ENGLISH

27 ޖުލައި 2026

Advertisement

ދިއްދޫ ފުރަތަމަ ޑިވިޝަނަށް ގެނެސްދިން ކޯޗު ޓީމާ ދުރަށް

27 ޖުލައި 2026

|

އިސްމާއިލް ޝާހު

ދިއްދޫ ސްޕޯޓްސް ފުރަތަމަ ޑިވިޝަނަށް ގެނެސްދިން ކޯޗު މޫސާ އިބްރާހީމް (މުސްތަޓޭ) --- ފޮޓޯ: އެފްއޭއެމް

ކުރިއަށް އޮތް ދިވެހި ޕްރިމިއަރ ލީގުގެ ޖާގައެއް ހއ. ދިއްދޫ ސްޕޯޓްސް ކުލަބަށް ހޯދައިން ކޯޗު މޫސާ އިބްރާހީމް (މުސްތަޓޭ)، އެ ޓީމުގެ ކޯޗުގެ މަގާމު ދޫކޮށްލައިފިއެވެ.

މިދިޔަ އަހަރު އަލަށް ތައާރަފުކުރި ފުޓްބޯޅައިގެ އައު އޮނިގަނޑުގެ ދަށުން ކުރިއަށްދިޔަ ބީއެމްއެލް އެޓޯލް ޗެމްޕިއަންޝިޕުގެ ހއ. އަތޮޅުގެ ޗެމްޕިއަންކަން ދިއްދޫ ހޯދާފައިވަނީ އެ އަތޮޅު އިހަވަންދޫ 9-1 ގެ އެގްރިގޭޓް ނަތީޖާއަކުން ބަލިކޮށްގެންނެވެ. އަދި އޭގެ ފަހުން ބީއެމްއެލް ނޯތު ރީޖަން ލީގުގެ ޗެމްޕިއަންކަން ހޯދައި، ދިއްދޫން ދިވެހި ޕްރިމިއަރ ލީގުގެ ކޮލިފިކޭޝަނުގެ ޖާގައެއް ހޯދާފައެވެ.

ރާއްޖޭގެ ހަތަރު ރީޖަންގެ ޗެމްޕިއަނުން ހިމެނޭހެން ކުރިއަށްދިޔަ ދިވެހި ޕްރިމިއަރ ލީގުގެ ކޮލިފައިން ބުރުގެ ތިންވަނަ ދިއްދޫން ހޯދިއިރު، އެއްވަނަގައި ނިންމި ޓީސީ ސްޕޯޓްސް ކުލަބާއި، ދެވަނައަށް ދިޔަ ބިސް ބުރު ސްޕޯޓްސް ކުލަބުގެ އިތުރުން، ދިއްދުއަށްވެސް ވަނީ 10 ޕޮއިންޓް ލިބިފައެވެ. އެއާއެކު ދިއެްދޫ ވަނީ އަންނަ ސީޒަނުގެ ދިވެހި ޕްރިމިއަރ ލީގުގެ ޖާގައެއް ކަށަވަރުކޮށްފައެވެ. މި ހުރިހާ ކާމިޔާބީއެއްގައި ޓީމަށް އިރުޝާދުދިނީ މިސްތަޓޭއެވެ.

އެކަމަކު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ދިއްދޫ ސްޕޯޓްސްއިން ވަނީ އެ ޓީމުގެ ކޯޗުގެ މަގާމު މުސްތަޓޭ ދޫކޮށްލިކަން އިއުލާންކޮށްފައެވެ. 

ދިއްދޫ ސްޕޯޓްސްއިން ކުރި ޕޯސްޓުގައި ބުނެފައިވަނީ، "އެހެން މީހުން އަހަރުމެންނާ މެދު ޝައްކު އުފެއްދި ދަނޑިވަޅުތަކުގައިވެސް، އަހަރުމެންނަށް އިތުބާރުކޮށް، އަހަރުމެންގެ ގާބިލިއްޔަތު ހުރި މިންވަރަށްވުރެ އިތުރަށް މަސައްކަތްކުރުމަށް ހިތްވަރުދީ، ސާބިތުކަމާއެކު އިރުޝާދުދިނީތީ ޝުކުރު ދަންނަވަން."

"ކުލަބުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް، ފުރަތަމަ ޑިވިޝަނުން މިވަނީ ޖާގަ ލިބިފައި. މި ތާރީޚީ ކާމިޔާބު ދަތުރުގައި ކޯޗުގެ ނަން އަބަދުވެސް ލިޔެވިފައި އޮންނާނެ.

ދިއްދޫގެ ކޯޗުކަމުން މުސްތަޓޭ ވަކިވިއިރު، ކުރިއަށް އޮތް ސީޒަނަށް ތައްޔާރުވުމަށް އައު ކޯޗެއް ހޯދައި، ސްކޮޑު ވަރުގަދަކުރުމަށް އައު ކުޅުންތެރިން ހޯދާނެ ކަމަށް އެ ކުލަބުން މައުލޫމާތުދެއެވެ.

ކިޔުންތެރިންގެ ހިޔާލު