ENGLISH

25 ޖުލައި 2026

Advertisement

ދަރަނި އަދާކުރުމަށް ހިނގި ހަރަދު 12 ބިލިއަނުން މައްޗަށް، %101.5 ގެ އިތުރުވުމެއް

25 ޖުލައި 2026

|

ޝިފްޒާން އަޙްމަދު

ދަރަނި އަދާކުރުމުގެ ހަރަދު ނިމުނު އަހަރު ހަރަދުވި އަދަށްވުރެ 101 އިންސައްތަ އިތުރުވެފައިވޭ

ދައުލަތުގެ ދަރަނި އަދާކުރުމަށް މި އަހަރުގެ މިހާތަނަަށް ހިނގި ހަރަދު 12 ބިލިއަން ރުފިޔާއަށްވުރެ މަތިވެ، ނިމުނު އަހަރު ދަރަނި އަދާކުރަން ކުރަންޖެހުނު ހޭދައަށްވުރެ 101.5 އިންސައްތަ އިތުރުވެފައިވާކަން މާލީ ވުޒާރާގެ ހިސާބުތަކުން ދައްކައިފިއެވެ. 

މާލީ ވުޒާރާއިން ހަފުތާއަކު އެއްފަހަަރު އާއްމުކުރާ ދައުލަތުގެ އާމްދަނީއާއި ހަރަދުގެ ހިސާބުތަކަަށް ބަލާއިރު، 2026 ވަނަ އަހަރުގެ ޖަނަވަރީ އެއްވަނަ ދުވަހުން ފެށިގެން ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ލޯނު ދެއްކުމަށް 9.2 ބިލިއަން ރުފިޔާ ދައުލަތުން ހަރަދުކޮށްފައިވެއެވެ. 

ލޯނު ދެއްކުމަށް 9.2 ބިލިއަން ރުފިޔާ މި އަހަރުގެ އެ މުއްދަތުގައި ހޭދަކުރިއިރު، 2025 ވަނަ އަހަރުގެ އެ މުހުލަތުގައި ލޯނު ދެއްކުމަށް ހަރަދުކުރީ 3.2 ބިލިއަން ރުފިޔާއެވެ. އެހެންކަމުން ފާއިތުވި އަހަރު ލޯނު ދެއްކުމަށް ހަރަދުކުރި އަދަދަށްވުރެ އިތުރަށް ހަ ބިލިއަން ރުފިޔާ މި އަހަރުގެ އެ މުއްދަތުގައި ލޯނު ދެއްކުމަށް ހަރަދުކުރިއެވެ. 

ލޯނު ދެއްކުމުގެ ހަރަދުގެ އިތުރަށް ދަރަނީގެ އިންޓަރެސްޓު ދެއްކުމާއި ފައިނޭންސިން ހަރަދުތަކަށް މި އަހަރުގެ އެ މުހުލަތުގައި 2.7 ބިލިއަން ރުފިޔާ ހަރަދުވިއެވެ. 2025 ވަނަ އަހަރު އިންޓަރެސްޓާއި ފައިނޭންސިން ހަރަދުތަކަށް ހޭދަވީ 2.6 ބިލިއަން ރުފިޔާއެވެ. 

މުޅި ޖުމްލަ މި އަހަރު ދަރަނި އަދާކުރުމާ ގުޅޭ ހަރަދުތަކަށް 12.04 ބިލިއަން ރުފިޔާ ހަރަދުވެފައިވާއިރު ފާއިތުވި އަހަރު ދަރަނި އަދާކުރުމުގެ ހަރަދުތަކަށް ހޭދަވީ 5.9 ބިލިއަން ރުފިޔާއެވެ. އެހެންކަމުން ނިމުނު އަހަރު ދަރަނި އަދާކުރުމުގެ ހަރަދުތަކަށް ހޭދަވި އަދަދަށްވުރެ އިތުރަށް 6.06 ބިލިއަން ރުފޔާ މި އަހަރު ހަރަދުވިއެވެ. 

ދަރަނި އަދާކުރުމަށް ހަރަދުވާނެކަމަށް 2026 ވަނަ އަހަރަށް ލަފާކުރި ދައުލަތުގެ ބަޖެޓުގައި އަންދާޒާކުރި އަދަދުތަކަށް ބަލާއިރު ލޯނު ދެއްކުމަށް 12.9 ބިލިއަން ރުފިޔާ އަދި ފައިނޭންސާއި އިންޓަރެސްޓުގެ ހަރަދުތަކަަށް 5.5 ބިލިއަން ރުފިޔާ ހަރަދުވާނެކަމަށް ބަޖެޓުގައި ލަފާކޮށްފައިވެއެވެ. 

މި އަހަރު ދައްކަންޖެހޭ އެންމެ ބޮޑު ދަރަނީގެ ގޮތުގައި ދައުލަތުގެ ދަރަނީގެ ސްޓޮކުގައި ރެކޯޑުކުރެވިފައި އޮތީ އޭޕްރީލު މަހުގައި ދައްކަަންޖެހުނު 500 މިލިއަން ޑޮލަރު ނުވަތަ 7.7 ބިލިއަން ރުފިޔާގެ ސުކޫކު ޕޭމެންޓެވެ. ސޮވެރިން ޑިވެލޮޕްމެންޓު ފަންޑާއި ދައުލަތުގެ ބޭރު ފައިސާ ރަސްމީ ރިޒާވްގައި ރައްކާކުރި ފައިސާ ބޭނުންކޮށްގެން އޭޕްރީލު މަހު ސަރުކާރުންވަނީ އެ ފައިސާ ދައްކާފައެވެ. އެއީ ދިވެހިރާއްޖޭގެ ތާރީހުގައި އެއް ދުވަހެއްގައި ދިވެހި ސަރުކާރުން ހެދި އެންމެ ބޮޑު ޕޭމެންޓެވެ. 

ސަރުކާރުން ދަރަނި އަދާކުރުމަށް ކުރަންޖެހިފައިވާ ހޭދަ ބޮޑުތަނުން އިތުރުވެފައިވާއިރު، ސޮވެރިން ޑިވެލޮޕްމެންޓު ފަންޑުގައި ރައްކާކުރާ ފައިސާވެސް ވަރަށް ބޮޑަށް އިތުރުވެފައިވެއެވެ. އެގޮތުން މި އަހަރުރުގެ މިހާތަނަށް އެ ފަންޑުގައި 1.2 ބިލިއަން ރުފިޔާ ނުވަތަ 80.1 މިލިއަން ޑޮލަރު ރައްކާކޮށްފައިވެއެވެ. ސަރުކާރު ބަދަލުވިއިރު އެ ފަންޑުގައި ހުރީ ދެ މިލިއަނެއްހައި ޑޮލަރެވެ. 

ކިޔުންތެރިންގެ ހިޔާލު