ENGLISH

25 ޖުލައި 2026

Advertisement

ސަރުކާރުގެ އަމާޒަކީ އަންނަ އަހަރުގެ ނިޔަލަށް ހުރިހާ ރަށެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކޮށް ނިންމުން

25 ޖުލައި 2026

|

ޝިފްޒާން އަޙްމަދު

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ދަ ޕަލްސް ޕޮޑްކާސްޓުގައި ވާހަކަަދައްކަވަނީ، ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގެ ހުރިހާ ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ގާއިމުކުރުމަށް ސަރުކާރުން ފަށާފައިވާ ބޮޑު މަޝްރޫއުގެ ދަށުން އަންނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ގާއިމުކޮށް ނިންމައިލުމަކީ ސަރުކާރުގެ އަމާޒުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކޮންމެ ހަފުތާއަކު ގެނެސްދޭ "ދަ ޕަލްސް" ޕޮޑްކާސްޓުގެ މިހަފުތާގެ އެޕިސޯޑުގައި ޒުވާނުން ބާރުވެރިކުރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭ ތަފުސީލުތައް ހިއްސާކުރައްވަމުން ރައީސް ވިދާޅުވީ އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގަތްއިރު ޒުވާނުން ކުޅިވަރު ކުޅުމަށް ބޭނުންކުރަން ހުރިހާ ވަރަށް މަދު ވަސީލަތްތަކެއް ކަމަށެވެ. ގިނަ ރަށްރަށުގައި އެކަށީގެންވާ ވަސީލަތްތައް ނެތްކަން ރައީސް ފާހަގަކުރެއްވިއެވެ. 

އެމަނިކުފާނު ވިދާޅުވީ އެ މައްސަލަ ހައްލުކުރެއްވުމަށް ރާއްޖޭގެ އެއްވެސް ރަށެއް އިސްތިސްނާނުކުރައްވައި ހުރިހާ ރަށެއްގައި ޒަމާނީ ފެންވަރުގެ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ގާއިމުކުރެއްވުމަށް ނިންމެވި ކަމަށެވެ. އަދި މި ދައުރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި ޒަމާނީ ފެންވަރުގެ ރިކްރިއޭޝަން ސެންޓަރުތައް ގާއިމުކޮށް ނިމިގެންދާނެ ކަމަށް ވިދާޅުވިއެވެ. 

އެފްްއާރްސީތައް ތަރައްގީކުރުމުގެ މަސައްކަތް ފެށިގެން ކުރިއަށްދާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ މިހާރު ބައެއް ރަށްރަށުގައި އެ މަރުކަޒުތައް ގާއިމުކުރުމުގެ މަސައްކަތް ނިމިފައިވާ ކަމަަށެވެ. އަދި އިތުރު ބައެއް ރަށްރަށުގެ މަސައްކަތް މި އަހަރު ތެރޭގައި ނިމިގެންދާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ. 

"މި އަހަރުގެ ފަހުކޮޅަށް ދާއިރުގައި ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ރަށުގައި ހީވަނީ ހުންނާނީ ނިމިފައިހެން. ދެން މިއަންނަަ އަހަރުގެ މެދުތެރެއަށް ދާންވާއިރަށް އިރާދަކުރެއްވިއްޔާ ގިނަ ރަށްތަކެއް ނިމި، އަހަރުގެ ފަހުކޮޅު ނޮވެންބަރާ ހަމައަށް ދާންވާއިރަށް އިރާދަކުރެއްވިއްޔާ ހުރިހާ ރަށެއް ހުންނާނީ ކޮމްޕްލީޓުވެފައި. އެއީ އަޅުގަނޑުމެންގެ ޕްލޭނަކީ،" ރައީސް ވިދާޅުވިއެވެ. 

ފިޓްނަސް ރިކްރިއޭޝަން ސެންޓަރުތަކުގެ އިތުރަށް މާލޭގައި ހުރި ސޯޝަލް ސެންޓަރުގެ މޮޑެލްއަށް ސްޕޯޓްސް ކޮމްޕްލެކްސްތައް ގާއިމުކުރުމުގެ މަސައްކަތް ފެށިފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން 15 ރަށެއްގައި ސްޕޯޓްސް ކޮމްޕްލެކްސް ގާއިމުކުރުމުގެ މަސައްކަތް ހަވާލުކުރެވި އަމަލީ މަސައްކަތް ފެށިގެންގޮސްފައިވާ ކަމަށް ވިދާޅުވިއެވެ. 

މި ސްޕޯޓްސް ކޮމްޕްލެކްސްތަކަކީ އެތެރޭގައި ކުޅޭ ހުރިހާ ކުޅިވަރެއް ކުޅެވޭ ގޮތަށް ގާއިމުކުރެވޭ ތަންތަނެވެ. އެތަންތަނުގައި ހާހެއްހައި މީހުންނަށް ކުޅިވަރު ކުޅޭ ތަން ބަލަން ތިބެވޭނެކަމަށްވެސް ރައީސް ވިދާޅުވިއެވެ. މިހާރު ސްޕޯޓްސް ކޮމްޕްލެކްސްތަަކުގެ މަސައްކަތް ހިނގަމުންދާ 15 ރަށް ހިމެނޭހެން މި ދައުރުގެ ތެރޭ ޖުމްލަ 25 ރަށެއްގައި ސްޕޯޓްސް ކޮމްޕްލެކްސްތައް ގާއިމުކުރެވިގެންްދާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. 

ކިޔުންތެރިންގެ ހިޔާލު