލައްކަ ފަންސާސް ނުވަހާސް އަށްސަތޭކަ ތިރީސް ހަތް ރުފިޔާ ތިރީސް ފަސް ލާރި) ޖަމާކޮށްފައިވާކަން ވެސް ތަހުގީގަށް ހޯދިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި ތަހުގީގަކީ ވަކި ނަތީޖާއެއް ނެރުމަށް ދުރާލައި ރާވައިގެން ހިންގި ތަހުގީގެއް ކަމަށާއި، ވަކި ގޮތަކަށް ބަޔާން ދިނުމަށް މީހުންނަށް ނުފޫޒު ފޯރުވާފައިވާ ކަމަށް ނުވަތަ ތަހުގީގުގެ ނިންމުންތަކަކީ ސިޔާސީ ފަރާތެއްގެ ނުވަތަ އެހެންވެސް ފަރާތެއްގެ އިރުޝާދުގެ ދަށުން ނިންމާފައިވާ ނިންމުންތަކެއް ކަމަށް ކުރާ ތުހުމަތުތަކަކީ އެއްވެސް އަސާސެއްނެތް ހަގީގަތާ ހިލާފު ތުހުމަތު ތަކެއް ކަމަށް ފުލުހުންގެ ބަޔާނުގައިވެ އެވެ. އަދި ތަހުގީގުން ނިންމާފައިވާ ހުރިހާ ނިންމުންތަކަކީވެސް ތަހުގީގަށް ލިބިފައިވާ ހެކިތަކުގެ މައްޗަށް ބިނާކޮށް، ކަމާބެހޭ ގާނޫނުތަކާއި އުސޫލުތަކުގެ ތެރެއިން މި މުއައްސަސާއިން މިނިވަންކަމާއެކު ނިންމާފައިވާ ނިންމުންތަކެއް ކަމުގެ ޔަޤީންކަން ވެސް ދީފައިވެ އެވެ.
ފުލުހުން ބުނީ މުޅި ތަހުގީގުގެ މަރުހަލާގައާއި އޭގެ ފަހުން ހިނގި ޝަރުއީ މަރުހަލާތަކުގައިވެސް، ތަހުގީގުގެ ބޭނުމަށް ހިފަހައްޓާފައިވާ ފޯނު ހުޅުވުމަށް ބޭނުންވާ ލޮކް ކޯޑު ޝަމްޢާން ވަޙީދު ދީފައިނުވާ ކަމަށާ އެހެންކަމުން، އެ ފޯނުގައި ހުރި މައުލޫމާތުތައް ބަލައި ތަހުގީގު ކުރުމުގެ ފުރުސަތު ލިބިފައެއް ނުވާ ކަމަށެވެ.
އަދި ޖޫން 09 ވަނަ ދުވަހު މުޙައްމަދު ޝަމްޢާން، ފުލުހުންގެ ބެލުމުގެ ދަށުގައި އޮތް އޭނާގެ ފޯނުގައި ކޮރަޕްޝަނާ ގުޅޭ ހެކި ހުރި ކަމަށް މީޑިއާ މެދުވެރިކޮށް ބުނި ނަމަވެސް، ތަހުގީގުގެ އެއްވެސް މަރުހަލާއެއްގައި އަދި 2025 ޑިސެމްބަރ 25 ވަނަ ދުވަހު މުޙައްމަދު ޝަމްޢާން ވަޙީދު ބަންދުން ދޫކޮށްލިފަހުން މިނިވަނެއްގެ ގޮތުގައި އުޅުނުއިރުވެސް އެފަދަ އެއްވެސް މައުލޫމާތެއް ފުލުހުންނަށް ހިއްސާކޮށްފައެއް ނުވާ ކަމަށް ވަނީ ބުނެފަ އެވެ. ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގު ކުރުމުގެ ގާނޫނީ މެންޑޭޓް އޮންނަ އެހެން އެއްވެސް މުއައްސަސާއަކަށްވެސް އެފަދަ މައުލޫމާތެއް ރަސްމީކޮށް ހުށަހަޅާފައިވާކަން ފުލުހުންނަށް އެނގިފައެއް ނުވާ ކަމަށް ވެސް ބުންޏެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ހިންގާ ހުރިހާ ތަހުގީގު ތަކަކީވެސް އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތި، ވަކި ފަރާތަކަށް ނުޖެހި، ގާނޫނީ އިޖުރާއަތްތަކާ އެއްގޮތަށް ކުރިއަށްގެންދާ ތަހުގީގުތަކެއް ކަމަށާ ޖިނާއީ ކުށެއް ހިނގާފައިވާ ކަމަށް ބުނެ ކުރެވޭ ކޮންމެ ތުހުމަތަކާ ގުޅޭގޮތުންވެސް، އެކަށީގެންވާ ހެއްކެއް ނުވަތަ މައުލޫމާތެއް އެއްވެސް ފަރާތަކުން ހުށަހަޅައިފިނަމަ، އެކަމެއް ދިރާސާކޮށް، ގާނޫނީ އިޖުރާއަތްތަކުގެ ތެރެއިން ތަހުގީގު ކުރާނެ ކަމުގެ ޔަގީންކަން ވެސް ވަނީ ދީފަ އެވެ.
މި މައްސަލައިގެ ތަހުގީގު ނިންމައި، ގަނޫނީ އިޖުރާއަތްތަކާ އެއްގޮތްވާ ގޮތުގެ މަތިން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައި އެ އޮފީހުން ދައުވާ އުފުލުމާ ގުޅިގެން ކުރިއަށްދިޔަ ޝަރުއީ މަރުހަލާތަކުގައި ހުށަހެޅުނު ހެކިތަކުގެ މައްޗަށް ބިނާކޮށް، ކްރިމިނަލް ކޯޓުން މިހާރު ވަނީ މި މައްސަލައިގައި ހުކުމް އިއްވާފައެވެ.
ދިވެހިރާއްޖޭގެ ގާނޫނުއަސާސީއާއި ގާނޫނުތަކުގެ ދަށުން ކަނޑައެޅިފައިވާ އަދުލުގެ ނިޒާމަށާއި، ފަނޑިޔާރުގޭގެ މިނިވަންކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ފުރިހަމައަށް އިހުތިރާމްކުރާ ކަމަށާ ކޯޓަކުން ނިންމާފައިވާ ނިންމުމަކާމެދު އެއްވެސް ފަރާތަކުން ހިތްހަމަނުޖެހޭނަމަ ނުވަތަ އެ ނިންމުމެއް މުރާޖައާކުރަންޖެހޭކަމަށް ދެކޭނަމަ، އެކަމަށް އޮތް ގާނޫނީ ހައްލަކީ ޝަރުއީ ނިޒާމުގެ ތެރެއިން ލިބިދޭ އިސްތިއުނާފުކުރުމުގެ ހައްގުގެ ބޭނުން ކުރުންކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ދެކޭ ކަމަށް ވެސް މި ބަޔާނުގައިވެ އެވެ.