ENGLISH
04 ޖޫން 2025
ވެސްޓް ހޭމް އަތުން ހޯދި ބޮޑު މޮޅާއެކު ލިވަޕޫލަށް 8 ޕޮއިންޓްގެ ލީޑެއް
30 ޑިސެމްބަރު 2024
|
ލިވަޕޫލްގެ ފޯވާޑް، ޖޮޓާ (ކ) ވެސްޓް ހޭމްގެ ގޯލަށް ބޯޅަ ފޮނުވާލަނީ. --ފޮޓޯ: ރޮއިޓާސް
އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ވެސްޓް ހޭމް ޔުނައިޓެޑް 5-0 އިން ބަލިކޮށް، ލިވަޕޫލުން ތާވަލްގެ ކުރީގައި ލީޑު ފުޅާކޮށްފިއެވެ.
މިއީ ލީގުގައި ލިވަޕޫލް ކުޅުނު 18 މެޗުގެ ތެރެއިން މޮޅުވި 14 ވަނަ މެޗެވެ. އަދި މިއީ ލީގުގައި ޖެހިޖެހިގެން އެ ޓީމު މޮޅުވި ތިންވަނަ މެޗެވެ.
މި ނަތީޖާއާއެކު ލިވަޕޫލް އެއްވަނައިގައި އޮތީ 18 މެޗުން 45 ޕޮއިންޓް ހަމަކޮށްގެންނެވެ. އެއް މެޗު އިތުރަށް ކުޅެގެން ދެވަނައިގައި ނޮޓިންގހަމް ފޮރެސްޓް އޮތީ 19 މެޗުން 37 ޕޮއިންޓް ހޯދައިގެންނެވެ. ތިންވަނައިގައި އާސެނަލް އޮތީ 18 މެޗުން ހޯދީ 36 ޕޮއިންޓާއެކު އެވެ. އެއް ޕޮއިންޓް ފަހަތުން ހަތަރު ވަނައިގައި އޮތީ ޗެލްސީ އެވެ.
ވެސްޓް ހޭމްގެ ލަންޑަން ސްޓޭޑިއަމްގައި ރޭ ކުޅުނު މި މެޗުގައި ލިވަޕޫލުން ޖެހި ފަސް ލަނޑުގެ ތެރެއިން ތިން ގޯލް އެ ޓީމުން ކާމިޔާބުކުރީ ފުރަތަމަ ހާފުގައެވެ.
މި މެޗު ފެށިގެން 30 ވަނަ މިނެޓުގައި ލުއިސް ޑިއާޒްގެ ގޯލުން ލިވަޕޫލް ލީޑު ނެގިއިރު، ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވަން ފަސް މިނެޓަށްވެފައިވަނިކޮށް ކޯޑީ ގަކްޕޯ އާއި މުޙައްމަދު ސަލާހު ވައްދާލި ލަނޑުތަކާއެކު އެ ޓީމުން ހާފު ނިންމާލީ 3-0 އިން ކުރީގަ އޮވެގެންނެވެ.
ދެވަނަ ހާފުގެ ކުޅުން ފެށިތާ މާގިނައިރުތަކެއް ނުވަނީސް ލިވަޕޫލްގެ ހަތަރުވަނަ ލަނޑުޖަހައިދިނީ ޓްރެންޓް އެލެގްޒެންޑާ-އާނޯލްޑް އެވެ. މެޗުގެ 54 ވަނަ މިނެޓުގައި އޭނާ މި ލަނޑުޖެހީ ރަޔާން ގްރަވެންބާކް ދިން ބޯޅައަކުންނެވެ.
މެޗު ނިމެން ހަ މިނެޓަށްވެފައިވަނިކޮށް ލިވަޕޫލްގެ ފަސްވަނަ ލަނޑުޖަހައިދިނީ އެ ޓީމުގެ ޕޯޗުގީޒް ފޯވާޑް، ޑިއޯގޯ ޖޮޓާ އެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި މި ހާފުގެ ކުރީކޮޅު ކުޅެން ނިކުތް ޖޮޓާ މި ލަނޑުޖެހީ ސަލާހު ދިން ބޯޅައަކުންނެވެ.
މި މުބާރާތުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، ނޮޓިންގހަމް ފޮރެސްޓުން ވަނީ ރަށުން ބޭރުގައި 2-0 އިން އެވަޓަން ބަލިކޮށްފައެވެ.