ENGLISH

25 ޖުލައި 2026

Advertisement

ހުޅުމާލެއާއި އެހެނިހެން ސިޓީތަކުގައި ޔޫތު ހަބުތައް ގާއިމުކުރުމުގެ މަސައްކަތް ދަނީ ކުރިއަަށް

25 ޖުލައި 2026

|

ޝިފްޒާން އަޙްމަދު

މާލޭގައި ގާއިމުކުރި ޔޫތު ހަބުގެ ނަންބޯޑު، ފޮޓޯ: ދިޔަރެސް

ޒުވާނުންނަށް ހާއްސަކޮށްގެން މާލޭ ސަރަހައްދުގައި ގާއިމުކޮށްފައިވާ ޔޫތު ހަބު ފަދަ ހަބުތައް ސިޓީތަކުގައި ގާއިމުކުރުމުގެ މަސައްކަތް ފެށިފައިވާއިރު، އެފަދަ ހަބެއް ހުޅުމާލެގައި ގާއިމުކުރުމަކީ ސަރުކާރުން ގެންގުޅޭ ވިސްނުމެއްކަމަަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

ރައީސް މިފަދައިން ވިދާޅުވީ ހަފުއާތަކު އެއް ދުވަހު ރައީސް އޮފީހުން ގެނެސްދޭ "ދަ ޕަލްސް" ޕޮޑްކާސްޓުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ޒުވާނުންނަށް ހާއްސަަކޮށް އެކި ޖާގަތައް ގާއިމުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތަފުސީލު ހާމަކުރައްވަމުންނެވެ. 

މާލޭގައި ހުޅުވުނު ޔޫތު ހަބު ހުރި އިމާރާތަކީ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމުގެ ވެރިކަމުގައި ޒުވާނުންގެ މަރުކަޒެއްގެ ގޮތުގައި ބޭނުންކުރަމުންއައި ތަނެއް ނަމަވެސް ފަހުން އެތަން ބޭނުންކުރީ ގަރާޖެއްގެ ގޮތުގައިކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެތަނަށް ކުރެއްވި ޒިޔާރަތުގައި އެތަން ގަރާޖެއްގެ ގޮތުގައި ބޭނުންކުރުމަކީ، ތަނުގެ ޖާގައިގެ ތަނަވަސްކަމާއި، އެ އިމާރާތްހުރި ތަނަށް ބަލާއިރު އެންމެ ރަަނގަޅު ގޮތެއް ނޫންކަން ފާހަގަކުރެއްވުނު ކަމަށެވެ. 

އަދި އެތަނުގެ ޖާގައާއި ކަންކަމަށް ބައްލަވައި ވަޒީރުންގެ މަޖިލީހުގައި އެތަން ބޭނުންކުރާނެ ގޮތަކާމެދު މަޝްވަރާކުރެއްވުމަށްފަހު އެތަނުގައި ޒުވާނުންގެ މަރުކަޒެއް ގާއިމުކުރުމަށް ނިންމެވިކަމަށާއި، މިއަދު އެތަނަކީ އެކި އުމުރުގެ ޒުވާނުން ގިނަ ބޭނުންތަކަށް ބޭނުންކުރާ ތަނެއްކަމަށް ރައީސް ވިދާޅުވިއެވެ. 

"އެކި އުމުރުފުރައިގެ ޒުވާނުން އާއިލާތައް އެތަން އެބަ ބޭނުންކުރޭ އެކި ކަހަލަ ފައިދާހުރި ކަންކަމަށް،" ޔޫތު ހަބަކީ ޒުވާނުންގެ އެކި ބޭނުންތަަކަށް ބޭނުންކުރާ ތަނެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވިއެވެ. 

ރައީސް ވިދާޅުވި ގޮތުގައި މާލޭގައި ގާއިމުކުރި ޔޫތު ހަބަކީ ފެށުމެކެވެ. އެހެން ސިޓީތަކުގައި މިފަދަ ޔޫތު ހަބުތައް ގާއިމުކުރުމުގެ މަސައްކަތް ހަވާލުކުރެވި އަމަލީ މަސައްކަތް ފެށިގެންކުރިއަށްދާކަން ފާހަގަކުރެއްވުމާއެކު ރައީސް ވިދާޅުވީ މާލޭ ސަރަހައްދުގެ އާބާދީގެ ބޮޑުކަމަށް ރިއާޔަތްކުރައްވައި މިފަދަ އިތުރު މަރުކަޒެއް ހުޅުމާލޭގައި ގާއިމުކުރުމަށް ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށެވެ. 

"ދެން މިއީ ހަމަ ފެށުމެއް. އެގޮތުން އިރާދަކުރެއްވިއްޔާ މާލޭގެ އިތުރަށް އެކި ސިޓީތަކުގައި މިކަހަލަ ޔޫތު ހަބުތައް ހެދުމަށް އެވަނީ ހަވާލުކުރެވިފައި. އެގްރީމެންޓު ހަދައި ފައިސާދީ މަސައްކަތް ހިނގައިގަނެ އެ ސްޓޭޖުގައި އެ އުޅެނީ. އެހެންވީމާ އިރާދަކުރެއްވިއްޔާ މިތަންތަން ނިމިގެންދިޔައިމަ މާލެ ފަދައިން އަތޮޅު ތެރޭގައިވެސް ހުންނާނެ އެފަދަ މަރުކަޒުތައް. އޭގެ އިތުރަށް އެންމެ ތޮއްޖެހުން ބޮޑު ސިޓީއަކީ މާލެކަމަށްްވާއިރު މާލެއެކޭ އެއްގޮތަށް ހުޅުމާލޭގައި މިފަދަ މަރުކަޒެއް ގާއިމުކުރުމަކީ އަޅުގަނޑުމެން މަސައްކަތްކުރާ ގޮތް،" އެމަނިކުފާނު ވިދާޅުވިއެވެ. 

ތަރޑް ސްޕޭސް ކޮންސެޕްޓުގެ ދަށުން ގެއާއި މަސައްކަތް ނުވަތަ ކިޔަވާ މާހައުލު ފިޔަވަައި ޒުވާނުންނަށް ވަގުތު ހޭދަކުރެވޭނެ ޖާގަތައް ގާއިމުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މާލޭގައި ގާއިމުކުރެވުނު ޒުވާނުންގެ ހަބުގައި އެކި ބޭނުންތަކަށް ބޭނުންކުރެވޭނެ ހާއްސަ ޖާގަތަކާއި ވަސީލަތްތައް ގާއިމުކޮށްފައިވެއެވެ. 

ޔޫތު ހަބުގައި ގާއިމުކޮށްފައިވާ ވަސީލަތްތަކުގެ ތެރޭގައި ޖިމަކާއި، މިއުޒިކު ކުޅޭ ފަންނުވެރިންނަށް ބޭނުންކުރެވޭ ސްޓޫޑިއޯއެއްގެ އިތުރަށް ދަރިވަރުންނަށް ހާއްސަކޮށް ގާއިމުކޮށްފައިވާ ސްޓަޑީ ސްޕޭސްތައް ހިމެނެއެވެ. 

ކިޔުންތެރިންގެ ހިޔާލު