ENGLISH
27 ޖުލައި 2026
ކޮމަންވެލްތު ގޭމްސް: ރިހާން އާއި ތަޒްކިޔާއަށް އިތުރު ރިކޯޑުތަކެއް
27 ޖުލައި 2026
|
ރާއްޖޭގެ ދެ ފެތުންތެރިން ކަމަށްވާ މުޙައްމަދު ރިހާން ޝިހާމް އާއި އަމްނާ ތަޒްކިޔާ މިރުސާދު --- ފޮޓޯ: ސްވިމިން އެސޯސިއޭޝަން
އެންމެ މަޤްބޫލު
ސްކޮޓްލެންޑްގެ ގްލާސްގޯގައި މިހާރު ކުރިއަށްދާ 23 ވަނަ ކޮމަންވެލްތު ގޭމްސްގެ ހަތަރުވަނަ ދުވަހު ކުރިއަށްދިޔަ ސްވިމިންގ އިވެންޓުތަކުގައި ރާއްޖޭގެ ޤައުމީ ޓީމުގެ މުޙައްމަދު ރިހާން ޝިހާމް އާއި އަމްނާ ތަޒްކިޔާ މިރުސާދު ޤައުމީ ރިކޯޑުތަކެއް އައުކޮށްފިއެވެ.
މި ދެ ރިކޯޑާއެކު މި ފަހަރުގެ ކޮމަންވެލްތު ގޭމްސްގައި ވާދަކުރާ ފެތުންތެރިން މި ވަނީ ޖުމްލަ 8 ޤައުމީ ރިކޯޑެއް އައުކޮށްފައެވެ.
ރިހާން، މިއަދު އައުކުރީ އޭނާ އަތުގައި ކުރިން އޮތް 200 މީޓަރު ބަޓަފްލައި އިވެންޓުގެ ޤައުމީ ރިކޯޑެވެ. އެ ގޮތުން މީގެ ކުރިން 22 ވަނަ ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕުގެ އެ އިވެންޓް ދެ މިނެޓު 25.20 ސިކުންތުން ނިންމައިގެން ރިހާން ހެދި ރިކޯޑު، މި ފަހަރުގެ ކޮމަންވެލްތު ގޭމްސްގައި އައުކުރީ ދެ މިނެޓު 23.94 ސިކުންތުން ނިންމައިގެންނެވެ.
އަންހެނުންގެ 50 މީޓަރު ބެކްސްޓްރޯކް އިވެންޓުގައި ވާދަކޮށް ތަޒްކިޔާ ވަނީ އޭނާ އަތުގައި ކުރިންވެސް އޮތް ރިކޯޑެއް އައުކޮށްފައެވެ. އެ ގޮތުން ތަޒްކިޔާ، ތިންވަނަ އޭޝިއަން ޔޫތު ގޭމްސްގައި މިދިޔަ އަހަރު އެ އިވެންޓް ނިންމީ 32.57 ސިކުންތުންނެވެ. އަދި މިއަދު ކޮމަންވެލްތު ގޭމްސްގައި އެ ރިކޯޑު އައުކުރީ 31.55 ސިކުންތުން ރޭސް ނިންމައިގެންނެވެ.
ޤައުމީ ސްވިމިން ޓިމުން މިއަދު ދެން ބައިވެރިވި، އަންހެނުންގެ އިންޑިވިޖުއަލް މެޑްލީ 400 މީޓަރުގެ އިވެންޓުގެ ޤައުމީ ރިކޯޑު އޮތް މިރާލް އައިން ލަތީފް ވަނީ މި ފަހަރުގެ ކޮމަންވެލްތު ގޭމްސްގެ އެ އިވެންޓުގައި ވާދަކޮށްފައެވެ. މީގެ ކުރިން 10 ވަނަ ވޯލްޑް އެކުއަޓިކްސް ޖޫނިއަރ ޗެމްޕިއަންޝިޕުގައި މިރާލް ވަނީ މި އިވެންޓު ފަސް މިނެޓު 57.86 ސިކުންތުން ނިންމައިގެން ރިކޯޑު ހަދާފައެވެ. އަދި މި ފަހަރުގެ ކޮމަންވެލްތު ގޭމްސްގައި މިރާލްއަށް އެ އިވެންޓް ފުރިހަމަކުރެވުނީ ހަ މިނެޓު 3.71 ސިކުންތުންނެވެ.
އަންނަ އޮގަސްޓް މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި އަހަރުގެ ކޮމަންވެލްތު ގޭމްސްގައި ރާއްޖެއިން ވާދަކުރާނީ އެތުލެޓިކްސް އާއި ސްވިމިންގ އިވެންޓުތަކުގައެވެ. މި ގޭމްސްގައި ރާއްޖޭގެ ފަރާތުން ޗެފް ޑި މިޝަނެއްގެ ގޮތުގައި ހަރަކާތްތެރިވާނީ ނެޓްބޯޅަ އެސޯސިއޭޝަންގެ ރައީސް ފަޒްނާ ޖަލީލެވެ.