ENGLISH

25 ޖުލައި 2026

Advertisement

ބޯލިން އެރީނާއަކާއި ފުޓްސަލް އަދި ނެޓުބޯޅައަށް ހާއްސަ އިމާރާތްތަކެއް ހުޅުމާލޭގައި އަޅަނީ

25 ޖުލައި 2026

|

ޝިފްޒާން އަޙްމަދު

ސާފް ފުޓްސަލް މުބާރާތުގައި ދިވެހިރާއްޖެއާއި އިންޑިޔާ ބައްދަލުކުރި މެޗުގެ ތެރެއިން، ފޮޓޯ: އިންޑިޔާ ފުޓްސަލް އެސޯސިއޭޝަން

ޒަމާނީ ފެންވަރުގެ ބޯލިން އެރީނާއަކާއި ފުޓްސަލް އަދިި ނެޓުބޯޅަ ކުޅުމަށް ބޭނުންވާ އިންޑޯ ދަނޑުތައް ހުންނަ އިމާރާތްތަކެއް ހުޅުމާލޭގައި އެޅުމަށް ހަވާލުކުރެވި މަސައްކަތް ކުރިއަށް އޮތް ދުވަސްތަކުގައި ފެށިގެންދާނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ހާމަކުރައްވައިފިއެވެ. 

ޒުވާނުންގެ ހަށިހެޔޮކަމާއި ދުޅަހެޔޮކަަމަށް ބޭނުންވާ އެކި ވަސީލަތްތައް ގާއިމުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭ ގޮތުން "ދަ ޕަލްސް" ޕޮޑްކާސްޓުގައި ވާހަކަފުޅުދައްކަވަަމުން ރައީސް ވިދާޅުވީ އެކި ކުޅިވަރުތައް ކުޅުމަށް ބޭނުންވާ ވަސީލަތްތައް ގާއިމުކުރުމަށް ވަރަށް ބޮޑު އިސްކަމެއްދީގެން ސަރުކާރުން ގިނަގުނަ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ. 

އެގޮތުން ރާޅުގަނޑު ސަރަހައްދުގައި ޒަމާނީ ފެންވަރަށް ރާޅާއަޅާ ސްޓޭޑިއަމެއް ގާއިމުކުރުމުގެ ވާހަކައަކީ ޒަމާނުއްސުރެ ދެކެވެމުންެއައި ވާހަކައެއް ނަމަވެސް އެކަމަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރީގައި ކުރެވިފައި ނެތްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ބައިނަލްއަގުވާމީ ފެންވަރުގެ ސާފިން ސްޓޭޑިއަމެއް ގާއިމުކުރުމުގެ އަމަލީ މަސައްކަތް މިހާރު ފެށިފައިވާ ކަމަށެވެ. 

އޭގެ އިތުރަށް ރައީސް ވިދާޅުވީ ޒުވާނުން މުނިފޫހިފިލުވުމަށާއި ކުޅިވަރު ކުޅުމަށް އައު ވަސީލަތްތައް ތައާރަފުކުރުމަކީ ސަރުކާރުން ވަރަށް ބޮޑަށް އިސްކަންދީގެ ކުރަމުންދާ މަސައްކަތެއް ކަމަށެވެ. އެގޮތުން ހުޅުމާލޭގައި އެންމެ ޒަމާނީ ފެންވަރުގެ ބޯލިން އެރީނާއެއް ގާއިމުކުރުމަށް ބިން ހަމަޖައްސަވައި އެ މަސައްކަތް ބަޔަކާ ހަވާލުކޮށް އެކަމަށް ބޭނުންވާ ފައިސާވެސް ސަރުކާރުން ދޫކޮށްފައިވާ ކަމަށް ވިދާޅުވިއެވެ. 

"އެހެން ކުޅިވަރުތަކަށް ބަލާނަމަ މިސާލަކަށް އިންޑޯ ބޯލިން އެރީނާއެއް ރާއްޖޭގައި ހުރި އެއްޗެއް ނޫން މިއީކީއެއް. މިހާރު އެވަނީ މަސައްކަތް ހަވާލުކުރެވިފައި، ހުޅުމާލޭގައި ފޭސް ވަންގައި ބިން ހަމަޖައްސައި، ކޮންޓްރެކްޓަރަށް ފައިސާވެސް ދޫކުރެވި އޭގެ އިނިޝިއަލް މަސައްކަތް ހިނގަނީ. އެހެންވީމާ ވަރަށް އަވަހަށް އަމަލީ މަސައްކަތް ފަށައި، މިއަންނަ އަހަރު ތެރޭގައި ވަރަށް ބޮޑު ސްޓޭޓް އޮފް އާޓް ބޯލިން އެރީނާއެއް މިއަޅަނީ،" ރައީސް ވިދާޅުވިއެވެ. 

އޭގެ އިތުރަށް ރާއްޖޭގައި މިހާރު އެންމެ މަގުބޫލު އެއް ކުޅިވަރުކަމަށްވާ ފުޓްސަލްއަށް ބޭނުންވާ އިންޑޯ އެރީނާތައް ގާއިމުކުރުމަށް މަތިމައްޗަށް ފުޓްސަލް ދަނޑު ހުންނަ އިމާރާތެއް އެޅުމަށް ސަރުކާރުން ނިންމާފައިވާކަން ރައީސް ހާމަކުރެއްވިއެވެ. އެ އިމާރާތް އެޅުމަށް ބިން ހަވާލުކުރެވި މަސައްކަތް ފެށިފައިވާއިރު، އެތަނުގައި ބައިނަލްއަގުވާމީ މުބާރާތްތައް ބޭއްވޭ ފެންވަރުގެ ދަނޑަކާއި ތަމްރީނުތަކަށް ބޭނުންކުރާނެ ދަނޑުތައް ހުންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ. 

އޭގެ އިތރުަަށް ރައީސް ވިދާޅުވީ ފުޓްސަލް ކޮމްޕްލެކްސްއާ އެއްގޮތަށް ނެޓުބޯޅަ ކުޅުމަށް ބޭނުންވާ ޕިޗުތައް ހިމެނޭ ނެޓްބޯލް ކޮމްޕްލެކްސްއެއްގެ މަސައްކަތް ކުރުމަށް ބޭނުންވާ ބިން ހަމަޖައްސައި ފައިސާ ދޫކުރެވިފައިވާ ކަމަށެވެ. 

ޒުވާނުން މުނިފޫހިފިލުވުމަށް ހާއްސަކޮށް އިތުރު ވަސީލަތްތައް ގާއިމުކުރުމަށް ކުރެެވޭ މަސައްކަތްތަކުގެ ތެރެއިން ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ހުންނަ ފެންވަރުގެ ގޯ-ކާޓް އެރީނާއެއް ހުޅުމާލޭގައި ގާއިމުކުރުމަށް ބިން ހަމަޖައްސައި އެ މަސައްކަތްވެސް މިހާރު ފެށިފައިވާކަމަށް ރައީސް ވިދާޅުވިއެވެ. 

ރައީސް ވިދާޅުވި ގޮތުގައި މިހުރިހާ ވަސީލަތްތަކެއް ގާއިމުކުރުމުގެ އަމަލީ މަސައްކަތް ކުރިއަށް އޮތް އަހަރެއްހައި ދުވަހުގެ ތެރޭ ކުރިއަށްގެންދެވި ލަސްވެގެން 2028 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާއަށް ނިންމައިލެވި އެތަންތަނުގެ ބޭނުންކުރަން ފެށޭވަރަށް މަސައްކަތް ކުރިއަށްގެންދެވޭނެއެވެ. 

ކިޔުންތެރިންގެ ހިޔާލު