ENGLISH
28 ޖުލައި 2026
އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަނުގެ މަގާމުތަކުން މަލްޑިނީ އާއި ލިއޮނާޑޯ އިސްތިއުފާދީފި
28 ޖުލައި 2026
|
އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަނުގެ ޓެކްނިކަލް ޑައިރެކްޓަރުގެ މަގާމުން އިސްތިއުފާދިން ޕައޮލޯ މަލްޑިނީ --- ފޮޓޯ: ރޮއިޓަރސް
އެންމެ މަޤްބޫލު
އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަނުގެ މަގާމުތަކުން އިސްތިއުފާދިނުމަށް ޕައޮލޯ މަލްޑިނީ އާއި ލިއޮނާޑޯ ނިންމާފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.
މި ދެ ބޭފުޅުން މި ނިންމުން ނިންމާފައިވަނީ ޤައުމީ ޓީމުގެ މެނޭޖުމަންޓަށް ގެންނަން ނިންމި ބޮޑު ބަދަލުގެ ދަށުން، އެ މަގާމުތަކާ ހަވާލުވުމަށް އެއްބަސްވިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައެވެ.
ޖެހިޖެހިގެން ތިންވަނަ ފަހަރަށް ފީފާ ވޯލްޑް ކަޕަށް ކޮލިފައިނުވުމުން، ޤައުމީ ޓީމު އަލުން ބިނާކުރުމަށްޓަކައި އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަނުގެ ޓެކްނިކަލް ޑައިރެކްޓަރުގެ މަގާމަށް ލެޖެންޑް މަލްޑިނީ އައްޔަންކުރީ މި މަހުގެ 11 ވަނަ ދުވަހެވެ. އޭނާގެ އެންމެ ފުރަތަމަ މަސައްކަތްތަކުގެ ތެރޭގައި ހިމެނުނީ، ޖެނާރޯ ގަޓޫސޯ ވަކިވުމުން ހުސްވެފައިވާ ކޯޗުގެ މަގާމަށް މީހަކު ހޯދުމެވެ.
ނަމަވެސް މަގާމާ ހަވާލުވިތާ އެންމެ 16 ދުވަސް ފަހުން މަލްޑިނީ ވަނީ އިސްތިއުފާދީފައެވެ. އޭނާއާއެކު އޭނާގެ އެޑްވައިޒަރެއްގެ ގޮތުގައި ގެނައި ބްރެޒިލްގެ ކުރީގެ ކުޅުންތެރިޔާ ލިއޮނާޑޯވެސް ވަނީ މަގާމުން ވަކިވެފައެވެ.
މި ދެ މީހުން އިސްތިއުފާދީފައި މިވަނީ، އިޓަލީގެ ޤައުމީ ޓީމުގެ ކޯޗުގެ މަގާމަށް ނާންނާނެ ކަމަށް އެ ޤައުމުގެ ލެޖެންޑް އަންދްރެއާ ޕިރްލޯ ބުނިތާ މާގިނަ އިރުތަކެއް ނުވަނީހެވެ. ޕިރްލޯ ކޯޗަކަށް އައްޔަންކުރުމާ މެދު ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވީ، ރަޝިއާގެ ބެޓިން ކުންފުންޏަކާއެކު އޭނާ ބާއްވާ ވިޔަފާރީގެ ގުޅުންތަކުގެ ސަބަބުންނެވެ.
މި ދެ މީހުން އެކީގައި ވަކިވުމަކީ އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަނުގެ އައު ރައީސް ޖިއޮވާނީ މަލަގޯއަށް ކުރިމަތިވި ކުއްލި ބޮޑު ގޮންޖެހުމެކެވެ. މީގެ އިތުރުން ފާއިތުވި ސީޒަނުގައި އިޓަލީގެ ކުލަބުތައް ޔޫރަޕުގެ މުބާރާތްތަކުން އަވަހަށް ކެޓުމާއި، ވޯލްޑް ކަޕަށް ކޮލިފައިނުވުމުގެ ސަބަބުން، ފާއިތުވި 40 އަހަރުގެ ތެރޭގައި އެ ފެޑެރޭޝަން މިހާރު އޮތީ އެންމެ ދަށު ދަރަޖައެއްގައެވެ.
ޕެޕް ގާޑިއޯލާ އެ މަގާމާ ހަވާލުވުމަށް އިންކާރުކުރުމުން، މަލްޑިނީ އެންމެ ބޮޑަށް ބޭނުންވީ ޕިރްލޯ ކޯޗަކަށް ގެނައުމަށެވެ. ނަމަވެސް މިހާރު މި މަގާމަށް ރޮބާޓޯ މަންޗިނީ، ތިއާގޯ މޮޓާ އަދި އެންޓޯނިއޯ ކޮންޓޭ ފަދަ ތަޖުރިބާކާރު ކޯޗުންގެ ނަންތައް ވަނީ ފެންމަތިވެފައެވެ.