ENGLISH

27 ޖުލައި 2026

Advertisement

ޑިއޮމަންޑޭ އާއެކު ރެއާލް މެޑްރިޑުން އެއްބަސްވުމަކަށް

27 ޖުލައި 2026

|

އިސްމާއިލް ޝާހު

އާރްބީ ލައިޕްޒީގުގެ ފޯވާޑް ޔަން ޑިއޮމަންޑޭ --- ފޮޓޯ: ގެޓީ

އާރްބީ ލައިޕްޒީގުގެ ފޯވާޑް ޔަން ޑިއޮމަންޑޭ ހޯދުމަށް ޕީއެސްޖީން ކުރި މަސައްކަތް ހުއްޓާލުމާ ގުޅިގެން، އޭނާ ރެއާލް މެޑްރިޑާއެކު އެއްބަސްވުމަކަށް އައިސްފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

އައިވަރީ ކޯސްޓަށް ނިސްބަތްވާ އުމުރުން 19 އަހަރުގެ ޑިއޮމަންޑޭ ހޯދުމަށް މީގެ ކުރިން ލިވަޕޫލް އާއި ޕީއެސްޖީން ވަނީ ވަރަށް ބޮޑަށް ޝައުގުވެރިކަން ފާޅުކޮށްފައެވެ. އެގޮތުން މިދިޔަ ޖޫން މަހު ލިވަޕޫލުން ހުށަހެޅި 69 މިލިޔަން ޕައުންޑުގެ ބިޑް ލައިޕްޒީގުން ވަނީ ބޭރުކޮށްލާފައެވެ. އޭގެ ފަހުން ލިވަޕޫލުން އެހެން ކުޅުންތެރިންނަށް އަމާޒު ހިފިއިރު، ޕީއެސްޖީން މިހާރު ވަނީ ރެއާލް މެޑްރިޑާ ވާދަކޮށް ބިޑުކުރުން ހުއްޓާލަން ނިންމާފައެވެ.

ރިޕޯޓުތައް ބުނާ ގޮތުން އިއްޔެ ޕީއެސްޖީން ހުށަހެޅި 102.5 މިލިޔަން ޕައުންޑުގެ އެންމެ ފަހުގެ ބިޑުވެސް ލައިޕްޒީގުން ވަނީ ގަބޫލުނުކޮށް ފޮނުވާލާފައެވެ.

އެއާއެކު ރެއާލް މެޑްރިޑުން މިހާރު ވަނީ ޑިއޮމަންޑޭ އާއެކު އެއްބަސްވުމަކަށް އައިސްފައެވެ. މި އެއްބަސްވުން ބިނާކޮށްފައިވަނީ އިންގްލެންޑުގެ މިޑްފީލްޑަރު ޖޫޑް ބެލިންހަމްގެ އެއްބަސްވުމާ އެއްގޮތަށެވެ. އެއީ ކުޅުންތެރިޔާ ދައްކާ ކުޅުމަށް ބަލައި އިނާޔަތްތައް އިތުރުވާ ގޮތަށާއި، އަހަރަކަށްވުރެ އަހަރެއް އުޖޫރަ ބޮޑުވާ ގޮތަށެވެ.

ޑިއޮމަންޑޭ ހޯދުމަށް ރެއާލުން 100 މިލިޔަން ޕައުންޑަށްވުރެ ބޮޑު އަދަދެއް ހޭދަކުރާނެ ކަމަށް ބެލެވެއެވެ. އޭނާ ލައިޕްޒީގާ ގުޅުނީ މިދިޔަ ހޫނު މޫސުމުގައި ސްޕެއިންގެ ލެގަނޭސްއިން ފަސް އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

ލައިޕްޒީގުން ޑިއޮމަންޑޭ ޖަރުމަނުގައި ބެހެއްޓުމަށް މަސައްކަތްތަކެއް ކުރި ނަމަވެސް، ޔޫރަޕުގެ ބޮޑެތި ކުލަބުތަކުން އޭނާއަށް އޮތް ޝައުގުވެރިކަމުގެ ސަބަބުން، އެ ފުރުސަތުތަކަށް ނޫނެކޭ ބުނަން ވަނީ އުނދަގޫވެފައެވެ. މިއީ އެ ކުލަބުގެ ތާރީޚުގައިވެސް ކުޅުންތެރިއަކު ވިއްކާލައިގެން ލިބޭނެ އެންމެ ބޮޑު އަގަށް ވުމަކީވެސް އެކަށީގެންވާ ކަމެކެވެ.

ޑިއޮމަންޑޭ އަކީ މިދިޔަ ސީޒަނުގެ ޖަރުމަން ލީގުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާއެވެ. އޭނާ ވަނީ މިދިޔަ ސީޒަނުގައި 12 ލަނޑު ޖަހައި، 8 އެސިސްޓް ހަދާފައެވެ.

އޭނާ އުފަން ޤައުމު ކަމަށްވާ އައިވަރީ ކޯސްޓުން 2025 ވަނަ އަހަރު އެމެރިކާގެ އެކެޑަމީއަކަށް ބަދަލުވުމަށްފަހު، ސްޕެއިންގެ ލެގަނޭސްއާ ގުޅުނެވެ.

ކިޔުންތެރިންގެ ހިޔާލު