ENGLISH

27 ޖުލައި 2026

Advertisement

މި މަހު މަސްވެރިންނަށް 30 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފި

27 ޖުލައި 2026

|

މުޙައްމަދު އަދުހަމް

މަސްވެރިންތަކެއް މަސް ބާނަނީ - ފޮޓޯ: މަސްވެރިކަމާ ބެހޭ ވުޒާރާ

މި ޖުލައި މަހުގެ މިހާތަނަށް މަސްވެރިން ކިރުވި މަހަށް 30 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާކަން މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މިފްކޯ އިން މީޑިޔާއާ ހިއްސާކުރި އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މެއި މަހުގެ 25 ވަނަ ދުވަހު ކިރުވި މަހަށް، މަސްދޯނި ފަހަރަށް ޖަމާކުރީ 2،409،090ރ. (ދެ މިލިއަން ހަތަރު ލައްކަ ނުވަ ހާސް ނުވަދިހަ ރުފިޔާ) އެވެ.

މިއާއެކު، މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން 27 ވަނަ ދުވަހުގެ ނިޔަލަށް 30،193،481ރ. (ތިރީސް މިލިއަން އެއްލައްކަ ނުވަދިހަ ތިން ހާސް ހަތަރު ސަތޭކަ އަށްޑިހަ އެއްރުފިޔާ) ވަނީ މަސް ދޯނިފަހަރަށް ދޫކޮށްފައެވެ.

މީގެތެރެއިން، ކަޅުބިލަމަސް ކިރުވި ދޯނި ފަހަރަށް 29،369،291ރ. (އޮނަތިރީސް މިލިއަން ތިން ލައްކަ ފަސްދޮޅަސް ނުވަހާސް ދުއިސައްތަ ނުވަދިހަ އެއްރުފިޔާ) ދީފައިވާއިރު، 10 ކިލޯއިން މަތީގެ ބޮޑުކަންނެލި ކިރުވި ދޯނި ފަހަރަށް 27،940ރ. (ހަތާވީސް ހާސް ނުވަސަތޭކަ ސާޅީސް ރުފިޔާ) ވަނީ ޖަމާކޮށްދީފައެވެ. މީގެއިތުރުން، 15 ކިލޯއިން މަތީގެ ބޮޑުކަންނެލި ކިރުވި ދޯނި ފަހަރަށް 796،250ރ. (ހަތް ލައްކަ ނުވަދިހަ ހަހާސް ދުއިސައްތަ ފަންސާސް ރުފިޔާ) ޖަމާކޮށްދީފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، ކުރީ ސަރުކާރުން މަސްވެރިންނަށް ދޫނުކޮށް 250 މިލިއަނެއްހާ ރުފިޔާ އޮތެވެ. އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ އަހަރު މަސްވެރިންނަށް ދޫކުރަންޖެހޭ ފައިސާ ދޫކޮށް ނިންމަވައި، 2024 ވަނަ އަހަރުގެ މަސްވެރިންގެ ދުވަހު 48 ގަޑިއިރުތެރޭ މަސްވެރިންނަށް ފައިސާ ލިބޭނެ އިންތިޒާމު ރައީސް ހަމަޖެއްސެވިއެވެ. 

އެއަށްފަހު ކިރުވާ މަހަށް 48 ގަޑިއިރު ތެރޭ މަސްވެރިންނަށް ފައިސާ ދޫކުރަމުން އަންނައިރު މި ބަދަލާއެކު މަސްވެރިކަމަށް ބޮޑު ކުރިއެރުމެއް އައިސްފައިވެއެވެ. އެގޮތުން މަސްވެރިން ބާނާ މަސް ކިރުވާ މިންވަރާއި މަސް ބޭރުކުރާ މިންވަރު އިތުރުވެފައިވެއެވެ.

ނިމިދިޔަ 2025 ވަނަ އަހަރަކީ، މަސްވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ސަރުކާރުން މުހިއްމު ނިންމެވުންތަކެއް ނިންމަވާ، އެ ނިންމެވުންތައް ތަންފީޒުކުރަން ފެށި އަހަރެކެވެ. މިފްކޯ އިން މަސްވެރިންގެ އަތުން ގަންނަ މަހުގެ އަގު 20 ރުފިޔާއަށް ބޮޑުކޮށް، މަސްވެރިންނަށް ވިއްކާ ތެލުގެ އަގު 13 ރުފިޔާއަށް ވަނީ ހެޔޮކޮށްފައެވެ.

މިފްކޯއިން ބޮޑުކަންނެލި ގަންނަން ފެށީ ޖަނަވަރީ މަހުއެވެ. އެއީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މަސްވެރިންނަށް ވެވަޑައިގެންފައިވާ މުހިއްމު ވައުދުފުޅެކެވެ. ޖަނަވަރީ 11 ވަނަ ދުވަހު މިފްކޯއިން ކިރުވަން ފެށީ 15 ކިލޯއަށްވުރެ މަތީ ކަންނެއްޔެވެ. އޭގެ ފަހުން އެ މަހުގެ 21 ވަނަ ދުވަހުން ފެށިގެން އެ ކުންފުނިންވަނީ 10 ކިލޯއާއި 15 ކިލޯއާ ދެމެދުގެ ބަރުމިނުގެ ކަންނެލިވެސް ކިރުވަން ފަށާފައެވެ. މިފްކޯ އިން މިހާރު ބޮޑުކަންނެލި ގަންނަނީ 25 ރުފިޔާގެ ރޭޓުންނެވެ.

ކިޔުންތެރިންގެ ހިޔާލު