ENGLISH

24 ޖުލައި 2026

Advertisement

ދާދު އާއި ނިހާން ވިކްޓްރީއަށް

24 ޖުލައި 2026

|

އިސްމާއިލް ޝާހު

ވިކްޓްރީއާ ގުޅުނު ނިހާން އާއި ދާދު ---

ފާއިތުވި 8 އަހަރު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއެކު ގިނަ ކާމިޔާބީތަކެއް ހޯދި ޤައުމީ ފުޓްބޯޅަ ޓީމުގެ ފޯވާޑް ނާއިޒު ހަސަން (ދާދު) އާއި، އޮޑި ސްޕޯޓްސް ކުލަބަށް ކުޅުނު ޤައުމީ ޓީމުގެ މިޑްފީލްޑަރު ހުސައިން ނިހާން (ނިހާޓު)، ވިކްޓްރީ ސްޕޯޓްސް ކުލަބާ ގުޅިއްޖެއެވެ.

ކުރިއަށް އޮތް ސީޒަނަށް ސްކޮޑު ވަރުގަދަކުރަމުން އަންނަ ވިކްޓްރީން ދާދުގެ ސޮއި ހޯދިއިރު، އޭނާ އަކީ  މާޒިޔާ ދޫކޮށް ވިކްޓްރީއާ ގުޅުނު ދެވަނަ ކުޅުންތެރިޔާއެވެ. ހަމްޒާ މުޙައްމަދު (ހަމްޕު) ވަނީ ހަތް އަހަރު މާޒިޔާގައި ހޭދަކުރުމަށްފަހު، ވިކްޓްރީއަށް ބަދަލުވެފައެވެ.

ކުލަބު އޯލް ޔޫތު ލިންކޭޖުން 2013 ވަނަ އަހަރު ސީނިއަރ ކެރިއަރު ފެށި، މިހާރު އުމުރުން 30 އަހަރުގެ ދާދު ވަނީ ޓީސީ ސްޕޯޓްސް ކުލަބާއެކު 2014 ވަނަ އަހަރުގެ ދެވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދައި، އެ ޓީމު ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓުކޮށްދީފައެވެ. އެ މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީވެސް ދާދުއެވެ. ޖެހިގެން އައި ސީޒަނުގައި ޓީސީން ދިވެހި ޕްރިމިއަރ ލީގުގައި މޮޅު ކުޅުމެއް ދެއްކިއިރު، އެ މުބާރާތުގެ މޮޅު ކުޅުންތެރިޔަކީވެސް އޭނާއެވެ. ދާދު ވަނީ ޓީސީއާއެކު ޓީސީއާ އެކު 2017 ވަނަ އަހަރު ބަންގްލަދޭޝްގައި ބޭއްވި ޝެއިޚް ކަމާލް އިންޓަރނޭޝަނަލް ކުލަބު ކަޕް ކާމިޔާބުކޮށްފައެވެ.

ޓީސީ ދޫކޮށް ދާދު މާޒިޔާއާ ގުޅުނީ 2018 ވަނަ އަހަރެވެ. އޭގެ ފަހުން މާޒިޔާއާއެކު ދާދު ވަނީ ދިވެހި ޕްރިމިއަރ ލީގު ފަސް ފަހަރު، އެފްއޭ ކަޕް އަދި ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކޮށްފައެވެ.

ވިކްޓްރީއާ ދެން ގުޅުނު އުމުރުން 34 އަހަރުގެ ނިހާން ވަނީ މީގެ ކުރިން ދެ ފަހަރެއްގެ މަތިން އެ ޓީމަށް ކުޅެފައެވެ. 

ނިހާން އޭނާގެ ފުޓްބޯޅަ ކެރިއަރު ފެށީ 2012 ވަނަ އަހަރު، އުމުރުން އެންމެ 19 އަހަރުގައި ކުލަބު އީގަލްސްއިންނެވެ. އޭގެ ފަހުން 2013 ވަނަ އަހަރު ވިކްޓްރީއާ ގުޅި، 2015 ވަނަ އަހަރު ކުލަބު ވެލެންސިއާއަށް ބަދަލުވުމާ ހަމައަށް އޭނާ ކުޅުނީ ވިކްޓްރީއަށެވެ. 2016 ވަނަ އަހަރުގެ އެފްއޭ ކަޕް ކުލަބު ވެލެންސިއާއިން ކާމިޔާބުކުރިއިރު، ނިހާން ވަނީ އެ ޓީމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. މިއީ 12 އަހަރުގެ މެދުކެނޑުމަކަށްފަހު ވެލެންސިއާއިން އެފްއޭ ކަޕުގެ ތަށި އުފުލާލި ފަހަރެވެ.

ކުލަބު ވެލެންސިއާގައި ކާމިޔާބު ތިން އަހަރު ހޭދަކުރުމަށްފަހު، 2018 ވަނަ އަހަރު ނިހާން އަލުން ވިކްޓްރީއާ ގުޅުނެވެ. ވިކްޓަރީގައި އޭނާ ދެއްކި މޮޅު ކުޅުމުގެ ސަބަބުން ފުރަތަމަ ފަހަރަށް ޤައުމީ ޓީމުން އޭނާއަށް ފުރުސަތު ލިބުނެވެ.

އޭގެ ފަހުން 2019 ގައި ނިހާން ވަނީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން މާޒިޔާއާ ގުޅިފައެވެ. މާޒިޔާގައި ރަނގަޅު ކާމިޔާބީތަކެއް ހޯދުމަށްފަހު، އޭނާ އޮޑި ސްޕޯޓްސްއާ ގުޅުނީ 2024 ވަނަ އަހަރުގައެވެ.

ވިކްޓްރީން މިހާތަނަށް ސޮއި ހޯދި ތިން ކުޅުންތެރިން ކަމަށްވާ ހަމްޕު، ދާދު އަދި ނިހާން އަކީ 2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ރާއްޖެއިން ކާމިޔާބުކުރިއިރު، ޤައުމީ ޓީމުގައި މުހިންމު ދައުރެއް އަދާކުރި ކުޅުންތެރިންނެވެ.

ކިޔުންތެރިންގެ ހިޔާލު