ENGLISH

25 ޖުލައި 2026

Advertisement

ލެބްރޮން ޖޭމްސްގެ ފަހު ޓީމަކީ ފިލަޑެލްފިއާ ސެވަންޓީ ސިކްސާސް!

24 ޖުލައި 2026

|

މުޙައްމަދު އަދުހަމް

މިދިޔަ ސީޒަނުގައި ލޮސް އެންޖެލެސް ލޭކާސް އަށް ލެބްރޯން ޖޭމްސް ކުޅުނު މެޗެއްގެ ތެރެއިން. --ފޮޓޯ: އޭޕީ

ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ބާސްކެޓްބޯޅަ ކުޅުންތެރިޔާ ކަމަށްވާ، ލެބްރޯން ޖޭމްސް، އަންނަ ސީޒަނުގައި ފިލަޑެލްފިއާ ސެވަންޓީ ސިކްސާސްއާ ގުޅޭނެކަން އިޢުލާންކޮށްފިއެވެ.

އެމެރިކާގެ ނޭޝަނަލް ބާސްކެޓްބޯލް އެސޯސިއޭޝަން (އެންބީއޭ) ގެ ތާރީޚުގައި އެންމެ ގިނަ ޕޮއިންޓް ހޯދާފައިވާ އުމުރުން 41 އަހަރުގެ ލެބްރޯން ވަނީ، މިއީ އޭނާގެ ކެރިއަރުގެ އެންމެ ފަހު ކޮންޓްރެކްޓް ކަމަށް ބުނެފައެވެ.

"އަހަރެން ގަބޫލުކުރަނީ ފިލަޑެލްފިއާ ސެވަންޓީ ސިކްސާސްއަކީ ޗެމްޕިއަން ޓީމަކަށް ހެދުމަށް އަހަންނަށް އެހީތެރިވެދެވޭނެ ކަމަށް. އާ ސަޕޯޓަރުންތަކަކަށް އާ ރޫހެއް ގެނެސްދީ، މި ފަހު ދަތުރު ފެށުމަށް އަހަރެން މިހުރީ ވަރަށް ފޯރީގައި،" އެކްސްގައި ކުރި ޕޯސްޓެއްގައި ލެބްރޯން ބުންޏެވެ.

މިދިޔަ ސީޒަނަށްފަހު ލެބްރޯން ބުނީ، އޭނާގެ ފަހު މެޗު ކުޅެވިއްޖެ ކަމަށް އޭރު ޔަގީންކުރި ނަމަވެސް، އަދިވެސް މި ކުޅިވަރު ދެކެ އިންތިހާއަށް ލޯބިވާކަމާއި، ކުޅިވަރަށްޓަކައި ކޮށްދެވޭނެ އިތުރު ކަންތައްތަކެއް ހުރިކަން އިހުސާސްވާ ކަމަށެވެ.

ލޮސް އެންޖެލެސް ލޭކާސްއާ އޮކްލާހޯމާ ސިޓީ ތަންޑާ ބައްދަލުކުރި މެޗުގައި ލެބްރޯން ޖޭމްސް ކުޅެނީ. --ފޮޓޯ: އޭޕީ

މީޑިއާ ރިޕޯޓްތަކާ ގުޅޭގޮތުން، ލެބްރޯން ބުނީ، އޭނާ އުޅެނީ ފައިސާގެ ބޭނުމުގައި ނޫން ކަމަށާއި، އަދި އާއިލީ ކަމެއްގައިވެސް ނޫން ކަމަށެވެ. މިހާ ހިސާބަށްއައިއިރު އޭނާ ކުޅުނީ ވެސް އެ ސަބަބުތަކާ ގުޅިގެން ނޫން ކަމަށް ލެބްރޯން ފާހަގަކުރިއެވެ.

"އަހަރެން އަދިވެސް ބޭނުންވަނީ ގުރުބާނީތަކެއް ވާން. އަދިވެސް ބޭނުންވަނީ ބުރަކޮށް މަސައްކަތްކުރަން. އަދިވެސް ބޭނުންވަނީ ވާދަކޮށް، މޮޅުވެ، އިތުރު ޗެމްޕިއަންޝިޕެއް ކާމިޔާބުކުރުމުގެ އިހުސާސް ތަޖުރިބާކޮށްލަން." ލެބްރޯން ބުންޏެވެ.

މިދިޔަ މަހު ލޮސް އެންޖެލެސް ލޭކާސްއާއެކު ހޭދަކުރި އަށް އަހަރަށްފަހު އެ ޓީމު ދޫކޮށްލި ލެބްރޯން ހޯދުމަށް އޭނާ ކުރީން ކުޅުނު ދެ ކްލަބު ކަމަށްވާ، ކްލީވްލޭންޑް ކެވެލިއާސް އާއި މިއާމީ ހީޓްގެ އިތުރުން ގޯލްޑަން ސްޓޭޓް ވޯރިއާސް އަދި މިނެސޯޓާ ޓިމްބަވުލްވްސް އިން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް އަޑުފެތުރުނެވެ.

މީގެކުރިން، ލެބްރޯން ކުޅުނު ތިން ޓީމާއެކުވެސް އޭނާ ވަނީ އެމްބީއޭގެ ތަށި ހޯދާފައެވެ. އޭގެ ތެރެއިން މިއާމީ ހީޓާއެކު ދެ ފަހަރު ޗެމްޕިއަންކަން ހޯދާފައިވާއިރު، މި ހަފުތާގެ ކުރީކޮޅު އެ ކްލަބުން ވަނީ އޮޅުމަކުން ލެބްރޯން އެނބުރި އަންނަ ކަމަށް ބުނެ "ތަޢާރަފުކުރުމުގެ ނޫސްވެރިންގެ ބައްދަލުވުމެއްގެ" ލިންކެއް ޝާއިއުކޮށްފައެވެ.

މިދިޔަ ސީޒަނުގައި ލޮސް އެންޖެލެސް ލޭކާސް އަށް ލެބްރޯން ޖޭމްސް ކުޅެނީ. --ފޮޓޯ: ރޮއިޓަރސް

މިކަމާ ހަވާލާދީ، މިއާމީ ހީޓުގެ ތަރުޖަމާނަކު ބުނީ، އެ ވީޑިއޯއަކީ 2010 އާއި 2014 އާ ދެމެދު އެ ޓީމަށް ކުޅުނު ލެބްރޯން އަލުން ގުޅިދާނެ ކަމަށް ބަލައި ތައްޔާރުކޮށްފައިވާ އެއްޗެކެވެ.

މިއާމީގައި ހޭދަކުރި ދުވަސްތަކުގެ ކުރިންނާއި ފަހުން ލެބްރޯން ވަނީ އޭނާގެ އުފަން ރަށާ ކައިރި ކްލީވްލޭންޑް ކެވެލިއާސްއަށް ކުޅެފައެވެ. އެއީ 2003 ވަނަ އަހަރު އޭނާ އެންމެ ފުރަތަމަ އެންބީއޭ އަށް ޑްރާފްޓް ކުރި ޓީމެވެ.

ލެބްރޯން ވަނީ 2016 ވަނަ އަހަރު ކެވެލިއާސްއަށް ޗެމްޕިއަންކަން ހޯދައިދިނުމަށްފަހު، 2018 ގައި ލޭކާސްއާ ގުޅި އޭގެ ދެ އަހަރު ފަހުން އެ ޓީމަށްވެސް ތަށި ހޯދައިދީފައެވެ. އޭނާ ވަނީ އެންބީއޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު (އެމްވީޕީ) ހަތަރު ފަހަރު ހޯދައި، ވޭތުވެދިޔަ 22 ސީޒަނުގައި މެދުނުކެނޑި އެންބީއޭ އޯލް-ސްޓާ ޓީމުގައި ހިމެނިފައެވެ.

ކިޔުންތެރިންގެ ހިޔާލު