ENGLISH
27 ޖުލައި 2026
ލަންކާގައި ޑެންގީ ޖެހުނު މީހުންގެ އަދަދު 82 ހާހުން މައްޗަށް
27 ޖުލައި 2026
|
މީގެކުރީން ލަންކާގައި ޑެންގީ ކޮންޓްރޯލް ކުރުމަށް ކުރިއަށްގެންދިޔަ ފޮގް ކުރުމުގެ މަސައްކަތުގެ ތެރެއިން - ފޮޓޯ: އެންޑީސީޔޫ
އެންމެ މަޤްބޫލު
ސްރީ ލަންކާގައި މިއަހަރުގެ މިހާތަނަށް ޑެންގީ ޖެހުނު މީހުންގެ އަދަދު 82،000 އަށްވުރެ މައްޗަށް އެރުމާއެކު މަދިރި ކޮންޓްރޯލް ކުރުމަށް ހާއްސަ ޕްރޮގްރާމެއް ފަށާފައިވާ ކަމަށް އެ ގައުމުގެ ނޭޝަނަލް ޑެންގީ ކޮންޓްރޯލް ޔުނިޓް (އެންޑީސީޔޫ) އިން ހާމަކޮށްފިއެވެ.
އެންޑީސީޔޫ ގެ އެކްޓިންގ ޑައިރެކްޓަރ ޑރ. ކަޕިލާ ކަންނަންގަރާ ވިދާޅުވި ގޮތުގައި، މިނިސްޓްރީ އޮފް ހެލްތާއި "ކްލީން ސްރީލަންކާ" އިނީޝިއޭޓިވް ގުޅިގެން ކުރިއަށްގެންދާ މި ޕްރޮގްރާމް ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ.
ނޭޝަނަލް ޑެންގީ ކޮންޓްރޯލް ޔުނިޓުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މި އަހަރުގެ މިހާތަނަށް ސްރީލަންކާގައި 82،011 މީހުންނަށް ވަނީ ޑެންގީ ޖެހިފައެވެ. އަދި މި ބަލީގެ ސަބަބުން މިހާތަނަށް 61 މީހުން މަރުވެފައިވާކަން ވެސް އެ ޔުނިޓުން ވަނީ ކަށަވަރުކޮށްދީފައެވެ.
ޑެންގީ ހުން ހަލުވިކަމާއެކު ފެތުރެމުންދާ މިދަނޑިވަޅުގައި، ކުޑަކުދިންގެ ހުން 24 ގަޑިއިރަށްވުރެ އިތުރުވާނަމަ، ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް ސިއްހީ އިދާރާތަކުން ބެލެނިވެރިންނަށް ވަނީ އިލްތިމާސްކޮށްފައެވެ.
"ސްޓޮޕް ޑެންގީ - ނޭޝަނަލް ޑެންގީ ކޮންޓްރޯލް ޕްރޮގްރާމް" ގެ ނަމުގައި މަދިރި އާލާވާ ތަންތަން ހޯދައި، ބެލުމަށް ހިންގާ ހަރަކާތްތައް ވެސްޓަން ޕްރޮވިންސްގައި މެދުކެނޑުމެއްނެތި ކުރިއަށްދާތާ މިއަދަށް މިއީ 15 ވަނަ ދުވަހެވެ.
މި ހަރަކާތަކީ މިނިސްޓްރީ އޮފް ހެލްތާއި، މިނިސްޓްރީ އޮފް މާސް މީޑިއާ އަދި "ނިއުސް ފަސްޓް" އިސްވެ އޮވެ މަހަރާޖާ މީޑިއާ ނެޓްވޯކް ގުޅިގެން ކޮލަމްބޯ، ގަމްޕަހަ އަދި ކަޅުތަރަ ޑިސްޓްރިކްޓްތައް ހިމެނޭހެން ހިންގާ މަޝްރޫއެކެވެ.
މިއަދު ކުރިއަށްދާ އިންސްޕެކްޝަންތަކުގައި މައިގަނޑު ގޮތެއްގައި ބަލައި ފާސްކުރުމަށް ހަމަޖެހިފައިވަނީ ކޮލަމްބޯ ޑިސްޓްރިކްޓްގެ އަލުތުކަޑޭ، ގަމްޕަހަ ޑިސްޓްރިކްޓްގެ ކަޓުނަޔަކަ އަދި ކަޅުތަރަ ޑިސްޓްރިކްޓްގެ ކަޅުތަރަ ޓައުން ސަރަހައްދުތަކެވެ.