ENGLISH

22 އޭޕްރީލު 2026

Advertisement

އޭސީސީގެ ފަސްވަނަ އިސްތިރާޖީ ޕްލޭން؛ އަމާޒު ސިޔާސީ ކޮރަޕްޝަން ކުޑަކުރުމަށް

22 އޭޕްރީލު 2026

|

އައިމިނަތު ޝަފާ

އޭސީސީގެ ފަސްވަނަ އިސްތިރާޖީ ޕްލޭން އިފްތިތާހުކުރުމުގެ ތެރެއިން

ސިޔާސީ ދާއިރާގައި ހިނގާ ކޮރަޕްޝަން ހުއްޓުވުމުގެ އަމާޒު ހިމަނައި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރިއަށް އޮތް ފަސް އަހަރަށް އެކުލަވާލި ފަސް ވަނަ ސްޓްރެޓީޖިކް ޕްލޭން މިއަދު އާންމުކޮށްފި އެވެ.

މި ޕްލޭނަކީ ކޮރަޕްޝަންގެ ހިރާސް ބޮޑު ދާއިރާތަކަށް އަމާޒުކޮށްގެން، ކޮމިޝަނުގެ ވަސީލަތްތައް އެންމެ ފައިދާހުރި ގޮތުގައި ބޭނުންކުރުމަށް އެކުލަވާލާފައިވާ މުހިންމު މަގުޗާޓެއްކަމަށް އޭސީސީން ބުނެ އެވެ.

މި ޕްލޭންގެ މައިގަނޑު އަމާޒަކީ ކަނޑައެޅިފައިވާ މުއްދަތެއްގެ ތެރޭގައި ކޮރަޕްޝަން ހުއްޓުވުމުގެ މަސައްކަތުން ރައްޔިތުންނަށް ފެންނަފަދަ ހެޔޮ ބަދަލުތަކެއް ގެނައުންކަން ހާމަކޮށް އެ ކޮމިޝަނުން ބުނީ މި ސްޓްރެޓީޖިކް ޕްލޭން ބަހާލެވިފައިވަނީ މައިގަނޑު ފަސް ދާއިރާއަކަށް ކަމަށެވެ. އެއީ؛

· ގަވަރނަންސް އަދި އިދާރީ ތަރައްޤީ

· އިދާރީ ހިންގުން ހަރުދަނާކޮށް އެދެވޭ ނަތީޖާ ޙާސިލްކުރުން

· ޤައުމީ ނަޒާހަތްތެރިކަމުގެ ނިޒާމު ހަރުދަނާކުރުން

· ދައުލަތުގެ ޕްރޮކިއުމަންޓާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ގަވަރނަންސް ހަރުދަނާކުރުން

· ސިޔާސީ ކޮރަޕްޝަން ހުއްޓުވުމާއި އެކަމަށް ފިޔަވަޅު އެޅުން 

މި ޕްލޭންގެ ދަށުން އިދާރީ ގޮތުން ކޮމިޝަން ހަރުދަނާކުރުމަށްޓަކައި ޤާބިލު މުވައްޒަފުން ބިނާކުރުމާއި، މަސައްކަތުގެ މާޙައުލަކީ މުވައްޒަފުންނަށް ހިތްހަމަޖެހޭ ތަނަކަށް ހެދުމަށް ރާވާފައިވާކަމަށާއި، މީގެ އިތުރުން ހެކިތަކުގެ މައްޗަށް ބިނާވެ، ނަތީޖާ ނެރެވެވޭނެ ފަދަ ގޮތަކަށް ކޮމިޝަނުގެ އުސޫލުތައް ބަދަލުކޮށް، ތަހުގީގުކުރުމާއި ދައުވާކުރުމުގެ މަރުހަލާތައް ހަރުދަނާކުރުމަށްވެސް ނިންމާފައިވާކަމަށް އޭސީސީން މައުލޫމާތު ދެއެވެ.

މީގެ އިތުރުން ނަޒާހަތްތެރިކަން އިތުރުކުރުމުގެ ގޮތުން ހުރިހާ އުމުރުފުރާތަކަކަށް މަޢުލޫމާތު ދިނުމާއި، މޯލްޑިވްސް އެންޓި-ކޮރަޕްޝަން އެކަޑަމީ މެދުވެރިކޮށް ތަމްރީނުތައް ފުޅާކުރުމަށް މި ޕްލޭންގައި އޭސީސީން އިސްކަންދީފައި ވެއެވެ. އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން ކޮރަޕްޝަންގެ ހިރާސް ބޮޑު ތަންތަން ދެނެގަނެ، އެތަންތަނުގެ ނިޒާމުތައް އިސްލާހުކުރުމާއި، ޕްރޮކިއުމަންޓް ނިޒާމު މޮނިޓަރކުރުން ހަރުދަނާކުރުމަށް ޚާއްސަ ހަރަކާތްތަކެއް ހިންގުމަށް ވެސް ވަނީ ކަނޑައަޅާފަ އެވެ.

ކުރިޔަށް އޮތް ފަސްއަހަރަށް އެކުލަވާލެވިފައިވާ މި ޕްލޭންގެ އެންމެ މުހިންމު އެއް ބަޔަކީ ސިޔާސީ ދާއިރާގައި ހިނގާ ކޮރަޕްޝަން ހުއްޓުވުމެވެ. އެގޮތުން އިންސާފުވެރި އިންތިޚާބުތަކެއް ބޭއްވޭނެ އިންތިޒާމުތަކާއި، ވަޒީފާ ދިނުމުގެ ކަންކަން ހާމަކަންބޮޑު ގޮތެއްގައި ކުރިއަށް ގެންދިއުމަށް ބާރުއަޅައި، ދައުލަތުގެ މުއައްސަސާތަކަށް ރައްޔިތުން ކުރާ އިތުބާރު ދެމެހެއްޓުމަށް މަސައްކަތްކުރާނެކަމަށް އޭސީސީން މައުލޫމާތު ދެއެވެ.

އެ ކޮމިޝަނުން ބުނީ މި ޕްލޭނަކީ އޭސީސީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށެވެެ. އަދި މިއީ ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ނަޒާހަތްތެރިކަން އިތުރުކޮށް، ކޮރަޕްޝަންގެ އަމަލުތައް މަދުކުރުމަށް އެޅިގެންދާނެ ވަރުގަދަ ބިންގަލެއްގެ ގޮތުގައި އޭސީސީން ވަނީ ސިފަކޮށްފަ އެވެ. 

ކިޔުންތެރިންގެ ހިޔާލު