ENGLISH
25 ޖުލައި 2026
ގަވާއިދާ ހިލާފަށް ބޮޑުތަކުރުފާނު މަގުގައި ޕާކުކުރާ މީހުންނާމެދު ފިޔަވަޅުއަޅާނެކަމަށް ފުލުހުން ބުނެފި
25 ޖުލައި 2026
|
ބޮޑުތަކުރުފާނު މަގުގައި އަލަށް ތަރައްގީކުރި ސަރަހައްދު، ފޮޓޯ: އެމްޓީސީސީ
އެންމެ މަޤްބޫލު
ޒަމާނީ ފެންވަރަަށް ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމަށް ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން އެންމެ ފަހުން ތަރައްގީކުރި ސަރަހައްދުގައި ގަވާއިދާ ހިލާފަށް ޕާކުކުރާ މީހުންނާމެދު ފިޔަވަޅުއަޅާނެކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.
މީސްމީޑިިޔާ މަންސަތަކުގައި ފުލުހުންގެ ހިދުމަތުން މިއަދު ޝާއިއުކުރި ޕޯސްޓުގައި ބުނެފައިވަނީ ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން އެ މަގުގެ ސެގްމެންޓު ދޭކުން ފެށިގެން ފަސްވަނަ ސެގްމެންޓާ ހަމަައަށް މަސައްކަތް ނިންމައި، މިހާރު އާއްމުންނަށް ހުޅުވާލާފައިވާ ކަމަށެވެ.
ފުލުހުން ބުނީ އަލަށް ތަރައްގީކުރި މަގުގައި ޕާކުކުރުމަށް ހާއްސަ ސަރަހައްދުތަކެއް ކަނޑައަޅާފައިވާތީ އެހެން ތަންތަނުގައި ޕާކުކުރުމަކީ މަނާކަމެއް ކަމަށެވެ. އަދި ޕާކުކުރުމަށް ހާއްސަކޮށްފައިވާ ތަންތަނުގައި މެނުވީ ޕާކުނުކުރުމަށް ފުލުހުން އިލްތިމާސްކުރިއެވެ.
އިތުރަށް ފުލުހުން ބުނެފައިވަނީ ޕާކުކުރުމަށް ކަނޑައަޅައި ހާއްސަކޮށްފައިވާ ސަރަހައްދުތައް ފިޔަވައި އެހެން ސަރަހައްދުތަކުގައި އުޅަނދުފަހަރު ބެހެއްޓުމަކީ އެމަގުގެ ދަތުރުފަތުރަށް ބުރޫއަރައި، އާއްމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ހުރަސްއެޅޭނެކަމެއް ކަމަށާއި، އެހެން ސަރަހައްދުތަކުގައި ޕާކުކުރާ މީހުންނާމެދު ފިޔަވަޅުއަޅާނެކަމަށެވެ.
މި މަސައްކަތުގެ ތެރޭގައި 737 މީޓަރުގެ ސަރަހައްދެއްގައި ޝީޓް ޕައިލްކޮށް، އާ ކީވޯލްތަކެއް ވަނީ ގާއިމުކޮށްފަ އެވެ. އަދި ވިއްސާރަ މޫސުމުގައި ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރުމަށްޓަކައި ތާރުގަނޑުގެ އަޑީގައި ޒަމާނީ ފެންހިންދާ ނިޒާމެއް ވަނީ ގާއިމުކޮށްފަ އެވެ. މީގެ އިތުރުން، ބޭންކް އޮފް މޯލްޑިވްސް އަދި ބޭންކް އޮފް ސީލޯން ހުންނަ ސަރަހައްދުގައި 500 އެއްހާ ސައިކަލު ޕާކު ކުރެވޭނެ ޖާގައެއް ވެސް ވަނީ ހަދާފަ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މީގެކުރިން ވިދާޅުވެފައިވާގޮތުގައި ބޮޑުތަކުރުފާނު މަގުގެ އުތުރުގެ މަސައްކަތްތައް ނިިމުމާއެކު، ދެން ބާކީ އޮތް ސަރަހައްދުގެ މަސައްކަތްތައް ފަށައިގަަންނާނެ އެވެ. އެއީ އެމްޕީއެލްގެ ނޯތު ހާބަރު ސަރަހައްދުން ފެށިގެންގޮސް، ބޮޑުތަކުރުފާނު މަގު ހުޅަނގު ފަރާތުން ދަރުމަވަންތަ ހޮސްޕިޓަލު ހިމެނޭ ސަރަހައްދަށްވާގޮތަށް އޮތް ގާމަގުގެ މަސައްކަތެވެ.