ENGLISH
28 ޖުލައި 2026
އޮސްޓްރޭލިއާއިން ހަދިޔާކުރި މަނަވަރު "އިމާދުއްދީން" ކޮމިޝަން ކޮށްފި
27 ޖުލައި 2026
|
އޮސްޓްރޭލިއާ އިން ހަދިޔާކުރި ކޮމިޝަން ކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން - ފޮޓޯ: ރައީސް އޮފީސް
އެންމެ މަޤްބޫލު
ހިލޭއެހީގެ ގޮތުގައި އޮސްޓްރޭލިއާ ސަރުކާރުން ހަދިޔާކުރި އަސްކަރީ މަނަވަރު، "ޢިމާދުއްދީން" ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑރ. މުޙައްމަދު މުޢިއްޒު، ކޮމިޝަންކޮށްދެއްވައިފިއެވެ.
މި ރަސްމިއްޔާތު އޮތީ، މިރޭ ހުޅުމާލެ އިންޓަރނޭޝަނަލް ޓަރމިނަލްގައެވެ. މި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ، މަނަވަރު ހަދިޔާކުރެއްވިކަމުގެ ރަމްޒު ހަވާލުކޮށްދެއްވައި، ދިވެހިރާއްޖޭގެ ފަރާތުން އޮސްޓްރޭލިޔާ ސަރުކާރަށް އަރުވާ ޝުކުރުގެ ލިޔުން ހަވާލުކޮށްދެއްވުމަށް ކުރިއަށްގެންދެވި ނަމްބަރު ޝަރަފުވެރިކޮށްދެއްވާފައެވެ. އެއަށްފަހު އެމަނިކުފާނު ވަނީ، މަނަވަރުގެ ނަން ކަޝްފުކޮށްދެއްވާފައެވެ.
ދިވެހި ޤައުމީ ދިފާޢީ ބާރުގެ ކޯސްޓްގާޑް ފްލީޓަށް އިތުރުކުރެވުނު ނޭވީ މަނަވަރު "ޢިމާދުއްދީން" ގެ ޚިދުމަތް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. މިގޮތުން، މަނަވަރު ކޮމިޝަންކުރެއްވިކަމުގެ ލިޔުމާއި ދިވެހި ޤައުމީ ދިދަ، މަނަވަރުގެ ކޮމާންޑިންގ އޮފިސަރ ލެފްޓިނެންޓް ކާނަލް ސިނާން ޒާހިރުއާ އެމަނިކުފާނު ޙަވާލުކޮށްދެއްވިއެވެ. އެއަށްފަހު މަނަވަރުގެ ކުރޫއިން ވަނީ، ކޯސްޓް ގާޑް ނޭވީ މަނަވަރު "ޢިމާދުއްދީން"އަށް އަރާ، ކޮމިޝަންކުރުމުގެ ޑްރިލް ފުރިހަމަކުރައްވާފައެވެ.
މިރޭގެ ރަސްމިއްޔާތަށްފަހު ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ، ޑޮކްޓަރ މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ އަރިހުގައި މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި އޮސްޓްރޭލިއާގެ އިސް މަންދޫބުންނާއި، ދެ ޤައުމުގެ އިސް އޮފިޝަލުން ވަނީ "ޢިމާދުއްދީން" މަނަވަރަށް އަރާވަޑައިގެން، މަނަވަރު ބައްލަވާލައްވާފައެވެ. އަދި މަނަވަރު ބައްލަވާލެއްވުމަށްފަހު ނެގި ހަނދާނީ ފޮޓޯފުޅެއްގައިވެސް އެމަނިކުފާނު ވަނީ ބައިވެރިވެވަޑައިގެންފައެވެ.
އަސްކަރީ މަނަވަރު "ޢިމާދުއްދީން" އަކީ، ރައީސުލްޖުމްހޫރިއްޔާ ދިވެހި އަސްކަރިއްޔާގެ ދިފާއީ ވަސީލަތްތައް ވަރުގަދަކޮށް، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމަށް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން އޮސްޓްރޭލިއާ ސަރުކާރާ އެކު ކުރެއްވި މަސައްކަތްޕުޅުން ހޯއްދަވައިދެއްވި އުޅަނދެކެވެ. ކޯސްޓްގާޑުގެ އޮޕަރޭޝަނަލް ކެޕޭސިޓީ ދެގުނަކޮށް، ރާއްޖޭގެ ކަނޑުގެ ސަރަހައްދު ފުރިހަމައަށް ބެލެހެއްޓޭނެ ފަދަ ބާރަކަށް އެމްއެންޑީއެފް ހެއްދެވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ވައުދުފުޅެކެވެ.
މިގޮތުން އޮސްޓްރޭލިއާ އާއި ދިވެހިރާއްޖެއާއި ދެމެދުގައި އޮތް ވަރުގަދަ ބަދަހި ގުޅުމުގެ ރަމްޒެއްގެ ގޮތުގައި އޮސްޓްރޭލިއާގެ ޑިފެންސް ކޯޕަރޭޝަން ޕްރޮގްރާމްގެ ދަށުން ހަދިޔާކޮށްފައިވާ މިއުޅަނދަކީ، އޮސްޓްރޭލިއާގެ ޕާތުގެ ހެންޑަސަން ޝިޕްޔާޑުގައި، އޮސްޓަލް ލިމިޓެޑުން ބަނދެފައިވާ މުޅިން އައު އުޅަނދެކެވެ. މި އުޅަނދު ރާއްޖެއަށް އައުމުގެ ކުރިން، އެމްއެންޑީއެފް ކޯސްޓްގާޑުގެ ފަޅުވެރިން ވަނީ އޮސްޓްރޭލިއާގައި މި އުޅަނދު އޮޕަރޭޓްކުރާނެ ގޮތުގެ ޚާއްޞަ ތަމްރީނުތަކާއި ފެމިލިއަރައިޒޭޝަން ޓްރަޔަލްސްތައް ފުރިހަމަކޮށްފައެވެ.
ނޭވީ މަނަވަރު "ޢިމާދުއްދީން" ކޮމިޝަންކޮށް، ރަސްމީކޮށް ޚިދުމަތަށް ނެރެވުމާއެކު ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދު ބެލެހެއްޓުމާއި، ކަނޑުމަތީގައި ހިންގާ ޣައިރުޤާނޫނީ ޢަމަލުތައް ހުއްޓުވުމާއި، ކަނޑުމަތީގައި ދިމާވާ ޙާދިސާތަކުގައި މީހުން ހޯދުމާއި ސަލާމަތްކުރުމުގެ ޤާބިލުކަން މިހާރަށް ވުރެ އިތުރުވެގެންދާނެއެވެ. އަދި މިއީ ސަރަޙައްދީ ސަލާމަތާއި ހަމަޖެހުމަށް ދިވެހިރާއްޖެއިން އަދާކުރާ ދައުރަށް ވެސް ލިބިގެންދާނެ ވަރަށްބޮޑު ކުރިއެރުމެކެވެ.