ENGLISH
25 ޖުލައި 2026
ދެ އަހަރާއި ބައިގެ ތެރޭ ވަން ގަވް ނިޒާމަށް އަލަށް 198 ހިދުމަތެއް ތައާރަފުކޮށްފި
25 ޖުލައި 2026
|
މައިންޑްކޯގެ މެނޭޖިން ޑިރެކްޓަރ ސައީދާ އުމަރު، ފޮޓޯ: ރައްޔިތުންގެ މަޖިލިސް
އެންމެ މަޤްބޫލު
ދައުލަތުގެ އިދާރާތަކުން ފޯރުކޮށްދޭ ހިދުމަތްތައް އެއް މަންސައިން ފޯރުކޮށްދޭން ގާއިމުކޮށްފައިވާ "ވަން ގަވް" މަންސައަށް ފާއިތުވި ދެ އަހަރާއި ބައިގެ ތެރޭ އަލަށް 198 ހިދުމަތެއް ތައާރަފުކޮށްފައިވާކަން އެ މަންސަ ތަރައްގީކޮށް ބަލަހައްޓާ މައިންޑްކޯއިން ހާމަކޮށްފިއެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން "އެމްއެމްޓީވީ"އިން އެދިގެން އެ ކުންފުނިން ހިއްސާކުރި މައުލޫމާތުތަކުން އެނގޭ ގޮތުގައި 2021 ވަނަ އަހަރު ވަންގަވްގެ މަސައްކަތް ފަށައި އިދާރާތަކާއެކު އެއްބަސްވުންތައް ގާއިމުކޮށް އެކި އިދާރާތަކުން ދެމުންދާ ގިނަ ހިދުމަތްްތަކެއް އެ މަންސައަށް ގެނައުމަށް މަސައްކަތްކުރެވުނެވެ.
ވަންގަވް މަންސަ އިފުތިތާހުކުރީ 2023 ވަނަ އަހަރުގެ ޖުލައި މަހުގެ 10 ވަނަ ދުވަހުއެވެ. އެއިރު ކުރެވުނު މަސައްކަތްތަކާއެކު 2023 ވަނަ އަހަރުގެ ނިޔަލަށް 308 ހިދުމަތެއް އެ މަންސައިން ލިބެމުންދިޔައެވެ.
މައިންޑްކޯއިން ބުނި ގޮތުގައި ވަން ގަވް ނިޒާމުގައި ދައުލަތުގެ އިދާރާތަކުން ފޯރުކޮށްދޭ ހިދުމަތްތައް ހިމެނުމަށްޓަކައި އެ އިދާރާތަކުގެ ބިޒްނަސް ޕްރޮސެސްތައް މުރާޖައާކޮށް، އެތެރޭގެ މަސައްކަތްތަކުގެ ތަރުތީބުތައް ޑިޖިޓައިސްކުރުމާއެކު، އެ އިދާރާތަކުގެ ނިޒާމުތައް ވަންގަވްއާ ލާމެހިގެންދާނެހެން ތަރުތީބުކުރަންޖެހެއެވެ. އަދި އެއްވެސް ހިދުމަތެއް އެ މަންސަ މެދުވެރިކޮށް އާއްމުންނާ ހަމައަށް ގެނެސްދިނުމުގެ ކުރިން އެ ހިދުމަތެއް ވަންގަވްއާ ގުޅުވައިލުމުގައި ގިނަ މަސައްކަތްތަކެއް ކުރަންޖެހޭކަން އެ ކުންފުނިން ފާހަގަކުރިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ސަރުކާރުގެ ހިންގުން ޑިޖިޓައިޒްކުރެއްވުމަށް ހާއްސަ އިސްކަމެއް ދެއްވާފައިވެއެވެ. އެމަނިކުފާނުގެ ޑިޖިޓައިޒޭޝަން ސިޔާސަތުގެ ދަށުން ސަރުކާރުގެ ހިދުމަތްތައް އެއް މަންސަ މެދުވެރިކޮށް ލިބުމާއި، އެކި ހިދުމަތްތައް ފޯރުކޮށްދިނުމަށް ގާއިމުކޮށްފައިވާ ތަފާތު މަންސަތަކުގެ މެދުގައި މުވާސަލާތުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް އިސްކަންދެއްވައެވެ.
މި ސިޔާސަތުގެ ތެރެއިން ވަންގަވް މަންސައިން ފޯރުކޮށްދޭ ހިދުމަތްތައް ފުޅާކުރުމަށް ސަރުކާރުން ކުރި މަސައްކަތްތަކާއެކު 2024 ވަނަ އަހަރު އަލަށް 92 ހިދުމަތެއް އެ މަންސައަށް ތައާރަފުކުރެވުނެވެ. އަދި 2025 ގައި އިތުރު 84 ހިދުމަތެއް އެ މަންސައަަށް އަލަށް ތައާރަފުކުރެވުނެވެ. އަދި މި އަހަރުގެ ޖޫން މަހާ ހަމއަށް އިތުރު 22 ހިދުމަތެއް ތައާރަފުކުރެވުނެވެ.
އަލަށް ވަންގަވް މެދުވެރިކޮށް ހިދުމަތްތައް ތައާރަފުކުރި އިދާރާތަކުގެ ތެރޭގައި ސަރުކާރުގެ ކުންފުނިތަކާއި ވުޒާރާތަކާއި އެހެނިހެން އިދާރާތައް ހިމެނެއެވެ. އަދި ބައެއް ކައުންސިލުތަކުން ފޯރުކޮށްދޭ ހިދުމަތްތައް ވަންގަވް މަންސައިން ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވެއެވެ.
މައިޑްކޯގެ މެނޭޖިން ޑިރެކްޓާ ސައީދާ އުމަރު މީގެ ކުރިން ވިދާޅުވެފައިވާ ގޮތުން އެ ކުންފުނީގެ އަމާޒަކީ 2026 ވަނަ އަހަރުގެ ނިޔަލަށް ސަރުކާރުގެ އެކި އިދާރާތަކުން ފޯރުކޮށްދޭ ހިދުމަތްތަކުގެ 70 އިންސައްތަ ހިދުމަތް ވަންގަވް މަންސައިން ލިބޭނެ އިންތިޒާމު ހަމަޖެއްސުމެވެ. އަދި ކައުންސިލުތަކުން ފޯރުކޮށްދޭ ހިދުމަތްތަކުގެ 40 އިންސައްތަ ހިދުމަތް އެ މަންސައިން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީވެސް އަމާޒެއްކަމަށް ސައީދާ ވިދާޅުވިއެވެ.