ENGLISH
25 ޖުލައި 2026
ހިލޭ އެހީ ލިބުނު މިންވަރު ބަޖެޓުގެ އަންދާޒާއަށްވުރެ އިތުރުވެއްޖެ
25 ޖުލައި 2026
|
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު
އެންމެ މަޤްބޫލު
ހިނގަމުންދާ 2026 ވަނަ އަހަރަށް ލަފާކުރި ދައުލަަތުގެ ބަޖެޓުގައި ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް ލަފާކުރި މިންވަރަށްވުރެ އިތުރަށް މިހާތަނަށް ހިލޭ އެހީ ލިބިފައިވާކަން މާލީ ކަންތައްތަކާއި ދައުލަތުގެ ވިޔަފާރިތަކާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެ ވުޒާރާއިން ހަފުތާއަކު އެއްފަހަރު އާއްމުކުރާ ދައުލަތުގެ އާމްދަނީއާއި ހަރަދުބަރަދުގެ ހިސާބުތަކަށް ބަލާއިރު 2026 ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން ޖުލައި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް 438.8 މިލިއަން ރުފިޔާ ހިލޭ އެހީގެ ގޮތުގައި ލިބިފައިވެއެވެ. މިއީ ފާއިތުވި އަހަރުގެ އެ މުއްދަތުގައި ހިލޭ އެހީގެ ގޮތުގައި ލިބުނު ފައިސާގެ އަދަދާއި، މި އަހަރަށް ލަފާކުރި ބަޖެޓުގައި މުޅި މި އަހަރު ތެރޭ ލިބޭނެކަމަށް ލަފާކުރި އަދަދަށްވުރެ އިތުރު އަދަދެކެވެ.
މާލީ ވުޒާރާގެ ހިސާބުތަކަށް ބަލާއިރު ފާއިތުވި 2025 ވަނަ އަހަރުގެ ޖަނަވަރީން ފެށިގެން ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް ހިލޭ އެހީގެ ގޮތުގައި ލިބުނީ 190.5 މިލިއަން ރުފިޔާއެވެ. އެހެންކަމުން ފާއިތުވި އަހަރުގެ އެ މުހުލަތުގައި ހިލޭ އެހީގެ ގޮތުގައި ލިބުނު ފައިސާގެ އަދަދާ އަޅާބަލާއިރު މި އަހަރު ލިބުނު އަދަދުވަނީ 130.34 އިންސައްތަ އިތުރުވެފައެވެ.
ބަޖެޓުގެ ހިސާބުތަކަށް ބަލާއިރު 2026 ވަނަ އަހަރަށް ލަފާކުރި ދައުލަތުގެ ބަޖެޓުގައި މި އަހަރު ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް ލަފާކުރީ 373.6 މިލިއަން ރުފިޔާއެވެ. މިއީ ބައިނަލްއަގުވާމީ މާލީ އިދާރާތަކާއި، މަރުކަޒީ ބޭންކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއާއި، އޮޑިޓަރ ޖެނެރަލް އޮފީހުން ޒަމާނުއްސުރެ ދެމުންއައި ލަފައާ އެއްގޮތަށް ފާއިތުވި އަހަރުތަކުގައި ހިލޭ އެހީ ލިބުނު މިންވަރަށް ރިއާޔަތްކޮށް ބަޖެޓުގައި ހިމެނި އަދަދެކެވެ. ކުރީ ސަރުކާރުތަކުގައި ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް ބޮޑެތި އަދަދުތައް ބަޖެޓުގައި ހިމެނި ނަމަވެސް އެ އަދަދަށް ފައިސާ ނުލިބުމުގެ ސަބަބުން ބަޖެޓުގެ ޑެފިސިޓު އިންތިހާއަށް އިތުރުވެ، ދަރަންޏަށް ފައިސާ ހޯދަންޖެހޭ މިންވަރުވެސް އިތުރުވެއެވެ.
މި އަހަރުގެ ބަޖެޓުގައި 373.6 މިލިއަން ރުފިޔާ ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް ލަފާކުރިއިރު، މި އަހަރުގެ ޖަނަވަރީން ފެށިގެން ޖުލައި 16ގެ ނިޔަލަށް ލިބުނު ހިލޭ އެހީ އަންދާޒާާކުރި މިންވަރަށްވުރެ، %17.45 އިތުރުކަން ތަފާސްހިސާބުތަކުން ދައްކައެވެ.
ދައުލަތަށް ލިބުނު ހިލޭ އެހީ އިތުރުވެފައިވާއިރު މި އަހަރުގެ މިހާތަނަށް ދައުލަތަށް ހިލޭ އެހީއާއި އާމްދަނީގެ ގޮތުގައި ލިބުނީ 22.9 ބިލިއަން ރުފިޔާއެވެ. އެއީ ފާއިތުވި އަހަރުގެ އެ މުއްދަތުގައި ލިބުނު 21 ބލިއަން ރުފިޔާއާ އަޅާބަލާއިރު %8.6 އިތުރު އަދަދެކެވެ.
ދައުލަތަށް ލިބުނު ހިލޭ އެހީ އިތުރުވުމަކީ ދޭދޭ ގައުމުތަކާ ރާއްޖެއާ އޮތް ގުޅުން އިހުނަށްވުރެ ހަރުދަނާކުރެވި ހާރިޖީ ގުޅުންތަކގެ ތެރެއިން ރާއްޖެއަށް ބޭނުންވާ އެހީތެރިކަން ހޯދުމުގައި ކާމިޔާބު ފިޔަވަޅުތަކެއް އެޅިފައިވާކަމަށް ދަލީލުކުރާ ހެއްކެކެވެ.