ENGLISH

22 އޭޕްރީލު 2026

Advertisement

ވަޒީފާގެ މާހައުލުގައި ޖިންސީ ފުރައްސާރައާއި ގޯނާކުރުން ހުއްޓުވަން އިސްލާހުތަކެއް

22 އޭޕްރީލު 2026

|

އައިމިނަތު ޝަފާ

މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން

ވަޒީފާގެ މާހައުލުގައި ޖިންސީ ފުރައްސާރަކުރުމާއި ގޯނާ ކުރުން ހުއްޓުވުން ހަރުދަނާކުރުމަށް  ގާނޫނަށް އިސްލާހުތަކެއް ހުށަހަޅުއްވައިފި އެވެ.

ސަރުކާރުގެ ފަރާތުން މި އިސްލާހުތައް ހުށަހެޅުއްވީ ކެލާ ދާއިރާގެ މެމްބަރު ޢަބްދުﷲ ޝަރީފް  އެވެ. 

މި ބިލް ހުށަހެޅުމުގެ ބޭނުމެއްކަމަށް މެމްބަރު ފާހަގަކުރެއްވީ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ޤާނޫނުގެ ދަށުން ވަޒީފާ އަދާކުރާ ތަންތަނުގައި ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ވަޒީފާދޭ ފަރާތްތަކުން އަދި އެ ތަންތަނުގައި ޤާނޫނުގެ ދަށުން އުފައްދާ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ކޮމިޓީތަކުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް ޤާނޫނުގައި އިތުރަށް ތަފްޞީލު ކުރުމެވެ. އަދި ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ ޢަމަލުގެ ޝިކާރައަށްވާ ފަރާތްތަކުގެ ޙައްޤުތައް ރައްކާތެރިކުރެވޭނެ މޭރުމުން، ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ ޢަމަލުގެ ޝަކުވާތައް ކޮމިޓީން ބެލުމުގައި ޢަމަލުކުރަންޖެހޭ އުސޫލުތަކާއި އިޖުރާއަތު ހަރުދަނާކުރުމަށާއި، ވަޒީފާދޭ ފަރާތްތަކުން ޤާނޫނު ތަންފީޛުކުރާ މިންވަރު ބަލައި މޮނިޓަރކުރުމުގެ ބާރުގެ ދާއިރާ އިތުރަށް ފުޅާކުރުމާއެކު އެނޫންވެސް ޤާނޫނު ތަންފީޛުކުރުމުގައި ދިމާވާ ދަތިތައް ޙައްލުކުރުމެވެ. 

މި ބިލުގައި ފުރައްސާރަ ނުވަތަ ގޯނާގެ އަމަލު ހިންގީ ވަޒީފާ އަދާކުރާ ތަނުގައި ނުވަތަ މަސައްކަތުގެ ރަސްމީ ވަގުތެއް ނުވަތަ ވަޒީފާގެ މުއާމަލަތަކާ ގުޅިގެން ކަމަށްވާން ނުޖެހޭކަމަށް ވަނީ ބަޔާންކޮށްފަ އެވެ. އަދި ވަޒީފާދޭ ކޮންމެ ފަރާތަކުންވެސް މިފަދަ ކަންކަމުގައި އެތަނަކަށް ހާއްސަ ސިޔާސަތެއް އެކުލަވާލަންޖެހޭނެ ކަމަށް ވަނީ ބަޔާންކޮށްފަ އެވެ.

މި ގާނޫނުގައި ވާގޮތުން ޖިންސީ ފުރައްސާރަކުރުމާއި، ގޯނާކުރުން ހުއްޓުވުމާބެހޭ ސިޔާސަތު ވަޒީފާދޭ ފަރާތްތަކުން، އެކުލަވާލަންޖެހެނީ ވަރަށް ގިނަ ކަންކަން ހިމެނޭ ގޮތަށެވެ. އެކަންކަމަކީ: 

(1) ސިޔާސަތު ހިނގާނެ ދާއިރާ

(2) ވަޒީފާދޭ ތަނުގައި ޖިންސީ ފުރައްސާރަކުރުމާއި، ގޯނާކުރުމުގެ ޢަމަލުތައް މެދުވެރިވިޔަ ނުދިނުމަށްޓަކައި، ވަޒީފާދޭ ފަރާތުން، ހިފަހައްޓަންޖެހޭ މިންގަނޑުތައް

(3) ވަޒީފާދޭ ތަނުގައި ޖިންސީ ފުރައްސާރަކުރުމާއި، ގޯނާކުރުމުގެ ޢަމަލުތައް މެދުވެރިވިޔަ ނުދިނުމަށްޓަކައި، ތަނުގެ މުވައްޒަފުން ހިފަހައްޓަންޖެހޭ މިންގަނޑުތައް

(4) ވަޒީފާދޭ ތަނުން ކުރާ އެކިއެކި މަސައްކަތްތަކުގައާއި، ރާވާ އެކިއެކި ކަންކަމުގައި ޖިންސީ ފުރައްސާރަކުރުމާއި، ގޯނާކުރުމުގެ ޢަމަލުތައް، މެދުވެރިވިޔަ ނުދީ، އެފަދަ ޢަމަލުތައް ހުއްޓުވުމުގެ ގޮތުން، މަސައްކަތްކުރުމުގައި ގެންގުޅެންޖެހޭ ސުލޫކީ ހަމަތައް

(5) ވަޒީފާއަދާކުރާ ތަނުން ބޭރުގައި، ނުވަތަ ވަޒީފާގެ ވަގުތުން ބޭރުގައި، މުވައްޒަފުން ހިފަހައްޓަންޖެހޭ މިންގަނޑުތައް

(6) ޖިންސީ ފުރައްސާރަކުރުމާއި، ގޯނާކުރުމުގެ ޢަމަލެއް ހިނގައިފިނަމަ ޝަކުވާ ހުށަހެޅުމުގައާއި ޝަކުވާ ބަލައި ގޮތެއް، ނިންމުމުގައި އެ ތަނަކުން ޢަމަލުކުރާނެ އުސޫލުތައް.  

ގާނޫނުގައިވާގޮތުން ވަޒީފާގެ މާޙައުލަކީ، ޖިންސީ ފުރައްސާރަކުރުމާއި، ގޯނާކުރުމުގެ ޢަމަލުތަކުން، ރައްކާތެރިވެގެންވާ، އެފަދަ ކަންކަމުގެ ސަބަބުން މުވައްޒަފުންގެ މަސައްކަތަށް، ނޭދެވޭ އަސަރެއް ނުކުރާ މާޙައުލަކަށް، ހެދުމަށްޓަކައި ވަޒީފާދޭ ފަރާތުން އިންތިޒާމުތައް ހަމަޖައްސައި ތަންފީދުކުރަންވާނެ އެވެ. 

ޤާނޫނުގެ ދަށުން އެކުލަވައިލާ ކޮމިޓީތައް އެކުލަވާލުމަށްފަހު އެކަން ހިޔުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، އެޗްއާރުސީއެމަށް އަންގަންޖެހެ އެވެ. މިކޮމިޓީގައި މަދުވެގެން ތިން މެންބަރުން ހިމެނޭހެން އޮނަހިރި އަދަދަކަށް މެންބަރުން އައްޔަންކުރެވޭނެ ކަމަށް ބަޔާންކޮށްފައި ވެއެވެ. އަދި އެ ކޮމިޓީ އެކުލަވާލަންޖެހޭނީ ދެ ޖިންސުގެ މެންބަރުންގެ މައްޗަށް ކަމަށްވެސް ވަނީ ބަޔާންކޮށްފަ އެވެ. ކޮމިޓީން މައްސަލަތައް ބަލަންޖެހޭ ގޮތުގެ އުސޫލު ޤާނޫނަށް ހުށަހަޅުއްވާފައިވާ އިސްލާހުގައި ތަފްސީލުކޮށް ބަޔާންކުރައްވާފައިވާއިރު އެ ކޮމިޓީތަކުން ބަލާ މައްސަލަތަކުގައި ގޮތް ނިންމައި ފިޔަވަޅު އަޅާނަމަ އެކަންފަސް ދުވަހުގެ ތެރޭގައި އަންގަންވާނެ ކަމަށް ވަނީ ބަޔާންކޮށްފަ އެވެ. އަދި މައްސަލަ ބަލައި ނިންމުމަށް 60 ދުވަހުގެ މުއްދަތެއް ކޮމިޓީއަށް ލިބޭއިރު އިތުރު މުއްދަތެއް ބޭނުންކަމަށް ފެންނަ ނަމަ މުއްދަތު 30 ދުވަހަށް އިތުރު ކުރެވޭނެ ކަމަށްވެސް އިސްލާޙުގައި ވަނީ ބަޔާންކޮށްފަ އެވެ.  

މައްސަލަ ބަލާ މުއްދަތުގައި ޝަކުވާ ރައްދުވާ ފަރާތް މުސާރަ ހިނގާގޮތަށް ސަސްޕެންޑު ކުރުމުގެ ބާރު ކޮމިޓީއަށް މި އިސްލާހުގެ ދަށުން ލިބޭނެ އެވެ.

ޖިންސީ ފުރައްސާރަ ނުވަތަ ގޯނާގެ ޝަކުވާ ރައްދުވާ މީހަކީ ޔުނިފޯމް އެޅި ހިދުމަތެއްގެ މީހެއް ނަމަ އެއީ ރައްޔިތުން އިތުބާރުކުރާ ފަދަ ބާރުވެރި މަގާމެއްގައި ހުރި މީހަކަށްވީތީ މައްސަލަ ނިންމުމުގައި އެންމެ މަތީ މިންގަނޑުތަކުން ކަންކަން ބަލައި، އެފަދަ ފަރާތްތަކާމެދު ކޮމިޓީތަކުގެ ނިންމުންތަކާއި މައްސަލަތައް ހުށަހަޅަންޖެހޭނީ ސިވިލް ކޯޓަށް ކަމަށްވެސް ވަނީ ބަޔާންކޮށްފަ އެވެ.

މި ޤާނޫނުން ގެނެވޭ އިސްލާޙުތަކާ ގުޅިގެން އެ ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ ގަވާއިދުތަކާއި އުސޫލުތަކަށް ގެންނަންޖެހޭ އިޞްލާޙުތަކާއި، އަލަށް އެކުލަވާލަންޖެހޭ ގަވާއިދުތަކާއި އުސޫލުތައް މި ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން ހަ އް) މަސްދުވަހުގެ ތެރޭގައި، އެކުލަވާލައި ދިވެހިސަރުކާރުގެ ގެޒެޓްގައި ޝާއިޢުކުރަންވާނެކަމަށް ވަނީ ބަޔާންކޮށްފަ އެވެ. އަދި މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ، މި ޤާނޫނު ފާސްވެ، ތަޞްދީޤުކޮށް، ދިވެހިސަރުކާރުގެ ގެޒެޓްގައި ޝާއިޢުކުރާ ތާރީހުން ފެށިގެން ތިންމަސްދުވަސް ހަމަވާ ތާރީހުން ފެށިގެންކަމަށް ވެސް ވަނީ ބަޔާންވެގެން ނެވެ.  

ކިޔުންތެރިންގެ ހިޔާލު