ENGLISH
27 ޖުލައި 2026
މިއީ އައު ފެށުމެއް، ސަމާލުކަން އޮތީ ލިވަޕޫލަށް އެކަނި: ކިއޭސާ
27 ޖުލައި 2026
|
ލިވަޕޫލަށް ކުޅެމުން އަންނަ އިޓަލީ ފޯވާޑް ފެޑެރީކޯ ކިއޭސާ --- ފޮޓޯ: ރޮއިޓަރސް
އެންމެ މަޤްބޫލު
ލިވަޕޫލްގެ އައު ކޯޗުގެ މަގާމަށް އެންޑޯނީ އިރައޯލާ އައުމަކީ އޭނާގެ ކެރިއަރަށް ލިބުނު އައު ފެށުމެއް އިޓަލީ ފޯވާޑް ފެޑެރީކޯ ކިއޭސާ ބުނެފިވެ. ނިމިދިޔަ ސީޒަނުގެ ބޮޑު ބައެއް ކުރީގެ ކޯޗު އާނޭ ސްލޮޓުގެ އިރުޝާދުގެ ދަށުން ބެންޗުގައި ހޭދަކުރަން ޖެހުނު ނަމަވެސް، އިޓަލީގެ ކުލަބުތަކުން އޭނާ ހޯދަން ޝައުގުވެރިވާ ކަމަށް ދެކެވޭ ވާހަކަތަކަށް އިންކާރުކޮށް، ކިއޭސާ ބުނީ އޭނާގެ ފުރިހަމަ ސަމާލުކަން މިހާރު އޮތީ ލިވަޕޫލަށް ކަމަށެވެ.
މިދިޔަ ހޮނިހިރު ދުވަހު އެމެރިކާގެ ނޭޝްވިލްގައި ސަންޑަލެންޑާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުން 4-2 ގެ ނަތީޖާއަކުން ލިވަޕޫލް މޮޅުވިއިރު، ކިއޭސާ ވަނީ ލަނޑެއް ކާމިޔާބުކޮށްފައެވެ. ނިމިދިޔަ ސީޒަނުގެ ހުރިހާ މުބާރާތްތަކެއްގައި އޭނާ 36 މެޗު ކުޅުނު ނަމަވެސް، ކޯޗު ސްލޮޓުގެ ޕްލޭންތަކުގައި ހިމެނުމަށް ކުރި މަސައްކަތުގައި ކާމިޔާބު ނުވެ، ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅެފައިވަނީ އެންމެ ފަސް މެޗުގައެވެ.
އުމުރުން 28 އަހަރުގެ ކިއޭސާ އަނބުރާ އިޓާލިއަން ލީގަށް ބަދަލުވާން އުޅޭ ކަމުގެ އަޑުތައް ފެތުރުނު ނަމަވެސް، އޭނާ ބުނީ އޭނާގެ އެންމެ ބޮޑު އިސްކަމަކީ މިދިޔަ ޖޫން މަހު ކޯޗުކަމާ ހަވާލުވި އިރައޯލާއާއެކު މަސައްކަތްކޮށް، އެންފީލްޑްގައި ކުޅުމުގެ އިތުރު ފުރުސަތުތައް ހޯދުމަށް ކަމަށެވެ.
"ކޮންމެ އަހަރަކުވެސް ސީޒަން ފެށޭއިރު މިއީ އައު ފެށުމެއް. ފަހަރުގައި އަހަރެންގެ ކެރިއަރުގައި މިފަދަ އައު ފެށުންތައް މާ ގިނަވެފައި އޮވެދާނެ. އެކަމަކު އެއީ މައްސަލައެއް ނޫން، އަހަރެން މި މަސައްކަތް ކުރަނީ އައު ކޯޗަށް އަހަރެންގެ އެންމެ ރަނގަޅު ކުޅުން ދެއްކޭތޯ،" ނޫސްވެރިންނާ ވާހަކަދައްކަމުން ކިއޭސާ ބުންޏެވެ.
އޭނާ އިތުރަށް ބުނީ، "ވޭތުވެދިޔަ ސީޒަނުގައި ސްލޮޓުގެ ދަށުންވެސް އަހަރެން އެންމެ ބުރަކޮށް މަސައްކަތް ކުރިން. މިދިޔަ އަހަރުވެސް އަހަރެން ހުރީ ބޮޑު ޒިންމާއެއް ނަގަން ތައްޔާރަށް، އެހެންނަމަވެސް ކުޅުމުގެ ފުރުސަތު ދިނުމަކީ ކޯޗުގެ ނިންމުމެއް. ހަގީގަތުގައިވެސް އަހަރެން ބޭނުންވީ ގިނަ މެޗުތަކެއް ކުޅެން، އެކަމަކު ކަންތައްތައް ވީގޮތަކީ އެއީ. ކޯޗުގެ އަމިއްލަ ގޭމް ޕްލޭންތަކެއް ހުރި، އޭނާގެ ނިންމުންތަކާ މެދު އަހަރެން ދައްކާނެ ވާހަކައެއް ނެތް. މިއީ ފުޓްބޯޅަ. މި އަހަރަކީ އައު ބާބެއް. އައު ކޯޗެއް މިހާރު ހުރީ، އެހެންކަމުން އަހަރެންގެ ސަމާލުކަން ހުރީ އެކަމަށް."
2024 ވަނަ އަހަރު ލިވަޕޫލާ ގުޅުނު ކިއޭސާގެ އެއްބަސްވުން 2028 ގެ ނިޔަލަށް އޮތްއިރު، މިދިޔަ ޖޫން މަހު ދިން އިންޓަވިއުއެއްގައި އޭނާ ވަނީ ގަވާއިދުން ކުޅުމުގެ ފުރުސަތު ނުލިބޭނަމަ އެހެން ގޮތެއް ހޯދުމާ މެދު ވިސްނާފާނެކަމުގެ އިޝާރާތެއް ދީފައެވެ.
އެކަމަކު އިޓަލީގެ ޤައުމީ ޓީމުގެ ކިއޭސާ މިހާރު ބުނަނީ އޭނާ ލިވަޕޫލަށް ވަފާތެރި ކަމަށާއި، މިހާރު މަސައްކަތް ކުރަނީ އިރައޯލާގެ އިރުޝާދުގެ ދަށުން ކުޅުން ރަނގަޅު ކުރުމަށް ކަމަށެވެ.
"މިވަގުތު އަހަރެން މިހުރީ ލިވަޕޫލްގައި ވަރަށް އުފަލުން. މި ކުލަބާއި، ސަޕޯޓަރުންނާއި، މިތަނުގެ ހުރިހާ ކަމެއް ދެކެ އަހަރެން ލޯބިވޭ،" އޭނާ ބުންޏެވެ. "އަހަރެން މި މަސައްކަތްކުރަނީ ކުޅުމުގެ ފުރުސަތު ހޯދުމަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރުމަށް. އެއަށްފަހު ވާނެ ގޮތެއް ފަހުން އެނގޭނީ. މިވަގުތު އަހަރެން ހަމައެކަނި ވިސްނަމުންދާ ކަމަކީ ލިވަޕޫލް."