ENGLISH

25 ޖުލައި 2026

Advertisement

ރިންގް ރޯޑުގެ ބާކީ ބައި ނޮވެމްބަރުގެ ނިޔަލަށް ނިންމަނީ

25 ޖުލައި 2026

|

ޢަލީ ޝަހީމް

ރައީސުލްޖުމްހޫރިއްޔާ އާންމުކުރެއްވި ބޮޑުތަކުރުފާނު މަގުގެ ކުރެހުން. މަޝްރޫޢުގެ ތިން ވަނަ ފިޔަވަހީގެ މަސައްކަތް ނޮވެމްބަރަށް ނިންމާލެވޭނެކަމަށް އެމަނިކުފާނު ވިދާޅުވި. ފޮޓޯ: އެކްސް

މާލޭގެ ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން، ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ބާކީ ބައިގެ މަސައްކަތް އަންނަ ނޮވެމްބަރުގެ ނިޔަލަށް ނިންމާލެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، ބޮޑުތަކުރުފާނު މަގު ނުވަތަ ރިންގް ރޯޑުގެ ބާކީ ބައިގެ މަސައްކަތް ކުރާނެގޮތުގައި ކުރެހުމާއި ވީޑިއޯއާއެކު "އެކްސް" ގައި މިއަދު ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. 

ޕޯސްޓުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގާއި ފަޅުތެރެ ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދެން އަވަހަށް ފެށޭ ފިޔަވަހީގައި ހިމެނޭ ބައެއް މަސައްކަތްތަކާއި، ރިންގް ރޯޑުގެ ބާކީ ބައިގެ މަސައްކަތް ނޮވެމްބަރަށް ނިންމާލެވޭނެކަމެވެ. 

"މި މަސައްކަތްތަކާއި، ރިންގް ރޯޑުގެ ބާކީ ބައި (އެމް.ޕީ.އެލް ސަރަޙައްދުން ފެށިގެން ސުނާމީ ބިނާ މައިޒާން) 2026 ނޮވެމްބަރުގެ ނިޔަލަށް އިރާދަކުރެއްވިއްޔާ ނިންމާލެވޭނެ" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. 

ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ގާތްގަނޑަކަށް އަހަރު ދުވަސްތެރޭ ވަނީ ބޮޑުބައެއް ނިންމާލައި އާންމުންނަށް ހުޅުވާލައިފައެވެ. މި މަޝްރޫޢުގެ ދަށުން އެންމެ ފުރަތަމަ ތަރައްޤީކުރީ އެމްއެމްއޭއިން ފެށިގެން ލޯކަލް މާރުކޭޓު ސަރަޙައްދެވެ. އަދި އޭގެފަހުން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް މަސައްކަތް ނިންމާލައި އިއްޔެ ވަނީ އާންމުންނަށް ހުޅުވާލައިފައެވެ. 

މަގު ތަރައްޤީކުރަނީ ފަޅުން ބައެއް ހިއްކައިގެން ހަތަރު ލޭނަށް މަގު ފުޅާކޮށްގެންނެވެ. ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީކުރަމުންދާ މަގާ އެކު، ޓްރެފިކަށް މިހާރުވެސް ވަނީ ބޮޑު ލުޔެއް ލިބިފައެވެ. 

ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ފުރަތަމަ ދެ ފިޔަވަހީގެ ދަށުން 10،707.43 އަކަމީޓަރުގެ ސަރަޙައްދެއް ވަނީ ހިއްކައިފައެވެ. އަދި، 1،060 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށީގެ ޝީޓް ޕައިލިންގެ މަސައްކަތް ވަނީ ކޮށްފައެވެ. 

އިއްޔެ ހުޅުވާލި ސަރަޙައްދުގައި ވަނީ 18،286 އަކަމީޓަރުގެ ވެހިކަލް ދުއްވާ ސަރަޙައްދެއްވެސް ތަރައްޤީކޮށްފައެވެ. 

އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ފުރަތަމަ ދެ ފިޔަވަހީގެ ޖުމްލަ އަގަކީ 220.3 މިލިއަން ރުފިޔާއެވެ. ފުރަތަމަ ދެ ފިޔަވަހީގެ މަސައްކަތަށް ފަހު ދެން އޮތީ ތިން ވަނަ ފިޔަވަހީގެ މަސައްކަތެވެ. އެމްޓީސީސީން ބުނީ ތިން ވަނަ ފިޔަވަހީގެ މަސައްކަތް އަންނަ މަހު ފަށާނެ ކަމަށެވެ.

ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުން ފެށީ މިދިޔަ އަހަރުގެ އޯގަސްޓް 21 ގައެވެ. 

ކިޔުންތެރިންގެ ހިޔާލު