ENGLISH

24 ޖުލައި 2026

Advertisement

ދަރުމަވަންތަ ހޮސްޕިޓަލާއި އައިޖީއެމްއެޗާ މިއަހަރު 16 ދިވެހި ޑޮކްޓަރުން ގުޅިއްޖެ

24 ޖުލައި 2026

|

އައިމިނަތު ޝަފާ

ދަރުމަވަންތަ ހޮސްޕިޓަލާއި އައިޖީއެމްއެޗާ ގުޅުނު ޑޮކްޓަރުން. ފޮޓޯ؛ ސަން

މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް (އެމްސީޖީއެޗު) ގައި ހިމެނޭ ދަރުމަވަންތަ ހޮސްޕިޓަލާއި އައިޖީއެމްއެޗުގައި ހިދުމަތް ކުރުމަށް މި އަހަރުގެ މިހާތަނަށް ދިވެހި 16 ޑޮކްޓަރުން ތަމްރީން ފުރިހަމަކޮށް ގުޅިވަޑައިގެންފައިވާ ކަމަށް އެ ކުންފުނީގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގު ހަލީމް ވިދާޅުވެއްޖެއެވެ.

ހަލީމް 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މީގެ ތެރޭގައި ރާއްޖެއަށް މުޅިން އަލަށް ތައާރަފުވާ ބައެއް ދާއިރާތަކުން ތަމްރީނުވި ސްޕެޝަލިސްޓުންނާއި ސަބް-ސްޕެޝަލިސްޓުން ހިމެނިވަޑައިގަންނަވާކަމަށެެވެ. އޭގެ ތެރޭގައި ނިއުރޯ އިންޓަވެންޝަނަލް ރޭޑިއޮލޮޖީ، ޕީޑިއަޓްރިކް ޑެންޓިސްޓްރީ، ނިއޯނަޓޮލޮޖީ އަދި ކްލިނިކަލް ހެމަޓޮލޮޖީ ހިމެނޭކަމަށް ވިދާޅުވިއެވެ. އަދި ކަށީގެ ބަލިތައް، އެތެރެހަށި، ނިއުރޮލޮޖީ، ރޭޑިއޮލޮޖީ، އީ.އެން.ޓީ، ގެސްޓްރޯއެންޓްރޮލޮޖީ، ޕްލާސްޓިކް ސާޖަރީ، ވެސްކިޔުލަރ ސާޖަރީ އަދި ޕަލްމޮނޮލޮޖީ ފަދަ މުހިންމު ދާއިރާތަކުން އިތުރު ޑޮކްޓަރުން ވަނީ ޚިދުމަތާ މިހާރު ގުޅިވަޑައިގެންފައިކަންވެސް ސީއީއޯ ހަލީމް ފާހަގަކުރެއްވިއެވެ. 

ހަލީމް އިތުރަށް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަސައްވުރާ އެއްގޮތަށް ޞިއްޙީ ދާއިރާ ހަރުދަނާ ކުރެއްވުމަށާއި، ރައްޔިތުންނާ ގާތުން ފެންވަރު ރަނގަޅު ޚިދުމަތްތައް ފޯރުކޮށްދެއްވުމަށް ކަނޑައަޅުއްވާފައިވާ އަމާޒާ އެއްގޮތަށް، ކާޑިއޯތޮރެސިކް އެންޑް ވެސްކިޔުލަރ ސާޖަރީ، އިންޓަރވެންޝަނަލް ރޭޑިއޮލޮޖީގެ ޚިދުމަތް ތަޢާރަފް ކުރުމާއި ހިތުގެ ފަރުވާއާއި ނާރުގެ ފަރުވާ އިތުރަށް ފުޅާކުރުމަށްޓަކައި ޒަމާނީ ޚިދުމަތްތައް މިއަހަރު ފެށިގެންދާނެކަމަށެވެ.

މިއީ ޞިއްޙީ ފަރުވާއަށް ރާއްޖެއިން ބޭރަށް ބަރޯސާވާންޖެހޭ މިންވަރު ކުޑަކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއްގެ ގޮތުގައި ހަލީމް ފާހަގަކުރެއްވިއެވެ. 

ހަލީމް ވަނީ ރާއްޖޭގެ ސިއްހީ ދާއިރާ އިތުރަށް ހަރުދަނާކުރައްވައި، ކުރިން ރާއްޖެއިން ލިބެން ނެތް ގިނަ ހިދުމަތްތަކެއް ރާއްޖެއިން ލިބޭނެ އިންތިޒާމު ހަމަޖައްސަވައިދެއްވުމަށް ރައީސް މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ދުރު ވިސްނުންފުޅަށާއި މި ދާއިރާއަށް ދެއްވާ ހާއްސަ އިސްކަން ފާހަގަކޮށް، އެ މަނިކުފާނަށް ޝުކުރު ދަންނަވާފައެވެ.

އަދި އެމްސީޖީއެޗުގައި މަސައްކަތް ކުރައްވާ ހުރިހާ ޑޮކްޓަރުންނާއި ނަރުހުންނާއި އެލައިޑް ހެލްތު ޕްރޮފެޝަނަލުންނާއި ޓެކްނީޝަނުންނާއި ސަޕޯޓް މުވައްޒަފުންނާއި އެންމެހާ އިދާރީ މުވައްޒަފުންނަށް ވެސް ހަލީމް ޝުކުރު ދެންނެވިއެވެ. 

ކިޔުންތެރިންގެ ހިޔާލު