ENGLISH

27 ޖުލައި 2026

Advertisement

ވޯލްޑް ކަޕަށް ފާޑުކިޔާ މީހުން ފަތުރަނީ ނަފުރަތު: އިންފަންޓީނޯ

27 ޖުލައި 2026

|

އިސްމާއިލް ޝާހު

ފީފާގެ ރައީސް އިންފަންޓީނޯ އާއި އެމެރިކާގެ ރައީސް ޓްރަމްޕް، ވޯލްޑް ކަޕުގެ ޗެމްޕިއަން ޓީމު ސްޕެއިންގެ ރޮޑްރީއަށް ތަށި ހަވާލުކުރަނީ --- ފޮޓޯ: ރޮއިޓަރސް

ވޯލްޑް ކަޕް 2026 އަށް ފާޑުކިޔާ ފަރާތްތަކަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވަރުގަދަ ރައްދެއް ދެއްވައި، އެ މީހުން ނަފުރަތާއި ދޮގު ވާހަކަތައް ފަތުރާކަމަށް ތުހުމަތު ކުރައްވައިފައެވެ. އަދި މި މުބާރާތަކީ އެއްބައިވަންތަކަމާއި، އަމާންކަމާއި، ހަމަހަމަކަން ފެނިގެންދިޔަ ކާމިޔާބު މުބާރާތެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވިއެވެ.

މިއަދު އާންމުކުރެއްވި ސިޓީއެއްގައި، އުމުރުން 56 އަހަރުގެ އިންފަންޓީނޯ ވިދާޅުވީ އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި ބޭއްވި މި މުބާރާތުގައި ސްޕެއިން ތަށި އުފުލާލިއިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް މިލިޔަނެއް މީހުން ތަޖުރިބާކުރި އުފާވެރިކަމާއި އެކުވެރިކަމުގެ މަތިން ފާޑުކިޔާ ފަރާތްތަކުން ހަނދާން ނައްތާލާފައިވާ ކަމަށެވެ.

"ތނަފުރަތާއި ފާޑުކިޔުންތަކުގެ ތެރެއަށް އެހާ ބޮޑަށް ގެނބިފައި ތިބި މިންވަރުން، މި ހުރިހާ ރީތި ކަންކަމެއް ފެނުމުން މަހުރޫމުވީ،" އޭނާ ވިދާޅުވިއެވެ. "ގަލަމާއި ކީބޯޑުތަކުގެ ފަހަތުގައި ތިބެގެން ނަފުރަތާއި ދޮގު އިލްޒާމުތައް ފަތުރާ ފަރާތްތަކަށް އަހަރެން ބުނަން އޮތީ، ތިޔަބައިމީހުން އެތަނުގައި ތިބޭއިރު، ފީފާގެ ޓީމުތައް މިތިބީ ކުރީ ސަފުގައި ބުރަ މަސައްކަތްކޮށް، ދުނިޔޭގެ އެންމެ ފުރިހަމަ ކުޅިވަރުގެ އީދު ބާއްވައިދިނުމަށް."

އޭނާ އިތުރަށް ވިދާޅުވީ މުބާރާތުގެ ތެރޭގައި އެއްވެސް ހަމަނުޖެހުމެއް ނުވަތަ ނުރައްކާތެރި ހާދިސާއެއް ހިނގާފައި ނުވާ ކަމަށާއި، ފެނިގެންދިޔައީ ސަތޭކަ އިންސައްތަ އަމާންކަމާއި އުފާވެރިކަން ކަމަށެވެ.

މި މުބާރާތުގެ ތެރޭގައި އެމެރިކާގެ ވިސާގެ ހުރަސްތަކާއި، ހަމަނުޖެހުން ހިނގަމުންދާ ސަރަހައްދުތަކުގެ ޓީމުތަކާ ގުޅޭގޮތުން ފީފާއަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުވިއެވެ. އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މެދުވެރިވެވަޑައިގެން، ފޮލަރިން ބަލޮގަންއަށް ދެއްކި ރަތް ކާޑާ ގުޅިގެން ދިން އެއް މެޗުގެ ސަސްޕެންޝަނަށް ލުއިދިނުމަށް ފީފާއިން ނިންމި ނިންމުމަށްވެސް ގިނަ ބަޔަކު ފާޑުކިޔެވެ. މީގެ އިތުރުން އާޖެންޓީނާ އާއި މިސްރު ބައްދަލުކުރި މެޗުގައި ރެފުރީން ނިންމި ނިންމުންތަކާ މެދުވެސް ބޮޑެތި ބަހުސްތަކެއް ކުރެވުނެވެ.

ވަކި ޚާއްޞަ މައްސަލަތަކަކަށް އިޝާރާތް ނުކުރެއްވި ނަމަވެސް، އިންފަންޓީނޯ ވަނީ މުބާރާތުގެ ތެރޭގައި ފާޑުކިޔުން އަމާޒުވި ރެފުރީންގެ ނިންމުންތަކާއި އަދަބު ދިނުމާ ގުޅޭ ނިންމުންތަކަކީ ދުނިޔޭގެ އެކި މުބާރާތްތަކުގައި އާންމުކޮށް ހިނގާ ކަންކަން ކަމަށް ވިދާޅުވެފައެވެ.

"ރަތް ކާޑެއް ނުވަތަ ރީނދޫ ކާޑެއް ދެއްކުމުގައި ކުށެއް ކުރެވުމަކީ ނުވަތަ ވަކި ހާލަތްތަކެއްގައި ކުޅުންތެރިން ސަސްޕެންޑް ނުކުރުމަށް ނިންމާ ނިންމުންތަކަކީ ދުނިޔޭގެ އެންމެ ބޮޑެތި ލީގުތަކުގައިވެސް ވަރަށް އާންމު އަދި ބަލައިގަނެވޭ ކަންކަން،" އޭނާ އިތުރަށް ވިދާޅުވިއެވެ. "އަޖައިބުވާން ޖެހޭ ކަމަކީ މިފަދަ އުސޫލުތައް އެ ޤައުމުތަކުގައި ގެންގުޅޭއިރު، އެ ޤައުމުތަކުން އަހަރެމެންނަށް ފާޑުކިޔާތީ."

ސިޔާސީ ނުތަނަވަސްކަމާއި، ދާޚިލީ ހަމަނުޖެހުންތަކާއި، ސިއްހީ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާ ޤައުމުތަކުން މުބާރާތުގައި ބައިވެރިވުމަކީ، ފުޓްބޯޅައަކީ ބައިބައިވުންތަކުން އަރައިގަނެވޭނެ ވަސީލަތެއްކަމުގެ ހެއްކެއް ކަމަށް އިންފަންޓީނޯ ފާހަގަކުރެއްވިއެވެ.

އީރާނާއި އެމެރިކާއާ ދެމެދު އޮތް ނުތަނަވަސްކަމުގެ ތެރެއިންވެސް އީރާނުން މުބާރާތުގައި ބައިވެރިވިއިރު، ހެއިޓީގެ ދާޚިލީ މައްސަލަތަކާއި، ކޮންގޯގައި ފެތުރެމުންދިޔަ އެބޯލާ ބަލިމަޑުކަމުގެ ތެރެއިންވެސް އެ ޤައުމުތަކަށް ވިސާ އާއި ދަތުރުފަތުރުގެ ހުރަސްތަކާ ކުރިމަތިލާން ޖެހުނެވެ. މިގޮތުން ސޯމާލިއާގެ ރެފުރީ އޮމާރް އަރްޓާންގެ އަތުގައި ސައްހަ ވިސާއެއް އޮތް ނަމަވެސް އެމެރިކާއަށް އެތެރެވުން ވަނީ މަނާކޮށްފައެވެ.

"އީރާނުން އެމެރިކާއަށް އެތެރެވީ އެއްވެސް ހަމަނުޖެހުމަކާ ނުލައި. އީރާނުގެ ޓީމަށް ވިސާ ދެވުނީ ފުޓްބޯޅައަކީ ސުލްހައިގެ ރަމްޒަކަށް ވާތީ. މިއީ ސިޔާސީ ކަމެއް ނޫން،" އޭނާ ވިދާޅުވިއެވެ. "ސިއްހީ ބޮޑެތި މައްސަލަތަކާއި އެހެނިހެން ގޮންޖެހުންތަކާ ކުރިމަތިލާފައިވާ ޤައުމުތަކަށްވެސް ވިސާ ހަމަޖައްސައިދެވުނު. ފުޓްބޯޅައިގެ ސަބަބުން ގިނަ ބަޔަކު ޒިޔާރަތްކުރަން ބޭނުންނުވާ ނުވަތަ ޒިޔާރަތް ނުކުރެވޭ ހެއިޓީ ފަދަ ޤައުމެއް މުޅި ދުނިޔެއަށް ދައްކާލެވުނުއިރު، މިއީ ތިޔަބައިމީހުންގެ ގަލަންތަކާއި ކީބޯޑުތައް ބަހައްޓާފައި، ކުޅުނު ޓީމުތަކަށް އިހުތިރާމު އަދާކުރަންވީ ވަގުތު."

ކިޔުންތެރިންގެ ހިޔާލު