ENGLISH
25 ޖުލައި 2026
ލަންކާގައި ހުންނަ ދިވެހި ހައިކޮމިޝަނުން ރާއްޖޭގެ މިނިވަން ދުވަސް ފާހަގަކޮށްފި
25 ޖުލައި 2026
|
ރާއްޖޭގެ މިނިވަން ދުވަސް ލަންކާގައި ފާހަގަކުރުމަށް ބޭއްވި ހަރަކާތެއްގެ ތެރެއިން. ފޮޓޯ: ޕީއެސްއެމް
އެންމެ މަޤްބޫލު
ދިވެހިރާއްޖޭގެ މިނިވަން ދުވަހުގެ މުނާސަބަތާއި ގުޅުވައިގެން، ސްރީ ލަންކާގައި ހުންނަ ދިވެހި ހައިކޮމިޝަނުން އިންތިޒާމުކޮށްގެން ކޮލަމްބޯގައި ޚާއްޞަ ޙަފްލާއެއް ބާއްވައިފިއެވެ.
ދެޤައުމުގެ ސިޔާސީ އަދި އިޖުތިމާއީ ގުޅުން އިތުރަށް ބަދަހިކުރުމުގެ މަޤްޞަދުގައި ބޭއްވި މި ޙަފްލާގައި، ސްރީ ލަންކާގެ ސަރުކާރުގެ އިސްވެރިންނާއި، މިނިސްޓަރުންނާއި، ޕްރޮވިންސް ގަވަރުނަރުންގެ އިތުރުން ސިފައިންގެ އިސް އޮފިސަރުންނާއި، އެހެނިހެން ޤައުމުތަކުން ލަންކާއަށް ކަނޑައަޅާފައި ތިއްބަވާ ސަފީރުންނާއި މަޝްހޫރު ވިޔަފާރިވެރިން ހިމެނޭހެން ޖުމްލަ 528 މީހުން ބައިވެރިވިއެވެ.
މި ޙަފްލާ ޝަރަފުވެރިކޮށްދެއްވީ ސްރީލަންކާގެ މިނިސްޓަރ އޮފް ހެލްތު އެންޑް މީޑިއާ ޑރ. ނަލިންޑަރ ޖަޓިއްސާއެވެ. ރަސްމިއްޔާތުގައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި، ދިވެހި ސަރުކާރަށާއި ރައްޔިތުންނަށް މިނިވަން ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސްކުރެއްވިއެވެ. އަދި ދެޤައުމުގެ ދެމެދުގައި އޮތް ތާރީޚީ ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، ރާއްޖޭގެ މިނިވަންކަމުގެ އެއްބަސްވުމުގައި ސޮއިކުރެވިގެންދިޔައީވެސް ސްރީ ލަންކާގައިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން، ދިވެހިރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މަސްއޫދު އިމާދު ވަނީ ދެޤައުމުގެ ސަގާފީ އަދި ތާރީޚީ ބަދަހިކަމަށް އަލިއަޅުއްވާލައްވާފައެވެ. ވަކިން ޚާއްޞަކޮށް، މިއަހަރުގެ މެއި މަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްރީ ލަންކާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަކީ ދެޤައުމުގެ ގުޅުން އައު ހަރުފަތަކަށް އުފުލިގެންދިޔަ މުހިންމު ދަތުރުފުޅެއްކަން ސަފީރު ފާހަގަކުރެއްވިއެވެ.
ސަފީރު މަސްއޫދު ވަނީ ޙަފްލާ ބޭއްވުމުގައި ރާއްޖެއާއި ލަންކާގެ ކުންފުނިތަކުން ވެދެއްވި އެހީތެރިކަމަށް ޝުކުރުއަދާކުރައްވާފައެވެ.
އުފާވެރި މާހައުލެއްގައި ކުރިއަށްދިޔަ މި ޙަފްލާގެ ތެރެއިން ދިވެހިރާއްޖޭގެ މުއްސަނދި ސަޤާފަތާއި އާދަކާދަ ދައްކުވައިދޭ ތަފާތު ހަރާތްތަކެއް ހުށަހަޅައިދީފައިވެއެވެ.