ENGLISH
25 ޖުލައި 2026
އެފްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް މިިރޭ
25 ޖުލައި 2026
|
އެފްއޭއެމްއިން މިދިޔަ މާޗު މަހު ބޭއްވި އާންމު ޖަލްސާގެ ތެރެއިން --- ފޮޓޯ: އެފްއޭއެމް
އެންމެ މަޤްބޫލު
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ މުހިންމު ނިންމުންތަކެއް ނިންމުމަށްޓަކައި ބާއްވާ ޚާއްސަ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް މިރެއަށް ތާވަލުކޮށްފިއެވެ. މި ބައްދަލުވުން އޮންނާނީ މިރޭ 21:00 ގައި މީރުމާ ހޯލުގައެވެ.
މިރޭ ބާއްވާ ކޮންގްރެސްއަށް މުހިންމު ތިން ކަމެއް ވަނީ އެޖެންޑާ ކޮށްފައެވެ. އެއީ އެ އެސޯސިއޭޝަން ފެޑެރޭޝަނަކަށް ބަދަލުކުރުމަށްޓަކައި ރީޖަނަލް އެސޯސިއޭޝަންތައް އުފެއްދުމުގެ މަސައްކަތް ފެށުމާއި، އަންހެން ފުޓްބޯޅައިގެ ޕްލޭން ފާސްކުރުމުގެ އިތުރުން، އެފްއޭއެމްގެ އަސާސީ ގަވާއިދަށް އިސްލާހުތައް ހުށަހެޅުމާއި، އެ އިސްލާހުތަކަށް ވޯޓަށް އެހުމެވެ.
އެފްއޭއެމް ފެޑެރޭޝަނަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު، މި މަހުގެ ހަތަރުވަނަ ދުވަހު ބޭއްވި އެފްއޭއެމްގެ ހިންގާ ކޮމިޓީގެ ބައްދަލުވުމުގައި ވަނީ އެފްއޭއެމްއިން ރާއްޖޭގެ ފުޓްބޯޅައިގެ އޮނިގަނޑަށް ގެނެސްފައިވާ ބަދަލާ އެއްގޮތަށް ހަތަރު ސަރަހައްދެއްގައި ރީޖަނަލް ފުޓްބޯޅަ އެސޯސިއޭޝަންތައް އުފެއްދުމަށް ނިންމާފައެވެ. އެގޮތުން އެ އެސޯސިއޭޝަނުގެ އައު އަސާސީ ގަވާއިދުގެ ދަށުން ނޯތު ރީޖަން ފުޓްބޯޅަ އެސޯސިއޭޝަން، ސެންޓްރަލް ރީޖަން ފުޓްބޯޅަ އެސޯސިއޭޝަން، މާލެ ރީޖަން ފުޓްބޯޅަ އެސޯސިއޭޝަން، އަދި ސައުތު ރީޖަން ފުޓްބޯޅަ އެސޯސިއޭޝަން އުފެއްދުމަށް ނިންމާފައިވެއެވެ.
އެފްއޭއެމްއިން މިދިޔަ އަހަރު ތައާރަފުކުރި ފުޓްބޯޅައިގެ އައު އޮނިގަނޑުގެ ދަށުން، ފުރަތަމަ ފަހަރަށް ރާއްޖޭގެ ހުރިހާ ރަށްތަކަށް ހުޅުވާލައިގެން އަތޮޅު، ޒޯން އަދި ރީޖަނަލް ފުޓްބޯޅަ މުބާރާތްތައް ކުރިއަށްގެންގޮސްފައިވާއިރު، އެ ސަރަހައްދުތަކުން އައި ޓީމުތައް ހިމެނޭހެން ކުރިއަށްގެންދިޔަ އައު ސީޒަނުގެ ދިވެހި ޕްރިމިއަރ ލީގުގެ ކޮލިފިކޭޝަން ބުރުގެ ކުޅުންވެސް ދާދިފަހުން ވަނީ ނިންމާލައިފައެވެ.
ފުޓްބޯޅަ މުބާރާތްތައް ކުރިއަށްގެންދިޔަ އޮނިގަނޑާ އެއްގޮތަށް އެފްއޭއެމްއިން ވަނީ މުޅި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށް ހުޅުވާލައިގެން ހަތަރު ރީޖަނަކަށް ބަހާލައިގެން ފުޓްސަލް މުބާރާތެއްވެސް މި މަހު ފަށަން ތާވަލުކޮށްފައެވެ.
މިރޭގެ ކޮންގްރެސްގައި ދެން ފާސްކުރާނީ އެފްއޭއެމްއިން އަންހެން ފުޓްބޯޅަ ކުރިއެރުވުމަށްޓަކައި ހަދާފައިވާ 2026-2030 ވިމެންސް ފުޓްބޯލް ޑިވެލޮޕްމަންޓް ޕްލޭނެވެ. މިއީ މިދިޔަ އަހަރު ބޭއްވި އެފްއޭއެމްގެ އިންތިޚާބީ ކޮންގްރެސް އަށްފަހު، އެއް އަހަރު ތެރޭ ފުރިހަމަކުރަން ޖެހޭ ކަމެކެވެ.
އެފްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް މިރޭ ބޭއްވުމަށް ނިންމާފައިވަނީވެސް މި މަހުގެ ހަތަރުވަނަ ދުވަހު ބޭއްވި އެފްއޭއެމްގެ ހިންގާ ކޮމިޓީގެ ބައްދަލުވުގައެވެ.