ENGLISH

24 ޖުލައި 2026

Advertisement

ދީނުގެ ހުރިހާ ކަމެއް ބިނާވަނީ މަސްއޫލިއްޔަތާއި، ޒިންމާދާރުވުމާއި ޢަދުލުއިންސާފުގެ މައްޗަށް: ހުކުރު ޚުޠުބާ

24 ޖުލައި 2026

|

މުޙައްމަދު އަދުހަމް

އިސްލާމީ މުޖުތަމަޢުގެ ހުރިހައި ކަމެއް ވެސް ބިނާވެގެން ވަނީ މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުމާއި ޢަދުލުއިންސާފުގެ މައްޗަށްކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.

"މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުން" މި މަޢުޟޫއަށް އިއްވި ޚުޠުބާގައި ބުނީ، ތަރައްޤީއާއި އެއްބައިވަންތަކަން ބިނާވެގެންވަނީ ވެސް ޢަދުލުއިންސާފުގެ މައްޗަށް ކަމަށެވެ. ޢަދުލުއިންޞާފުގެ ކުރިމަތީގައި އެންމެންނީ ހަމަހަމަ ބައެއް ކަމަށާއި، ކުށެއް ކޮށްފި ނަމަ ކޮންމެ މީހަކަށް ވެސް ޙައްޤު އަދަބު ލިބޭން ޖެހޭނެ ކަމަށްވެސް ޚުޠުބާގައި ބުންޏެވެ.

މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ރައްކާތެރިކޮށް ދެމެހެއްޓުމީ، އަހަރެމެން އެންމެންގެ ދީނީ އަދި ޤައުމީ ވާޖިބެއް ކަމަށާއި، ޤައުމުގެ އެކުވެރިކަމުގެ ކިއްލާގައި ރެނދުލައިފާނެ ކޮންމެ ކަމަކުން މުޖުތަމަޢު ސަލާމަތްކުރަން މަސައްކަތްކުރުމީ މުޖުތަމަޢުގެ ހަމަ ކޮންމެ ފަރުދެއްގެ ޒިންމާއެއްގެ އިތުރުން މަސްއޫލިއްޔަތެއްކަމަށްވެސް ޚުޠުބާގައި ބުންޏެވެ.

"އަހަރެމެންގެ ތެރެއިން ހަމަ ކޮންމެ މީހަކީ، އެ މީހަކު މި ދުނިޔޭގައި ކުރި ކަންތައްތަކާ މެދު ސުވާލުކުރެވޭނޭ މީހެކެވެ. އޭނާގެ ޢަމަލުތަކާ މެދު މާތް اللهގެ ޙަޟުރަތުގައި ޖަވާބުދާރީވާން ޖެހޭނޭ މީހެކެވެ. ހަމަ އެ ފަދައިން އޭނާއަކީ އޭނާ ދިރިއުޅެމުންދާ މުޖުތަމަޢަށް ވެސް ޖަވާބުދާރީވާން ޖެހޭނޭ މީހެކެވެ. ވަކީން ޚާއްޞަ ގޮތެއްގައި، އެކި ފެންވަރުގެ ޒިންމާތަކާ ޙަވާލުވެތިބި މީހުންނަކީ، ޤިޔާމަތްދުވަހުން އެ ކަންކަމާ މެދު ވަކިވަކީން ސުވާލުވެވޭނޭ ބައެއްކަން ދަންނާށެވެ!" ޚުޠުބާގައި ބުންޏެވެ.

ޚުޠުބާގައި ބުނީ، ކޮންމެ މީހެއްގެ ޢަހުދުތަކާއި ހުވާތަކަށް ޙުރުމަތްތެރިކޮށްހިތައި، ވަޒީފާތަކާއި މަސްއޫލިއްޔަތުތައް އަދާކުރީ ކިހިނެއްތޯ ސުވާލުކުރެވޭނެ ކަމަށާއި، އެހެންކަމުން މި މަސްއޫލިއްޔަތު އުފުލުމުގައި އިހުމާލުވެފައިވާ ނަމަ، އެ ކަމުގެ ޒިންމާ އެ މީހަކު އުފުލާންޖެހޭނެ ކަމަށެވެ. އެ ދުވަހަކީ ތިމާ މި ދުނިޔޭގައި ކުޅަ ކަމަކުން މެނުވީ، އެއްވެސް މަންފާއެއް ލިބޭނޭ ދުވަހެއް ނޫން ކަމަށް ޚުޠުބާގައި ބުންޏެވެ.

މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ރައްކާތެރިކޮށް ދެމެހެއްޓޭނީ، އެ މުޖުތަމަޢުގެ ކަންކަމާ ހަވާލުވެތިބޭ މީހުން އިޚުލާޞްތެރިކަމާއި ޒިންމާދާރުކަމާ އެކު އެބައިމީހުންގެ މަސްއޫލިއްޔަތު އަދާކޮށްގެން ކަމަށް ޚުޠުބާގައި ބުންޏެވެ. ހުރިހައި ކަމެއްގައި ވެސް އަދި ހުރިހައި ޙާލަތެއްގައިމެ ޢަދުލުވެރިވުމަށް، ކީރިތި ޤުރްއާނުގައި މާތް الله ވަނީ އަމުރުކުރައްވައިފައިވާކަން ޚުޠުބާގައި ހަނދާންކޮށްދީފައިވެއެވެ.

"އަހަރެމެންގެ ތެރެއިން ކޮންމެ މީހަކު ވެސް، އަދާކުރަމުންދާ ވަޒީފާއާއި މަސްއޫލިއްޔަތަކީ އަމާނާތެކެވެ. ވަޒީފާ އަދާކުރުމުގައި ތެދުވެރިވެ، އިޚުލާޞްތެރިވާން ޖެހޭނެއެވެ. ރައްޔިތުން އަހަރެމެންނާ ޙަވާލުކޮށްފައިވާ އެންމެހައި މަސްއޫލިއްޔަތުތަކަކީ ބޮޑުވެގެންވާ އަމާނާތެކެވެ." ޚުޠުބާގައި ބުންޏެވެ.

ފުރިހަމަ މުސްލިމުންނަކީ ތިމާގެ އަމިއްލަ ފައިދާއާއި މަޞްލަޙަތަށް ވުރެ، އަނެކުންގެ މަޞްލަޙަތަށް އިސްކަންދޭ މީހުންނެވެ. ޛާތީ މަޞްލަހަތަށް ވުރެ މުޖުތަމަޢުގެ މަޞްލަޙަތަށް އިސްކަންދޭ މީހުން ކަމަށް ޚުޠުބާގައި ބުންޏެވެ. 

ޚުޠުބާގައި ބުނީ، ތެދުވެރިކަމާއި އަމާނާތްތެރިކަމަކީ، އަހަރެމެންގެ އީމާންކަމާ ގުޅިފައިވާ ސިފަތަކެއް ކަމަށާއި، ތިމާގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް ތެދުވެރިކަމާއި އަމާނާތްތެރިކަމާ އެކު އަދާކުރުމަކީ މުއުމިނުންގެ ސިފައެއް ކަމަށެވެ.

ޚުޠުބާ ނިންމާލަމުން ބުނީ، ޤައުމުގެ ވަޙުދަތާއި އެއްބައިވަންތަކަން ދެމެހެއްޓުމީ، ހަމަ ކޮންމެ މީހެއްގެ މަސްއޫލިއްޔަތެއް ކަމަށެވެ. މި ކަން ދެމެހެއްޓޭނީ އަހަރެމެންގެ ތެރޭގައިވާ ދެކޮޅުވެރިކަމާއި އަރައިރުންވުންތަކާ ދުރުހެލިވެ، އަމިއްލަ މަސްލަޙަތަށް ވުރެ، މުޖުތަމަޢުގެ މަސްލަޙަތަށް އިސްކަންދީގެން ކަމަށްވެސް ޚުޠުބާގައި ބުންޏެވެ. މުޖުތަމަޢުގެ ކޮންމެ ފަރުދަކުމެ އެ މީހެއްގެ ޒިންމާތަކާއި މަސްއޫލިއްޔަތު ފުރިހަމައަށް އަދާކޮށްގެން ކަމަށެވެ.

ޒިންމާދާރު ގޮތެއްގައި މަސްއޫލިއްޔަތު އަދާކުރުމީ ވަރަށް މުހިންމު ކަމެއްކަން ހަނދާންކޮށްދެމުން، ޚުޠުބާގައި ބުނީ، މުޖުތަމަޢެއްގެ ކުރިއެރުމާއި ތަރައްޤީއާއި ތަނަވަސްކަން ބިނާވެގެންވަނީ މަސްއޫލިއްޔަތު އަދާކުރެވޭ ގޮތެއްގެ މައްޗަށެވެ. އެކަން ކުރެވޭނީ ކޮންމެ މީހަކު ވެސް އެ މީހަކާ ޙަވާލުވެފައިވާ އަމާނާތް ފުރިހަމައަށް އަދާކޮށްގެން ކަމަށްވެސް ޚުޠުބާގައި ބުންޏެވެ.


ކިޔުންތެރިންގެ ހިޔާލު