ENGLISH
24 ޖުލައި 2026
އާޖެންޓީނާގެ ކުޅުންތެރިންގެ ފަރާތުން ފެނުނީ ބަލައިގަނެވޭނެ ކަންތައްތަކެއް ނޫން: ޑެ ލަ ފުއެންޓޭ
24 ޖުލައި 2026
|
ސްޕެއިންގެ ކޯޗު ލުއިސް ޑެ ލަ ފުއެންޓޭ --- ފޮޓޯ: ރޮއިޓަރސް
އެންމެ މަޤްބޫލު
ފީފާ ވޯލްޑް ކަޕް 2026 ގެ ފައިނަލް މެޗުން 1-0 ގެ ނަތީޖާއަކުން ބަލިވުމަށްފަހު، އާޖެންޓީނާގެ ކުޅުންތެރިންގެ ފަރާތުން ފެނުނު ނުރަނގަޅު އަމަލުތަކާ މެދު ސްޕެއިންގެ ކޯޗު ލުއިސް ޑެ ލަ ފުއެންޓޭ ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފިއެވެ. މި ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއިން މިހާރު ވަނީ މި މައްސަލަ ތަހުގީގުކުރަން ފަށާފައެވެ.
ފައިނަލް މެޗު ނިމުމާއެކު، އާޖެންޓީނާގެ މިޑްފީލްޑަރު ލިއަންޑްރޯ ޕަރެޑޭސް ވަނީ ސްޕެއިންގެ ބައެއް ކުޅުންތެރިންނާ ކުރިމަތިލައި ހަމަނުޖެހުން އުފައްދާފައެވެ. އޭގެ ތެރޭގައި ސްޕެއިންގެ ޑިފެންޑަރު އެރިކް ގާސިއާ އާއި މިޑްފީލްޑަރު ގަވީ ހިމެނެއެވެ. ދެ ޓީމުގެ ކުޅުންތެރިންގެ މެދުގައި ހިނގި މި ކުރިމަތިލުންތައް ހުއްޓުވުމަށް އެ މީހުން ދުރުކުރަން ޖެހުނުއިރު، އާޖެންޓީނާގެ ކޯޗު ލިއޮނަލް ސްކަލޯނީވެސް ވަނީ ކުޅުންތެރިން މައިތިރިކުރުމަށް މަސައްކަތްކޮށްފައެވެ.
ވޯލްޑް ކަޕުގެ ފައިނަލް މެޗަށްފަހު ހިނގާދިޔަ ހަމަނުޖެހުންތަކުގެ ތެރެއިން --- ފޮޓޯ: ރޮއިޓަރސް
ސްޕެއިންގެ ޤައުމީ މީޑިއާއަށް އިއްޔެ ދިން އިންޓަވިއުއެއްގައި ޑެ ލަ ފުއެންޓޭ ބުނީ އެފަދަ މަތީ ފަންތީގެ ކުޅުންތެރިންގެ ފަރާތުން ފެނުނު އެ އަމަލުތަކަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަންތައްތަކެއް ނޫން ކަމަށެވެ. އަދި އޭނާއަކީ މީގެ ކުރިން އެ ކުޅުންތެރިންނަށާއި އެ ޓީމުގެ މޮޅު ކޯޗަށް ވަރަށް ބޮޑަށް ތާރީފުކުރި މީހެއްކަންވެސް އޭނާ ފާހަގަކުރިއެވެ.
"މިފަދަ ހަމަނުޖެހުންތަކާއި ކުރިމަތިލުންތަކުގެ ކުރިމަތީގައި އަހަރެމެންގެ ކުޅުންތެރިން ދެއްކި ކެތްތެރިކަމާއި އަޚުލާގު އަހަރެން ފާހަގަކުރަން ބޭނުން. އަހަރެމެންގެ ކުޅުންތެރިން ތިބީ ވަރަށް ކެތްތެރިކަމާއެކު، ހަގީގީ ޕްރޮފެޝަނަލުން ފަދައިން،" ޑެ ލަ ފުއެންޓޭ އިތުރަށް ބުންޏެވެ.
ފައިނަލް މެޗަށްފަހު ހިނގި މި ހަމަނުޖެހުމުގައި އޭނާގެ ބައިވެރިވުން އޮތުމުން، އާޖެންޓީނާގެ އެސިސްޓަންޓް ކޯޗު ރޮބާޓޯ އަޔާލާ ވަނީ މިދިޔަ ބުދަ ދުވަހު އެކަމަށް މާފަށް އެދިފައެވެ.
ސްޕެއިނަށް 2024 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތް ކާމިޔާބުކޮށްދިން ޑެ ލަ ފުއެންޓޭ ބުނީ، 2030 ވަނަ އަހަރު ސްޕެއިން ހިމެނޭހެން ބާއްވާ ވޯލްޑް ކަޕުގައި ޤައުމީ ޓީމަށް އިރުޝާދުދިނުމަކީ ކޮންމެ ކޯޗަކަށްވެސް ލިބޭނެ އެންމެ ބޮޑު ފަޚުރު ކަމަށެވެ.