ENGLISH

24 ޖުލައި 2026

Advertisement

ހަރުދަނާ ފިޔަވަޅުތަކާއެކު ނަފްސާނީ ދުޅަހެޔޮކަމަށް ވަށައިޖެހޭ ހައްލެއް ގެނެވޭނެ: ރައީސް

24 ޖުލައި 2026

|

އައިމިނަތު ޝަފާ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު 'ދަ ޕަލްސް' ޕޮޑްކާސްޓުގައި ވާހަކަފުޅުދައްކަވަނީ - ފޮޓޯ: ރައީސް އޮފީސް

ސަރުކާރުން މިހާރު އަޅަމުންދާ ހަރުދަނާ ފިޔަވަޅުތަކާއެކު ނަފްސާނީ ދުޅަހެޔޮކަމަށް ވަށާޖެހޭ ހައްލެއް ގެނެވޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. 

އެމަނިކުފާނު މިހެން ވިދާޅުވީ، "ދަ ޕަލްސް" ޕޮޑްކާސްޓް ސިލްސިލާގެ 5 ވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުންނެވެ. މި އެޕިސޯޑްގެ މަޢުޟޫއަކަށް ކަނޑައަޅާފައި އޮތީ ޒުވާނުން ބާރުވެރިކުރުވުމެވެ.

ޒުވާނުންނަށް ނަފްސާނީ ގޮތުން ކުރިމަތިވާ މައްސަލަތަކަށް ވަށާޖެހޭ ހައްލެއް ގެނައުމަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އިޝާރާތްކުރައްވައި ރައީސް ވިދާޅުވީ ޒުވާނުންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު ބުލީގެ ޝިކާރައަކަށްވެފައިވާކަމަށާއި މުޖުތަމައުން ބުލީގެ ވަބާ ފިލުވާލަން އެންމެންގެ އެއްބާރުލުން ބޭނުންވާކަމަށެވެ.

ބުލީގެ ޝިކާރައަކަށްވެ، މީހުންގެ ފުރާނަ ދާ ހިސާބަށް ރާއްޖޭގެ ބައެއް ސަރަހައްދުތަކުގައި ކަންކަން ގޮސްފައިވާއިރު މިފަހުން ހިނގި މިފަދަ ހާދިސާތަކަކާއެކު އާންމުން ދަނީ އެފަދަ ކަންކަމުގައި ދުރާލާ ފިޔަވަޅު އެޅުމަށާއި ބުލީކުރާ މީހުންނަށް ހަރުކަށި އަދަބު ދިނުމަށް ގޮވާލަމުންނެވެ. މިހާރު ހުރި ގާނޫނުތަކުގައި ބުލީކުރުން ހުއްޓުވުމުގެ ވާހަކަތައް ބަޔާންވެފައިވީނަމަވެސް ފިޔަވަޅު އެޅޭނެ ގޮތެއް ބަޔާންވެފައި ނުވާތީ ބުލީކުރުމަކީ ޖިނާއީ ކުށަކަށް ހަދައި އެފަދަ މައްސަލަތަކަށް ހަރުކަށި ޖިނާއީ ފިޔަވަޅުތައް އެޅުމަށް އެންޓި ބުލީ ގާނޫނެއް ފަރުމާކުރުމުގެ މަސައްކަތް ސަރުކާރުން ވަނީ ފަށާފައެވެ. ރައީސް ވިދާޅުވީ އެންޓި ބުލީ ގާނޫނެއް ފަރުމާކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށެވެ. 

"ބައިނަލްއަގްވާމީ އެކި ފަރާތްތަކުގެ ލަފަޔާއި، ރާއްްޖޭގައިވެސް ކަމާގުޅޭ ސްޓޭކްހޯލްޑަރުންގެ ލަފަޔާއި މަޝްވަރާގެ ދަށުން މި ބިލު އެކުލަވާލުމުގެ މަސައްކަތް އެބަ ކުރިއަށްދޭ މުއައްސަސާތަކުން، މިއާއެކުވެސް ބުލީގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން އިސްކަންދޭނެ، މުޖުތަމައުގެ ތެރެއިން ލިބެންވާ އެއްބާރުލުންވެސް ލިބޭނެކަމަށް އަޅުގަނޑު މި އުއްމީދުކުރަނީ،" ރައީސް ވިދާޅުވިއެވެ. 

ޖިސްމާނީ ދުޅަހެޔޮކަމުގެ އިތުރުން ނަފްސާނީ ދުޅަހެޔޮކަމަކީ ދިރިއުޅުމުގެ އެތައް ހާލަތަކާ ގުޅިފައިވާ ކަމެއްކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ޒުވާނުންނަކީ ނަފްސާނީ ގޮތުން ދުޅަހެޔޮ ބައެއްކަން ކަށަވަރުކުރުމަށްޓަކައި ވަށާޖެހޭ މަސައްކަތްތަކެއް މިހާރުވެސް ކުރެވެމުންދާކަމުގައި ވިދާޅުވެފައެވެ.

ނަފްސާނީ ބަލިމަޑުކަން ތަހައްމަލުކުރާ މީހުންނަށް ލިބޭ ފަރުވާގެ ހިދުމަތާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރު ކުރުމަށް މި ސަރުކާރުން ވަރަށް ބޮޑަށް އިސްކަން ދެއްވާކަމަށާއި އެގޮތުން ނަފްސާނީ ބަލިތަކުގެ ފަރުވާގެ ނިޒާމު އާސަންދައިގެ ތެރެއިން ހަމަޖައްސާދީފައިވާކަމަށެވެ. އަދި ނަފްސާނީ ބަލިތަކަށް ހާއްސަ މަރުކަޒެއް ގާއިމުކުރުމުގެ މަސައްކަތްވެސް މިހާރު ކުރިއަށްދާކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. 

"ވަށާޖެހޭ ގޮތަކަށް މި މައްސަލައަށް ހައްލު ހޯދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ކާމިޔާބުވާނެކަމުގެ ޔަގީންކަން އެބައޮތް، އެކަމަކު އެ ކަމަކީ މުޅި މުޖުތަމައުގެ ފުރިހަމަ އެއްބާރުލުން ބޭނުންވާނެކަމެއް، އެކަމު އަޅުގަނޑަށް ޔަގީން މި ފިޔަވަޅުތަކުގެ ނަތީޖާއަކަށްވާނީ މުޖުތަމައުގެ ތެރޭގައި ނަފްސާނީ ދުޅަހެޔޮކަން ގާއިމުކުރެވިގެންދިއުން". ރައީސް ވިދާޅުވިއެވެ. 

ނަފްސާނީ ދުޅަހެޔޮކަމަކީ ހާއްސަ ސަމާލުކަމެއް ދޭންޖެހިފައިވާ ކަމެއްކަން ގަބޫލުކޮށް، ސަރުކާރުން ދަނީ ނަފްސާނީ ދުޅަހެޔޮކަމަށް ދެވޭ ވަގުތީ އަދި ދާއިމީ ހިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށް ފަންނީ ބޭފުޅުންނާއި ގުޅުންހުރި މުއައްސަސާތަކާއެކު މަސައްކަތް ކުރަމުންނެވެ. 

 

ކިޔުންތެރިންގެ ހިޔާލު