ENGLISH

25 ޖުލައި 2026

Advertisement

މާލޭގެ ދަތުރުފަތުރުގެ މައްސަލަތައް ހައްލުކުރުމަށް ވަކި ފަންޑެއް ގާއިމުކުރަނީ

25 ޖުލައި 2026

|

ޝިފްޒާން އަޙްމަދު

މާލޭގެ މަގުމަތީގެ ޓްރެފިކް

މާލޭގެ މަގުތަކުގެ ތޮއްޖެހުމާއި ދަތުރުފަތުރުކުރުމަށް މާލޭ ސަރަހައްދުގައި ކުރިމަތިވެފައި ހުރި ގޮންޖެހުންތައް ހައްލުކުރުމަށް ހާއްސަ ފަންޑެއް ގާއިމުކުރުމަށް ސަރުކާރުން ނިންމާފައިވާކަމަށް އިގުތިސާދީ ތަރައްގީއާއި ވިޔަފާރިއާއި ދަތުރުފަތުރާ ބެހޭ ވުޒާރާއިން ބުނެފިއެވެ. 

އިގުތިސާދީ ތަރައްގީއާއި ދަތުރުފަތުރާ ބެހޭ ވުޒާރާއިން ގެނެސްދޭ "ޓްރޭޑް ޑެސްކް ވިތް އަނާ" ޕޮޑްކާސްޓުގައި މާލޭ ސަރަހައްދަށް ކުރިމަތިވެފައިވާ ދަތުރުފަތުރުގެ މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން މިހާރު ފަށާފައިވާ މަސައްކަތްތަކުގެ މައުލޫމާތު ދެއްވަމުން އެ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ ސިޔާޒު ވިދާޅުވީ މީގެ ކުރިން މި މައްސަލަތައް ހައްލުކުރަށް ކުރެވިފައިވާ މަސައްކަތްތައް ދެމެހެއްޓެނެވި ގޮތެއްގައި ކުރެވޭނެ މާލީ އުސޫލުތަކެއް އެކުލަވައިލެވިފައިނުވާ ކަމަަށެވެ. 

ސިޔާޒު ފާހަގަކުރެއްވި ގޮތުގައި ވަކިވަކި މައްސަލަތައް ހައްލުކުރުމަށް މަސައްކަތްކުރުމުގެ ބަދަލުގައި ހުރިހާ މައްސަލައަކަށް ޖުމްލަ ހައްލެއް ހޯދުމަށް މަސައްކަތްކުރެވޭ ގޮތަށް މި ސަރުކާރުން ސިޔާސަތު ބަދަލުކޮށްފައިވެއެވެ. އަދި މައްސަލަތައް ހައްލުކުރުމުގައި ކަމާ ގުޅޭ ހުރިހާ އިދާރާތަކެއް ޝާމިލުކޮށްގެން ގުޅިގެން މަސައްކަތްކުރެވޭނެ އޮނިގަނޑެއް މިހާރު އެކުލަވައިލެވިފައިވެއެވެ. 

ދެމެހެއްޓެނެވި ހައްލުތަކެއް ހޯދުމަށް ރަނގަޅު މާލީ އިންތިޒާމެއް ހަމަޖެހިފައި އޮތުމުގެ މުހިއްމުކަން ފާހަގަކުރައްވަމުން ސިޔާޒު ވިދާޅުވީ މާލޭގެ މަގުތަކުގައި އުޅަނދުފަހަރު ދުއްވަނީ ރޯޑް ވާދިނެސް ފީއެއް ނަގައިގެން އަދި ގަވާއިދާ ހިލާފުވުމުން ޖޫރިމަނާވެސް ކުރާ ގޮތަށް ކަމަށެވެ. ނަމަވެސް އުޅަނދުފަހަރަށް ދައްކާ އަގުތަކާ އެކަށީގެންވާ ގޮތަށް މާލޭ ސަރަހައްދުގެ މަގުތައް ނުބެލެހެއްޓޭ ކަމުގެ ޝަކުވާއަކީ ޒަމާންވީ ޝަކުވާއެއްކަން ޝިޔާޒު ފާހަގަކުރެއްވިއެވެ. 

ސިޔާޒު ވިދާޅުވި ގޮތުގައި ސަރުކާރުން ގެންގުޅޭ ވިސްނުމަކީ އުޅަނދުތަކުން ލިބޭ ފީތަކާއި ނަގާ ޖޫރިމަނާތަކުން ލިބޭ އާމްދަނީން ހާއްސަ ފަންޑެއް ގާއިމުކޮށް އެ ފަންޑުގައި ހުރި ފައިސާ މާލޭގެ މަގުތައް މަރާމާތުކުރުމާއި، މާލޭ ސަރަަހައްދުގެ ދަތުރުފަތުރުގެ ކަންކަން ހަރުދަނާކުރުމަށް ބޭނުންކުރުމެވެ. 

"ވެހިކަލްތަކުން ނަގާ ފީ، ވެހިކަލްތަކުން ނަގާ ޖޫރިމަނާއެއްވިޔަސް، އަދި އެނޫން ގޮތްގޮތުންވެސް ނަގާ ވެހިކަލްތަކާ ގުޅޭ ހުރިހާ ފީއެއް މިފަންޑަށް ޑައިރެކްޓްކުރުން. ޑައިރެކްޓުކޮށްފައި އެ ފަންޑު މެދުވެރިކޮށް މާލޭގައި މިހާރު ދިމާވެފައި ހުރި ދަތުރުފަތުރުކުރުމުގައި ދިމާވެފައި ދަތިތައް ހައްލުކުރުމަށް ކުރަންޖެހޭ މަސައްކަތްކުރުން،" ސިޔާޒު ވިދާޅުވިއެވެ. 

އެ ފަންޑަށް ލިބޭ ފައިސާ ބޭނުންކުރާނެ ކަންކަމުގެ ތެރޭގައި މަގުތައް މަރާމާތުކުރުމާއި، ޓްރެފިކް ފްލޯއަށް ގެންނަ ބަދަލުތަކާއި މާލޭ ސަރަހައްދުގެ މަގުތަކުގެ ކަންކަން ބެލެހެއްޓުމަށް ނެރޭ ފުލުހުން އިތުރުކުރުން ފަދަ ކަންކަން ހިމެނޭނެ ކަމުގައި ސްޓޭޓް މިނިސްޓަރު ވިދާޅުވިއެވެ. 

ސިޔާޒު ވިދާޅުވި ގޮތުގައި ސަރުކާރުގެ އަމާޒަކީ ދައުލަތުގެ ބަޖެޓަށް ބުރަނުވާނެ ގޮތަށް ދެެމެހެއްޓެނެވި ގޮތަށް ފައިސާ ލިބޭ މޮޑެލްއެއްގެ ތެރެއިން މި ފަންޑުގައި ފައިސާ ރައްކާކޮށް އެ ފައިސާ ބޭނުންކޮށްގެން މާލޭގެ ދަތުރުފަތުރުގެ މައްސަލަ ހައްލުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަައް އެޅުމެވެ. 

ކިޔުންތެރިންގެ ހިޔާލު