ENGLISH

28 ޖުލައި 2026

Advertisement

ހެންޑަސަން އާއި ވެލްބެކް ހޯދުމަށް ޗެލްސީން މަޝްވަރާތައް ފަށައިފި

28 ޖުލައި 2026

|

އިސްމާއިލް ޝާހު

ބްރެންޓްފަޑުގެ މިޑްފީލްޑަރު ޖޯޑަން ހެންޑަސަން އާއި، ބްރައިޓަންގެ ފޯވާޑް ޑެނީ ވެލްބެކް --- ފޮޓޯ: ގެޓީ

ބްރެންޓްފަޑަށް ކުޅެމުން އަންނަ އިނގިރޭސި މިޑްފީލްޑަރު ޖޯޑަން ހެންޑަސަން އާއި، ބްރައިޓަންގެ އިނގިރޭސި ފޯވާޑް ޑެނީ ވެލްބެކް ހޯދުމަށް ޗެލްސީން މަޝްވަރާތައް ފަށާފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

ރިޕޯޓުތައް ބުނާ ގޮތުން އުމުރުން 36 އަހަރުގެ ހެންޑަސަން ބްރެންޓްފަޑާއެކު ހަދާފައިވާ އެއްބަސްވުމުގައި ބާކީ އަހަރެއް އޮތް ނަމަވެސް، އެ ކުލަބުން ތިބީ އޭނާ ހިލޭ ޓްރާންސްފާއެއްގައި ދޫކޮށްލަން ތައްޔާރަށެވެ.. އަނެއްކޮޅުން އުމުރުން 35 އަހަރުގެ ވެލްބެކުވެސް ޗެލްސީއަށް ބަދަލުވާން ބޭނުންވާއިރު، މި އެއްބަސްވުން ކާމިޔާބުވާނެކަމުގެ އުއްމީދު ޗެލްސީއަށް ބޮޑު ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ޒުވާން ކުޅުންތެރިން ސޮއިކުރުމުގެ ސިޔާސަތަށް ކޮންމެވެސް ވަރެއްގެ ބަދަލެއް ގެންނަން ޖެހިފައިވާ ކަމަށް ކުލަބުގެ ހިއްސާދާރު ބެހްދާދު އެގްބާލީ މިދިޔަ އޭޕްރީލް މަހު ވިދާޅުވެފައިވާއިރު، ޗެލްސީން މިހާރު އިސްކަންދެނީ ތަޖުރިބާކާރު ކުޅުންތެރިން ހޯދުމަށެވެ. ވެލްބެކް ވަނީ މިދިޔަ ސީޒަނުގައި ބްރައިޓަންއަށް ކުޅުނު 37 މެޗުގައި 13 ލަނޑު ޖަހައި، އޭނާގެ ކެރިއަރުގެ އެންމެ ރަނގަޅު ރެކޯޑު ހަދާފައެވެ. 2020 ވަނަ އަހަރު ވަޓްފޯޑުން ބްރައިޓަންއާ ގުޅުނު ފަހުން އޭނާ ވަނީ ޖުމްލަ 201 މެޗުން 51 ލަނޑު ކާމިޔާބުކޮށްފައެވެ.

މިކަމާ ގުޅޭގޮތުން ބްރައިޓަންއިން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ. ވެލްބެކް މިދިޔަ މާޗު މަހު ވަނީ މިދިޔަ ސީޒަނުގެ ނިޔަލަށް ބްރައިޓަންއާއެކު އޮތް އެއްބަސްވުން އައުކޮށްފައެވެ. ހެންޑަސަންއަށް ބަލާއިރު، އޭނާ ވަނީ އަޔެކްސްއިން ބްރެންޓްފަޑާ ގުޅުނު ފަހުން މިދިޔަ ސީޒަނުގައި 34 މެޗު ކުޅެދީފައެވެ.

ކިޔުންތެރިންގެ ހިޔާލު