ENGLISH

27 ޖުލައި 2026

Advertisement

އިޓަލީގެ ކޯޗުކަމުގެ ރޭހުން ޕިރްލޯ ވަކިވެއްޖެ

27 ޖުލައި 2026

|

އިސްމާއިލް ޝާހު

ޔުވެންޓަސްގެ ކުރީގެ ކޯޗު އަންދްރެެއާ ޕިރްލޯ --- ފޮޓޯ: ރޮއިޓަރސް

ރަޝިއާގެ ބެޓިން ކުންފުންޏަކާއެކު ލެޖެންޑް އަންދްރެއާ ޕިރްލޯ އޮތް ވިޔަފާރީގެ ގުޅުންތަކާ ގުޅިގެން އަމާޒުވި ފާޑުކިޔުންތަކާއެކު، އިޓަލީގެ ޤައުމީ ޓީމުގެ ކޯޗުކަމުގެ ރޭހުން އޭނާ ވަކިވެފައިވާކަން ހާމަކޮށްފިއެވެ.

ދުނިޔޭގެ ތަށި ކާމިޔާބުކޮށްފައިވާ އުމުރުން 47 އަހަރުގެ ޕިރްލޯއަކީ، ޕެޕް ގާޑިއޯލާ އެ މަގާމަށް އައުމަށް އިންކާރު ކުރުމުން، ޖެނާރޯ ގަޓޫސޯގެ ބަދަލުގައި އެ މަގާމަށް އައުމަށް އެންމެ ބޮޑަށް ބެލެވުނު އެކަކެވެ. ނަމަވެސް ރަޝިއާގެ ބުކްމޭކަރެއް ކަމަށްވާ "ފޮންބެޓް" ގެ ގްލޯބަލް އެމްބެސެޑަރެއްގެ ގޮތުގައި ޕިރްލޯ އަދާކުރަމުންދާ ދައުރާ ގުޅިގެން އިޓަލީގެ ފުޓްބޯޅަ ފެޑަރޭޝަނުގެ އިސްވެރިންނާއި ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންގެ މެދުގައި ބޮޑެތި ކަންބޮޑުވުންތަކެއް އުފެދި، އޭނާ އެ މަގާމަށް އައްޔަންކުރުމަށް ވަނީ ދެކޮޅު ހަދާފައެވެ.

ޕިރްލޯ އޭނާގެ އިންސްޓަގްރާމް މެދުވެރިކޮށް މިއަދު މި މައްސަލައިގައި އޭނާގެ ދިފާއުގައި ވާހަކަދައްކާފައިވާއިރު، އިޓަލީގެ ކޯޗުކަމުގެ މަގާމަށް ދެން އޭނާއާ މެދު ނުވިސްނާނެކަން އިއްޔެ އަންގާފައިވާ ކަމަށް ބުންޏެވެ.

"އިޓަލީގެ ޤައުމީ ޓީމު ކުރިއަށް ގެންދިއުމުގެ ކެންޑިޑޭޓެއްގެ ގޮތުގައި ދެން އަހަރެން ނެތްކަން ރޭގެ ވަގުތެއްގައި އެނގުމުން، ބައެއް ކަންކަން ސާފުކޮށްދިނުމަކީ އަހަރެންގެ ވާޖިބެއް ކަމަށް ގަބޫލުކުރަން،" ސޯޝަލް މީޑިއާގައި އޭނާ ލިޔެފައިވެއެވެ.

ޕިރްލޯ އިތުރަށް ބުނެފައިވަނީ ވޭތުވެދިޔަ މަދު ދުވަސްކޮޅުގެ ތެރޭގައި އޭނާގެ ނަމާއި އިޓަލީގެ ޤައުމީ ޓީމުގެ ކޯޗުކަމުގެ މަގާމާ ގުޅުވައިގެން ދެކެވުނު ވާހަކަތަކާމެދު ވަރަށް ބޮޑަށް ހިތާމަކުރާ ކަމަށެވެ. އަދި އޭނާގެ ކުޅިވަރު ކެރިއަރުގައާއި ކޯޗިން ކެރިއަރުގައިވެސް، އަބަދުވެސް މަސައްކަތް ކޮށްފައިވަނީ އެ ޤައުމެއްގެ ގާނޫނުތަކާއި ސޮއިކޮށްފައިވާ އެއްބަސްވުންތަކާ އެއްގޮތްވާގޮތުގެ މަތިން ކަމަށް ޕިރްލޯ ބުންޏެވެ.

މިހާރު ދުބާއީގެ ޔުނައިޓެޑް އެފްސީގެ މެނޭޖަރުކަން ކުރަމުން އަންނަ ޕިރްލޯ، ފޮންބެޓާއެކު އެމްބެސެޑަރެއްގެ އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ އޮކްޓޯބަރު މަހުގައެވެ. އޭނާ ބުނި ގޮތުގައި އެއީ ހަމައެކަނި ވިޔަފާރީގެ އަދި ކުޅިވަރުގެ މަގުސަދެއްގައި ކުރި މަސައްކަތެކެވެ.

"އެ މަސައްކަތުގައި ސިޔާސީ ކުލަޖެއްސުމަކީ އަހަރެން ދުވަހަކުވެސް ފާޅުކޮށްފައިނުވާ އަދި އަހަރެން ގަބޫލުކުރާ ކަންކަމާ ނުގުޅޭ ކަންތައްތަކެއް އަހަރެންގެ ބޮލުގައި އެޅުވުން،" ޕިރްލޯ ބުންޏެވެ.

ރަޝިއާ އާއި ޔޫކްރެއިންގެ ހަނގުރާމަ ހިނގަމުންދާ ދަނޑިވަޅެއްގައި، މޮސްކޯގެ ލުޒްނިކީ ސްޓޭޑިއަމްގައި ފޮންބެޓުން އިންތިޒާމުކުރި ހަރަކާތެއްގައި އިޓަލީގެ ކުރީގެ ކުޅުންތެރިޔާ މާކޯ މަޓެރާޒީއާއެކު ޕިރްލޯ ފެނިގެންދިޔުމުން ފާޑުކިޔުންތައް އިތުރަށް ވަރުގަދަވިއެވެ.

މިކަމާ ގުޅިގެން އިޓަލީގައި ހުންނަވާ ރަޝިއާގެ ސަފީރު އެލެކްސީ ޕަރަމޮނޯވް ޕިރްލޯއަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ ދުނިޔޭގެ ކުޅިވަރަށާއި ބޭރު ދުނިޔޭގައި އިޓަލީގެ އަގު ހިފެހެއްޓުމަށް ޕިރްލޯ ކޮށްދީފައިވާ އަގުހުރި މަސައްކަތްތަކަށް ބެލުމެއްނެތި، އަމިއްލަ ޤައުމުން އޭނާއަށް މިފަދަ އިހާނެތި ގޮތަކަށް ކަންތައް ކުރުމަކީ ހިތާމަހުރި ކަމެއް ކަމަށެވެ.

އިޓަލީގެޤައުމީ ޓީމުގެ އައު ކޯޗަކު ހޯދުމުގެ ޒިންމާ މިހާރު އޮތީ އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަނުގެ ޓެކްނިކަލް ޑައިރެކްޓަރުގެ މަގާމާ މި މަހު ހަވާލުވި އޭސީ މިލާނުގެ ކުރީގެ ލެޖެންޑް ޕައޮލޯ މަލްޑިނީގެ އަތްމަތީގައެވެ. އޭނާގެ އަމާޒަކީ ވޭތުވެދިޔަ ދުނިޔޭގެ ތިން މުބާރާތަށް ކޮލިފައިނުވެ އޮތް ހަތަރު ފަހަރުގެ ޗެމްޕިއަން އިޓަލީ، 2030 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިކޮށްދޭނެ ގާބިލު ކޯޗަކު ހޯދުމެވެ.

ކިޔުންތެރިންގެ ހިޔާލު