ENGLISH

24 ޖުލައި 2026

Advertisement

ރޮޑްރީގެ ބުރަކައްޓަށް ލިބިފައިވާ އަނިޔާއަކާ ގުޅިގެން އޮޕަރޭޝަނެއް ކުރަނީ

24 ޖުލައި 2026

|

އިސްމާއިލް ޝާހު

ވޯލްޑް ކަޕުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ރޮޑްރީ --- ފޮޓޯ: ގެޓީ

ފީފާ ވޯލްޑް ކަޕް 2026 ކާމިޔާބުކުރި ސްޕެއިންގެ ކެޕްޓަން ރޮޑްރީގެ ބުރަކައްޓަށް ލިބިފައިވާ އަނިޔާއަށް ފަރުވާ ހޯދުމަށް އަންނަ ހޯމަ ދުވަހު އޮޕަރޭޝަނެއް ކުރަން ނިންމާފައިވާކަން މެންޗެސްޓަރ ސިޓީގެ އައު ކޯޗު އެންޒޯ މަރެސްކާ ކަށަވަރުކޮށްދީފިއެވެ.

އުމުރުން 30 އަހަރުގެ ރޮޑްރީ ވަނީ މި ފަހުން ނިމުނު ވޯލްޑް ކަޕުގައި ސްޕެއިން ޗެމްޕިއަންކަން ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކޮށް، މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު (ގޯލްޑަން ބޯލް) ހޯދާފައެވެ. ނަމަވެސް ކުލަބު ފެންވަރުގައި ފާއިތުވި ދެ ސީޒަނަކީ އަނިޔާގެ ސަބަބުން އޭނާއަށް ވަރަށް ބޮޑަށް ހުރަސްތަކާ ކުރިމަތިވި ދުވަސްތަކެކެވެ. އެގޮތުން 2024/25 ގެ ސީޒަންގެ ބޮޑުބައި ކަކުލަށް ލިބުނު އަނިޔާއެއްގެ ސަބަބުން ގެއްލުނުއިރު، އޭގެ ފަހުންވެސް ތަފާތު ސިއްހީ މައްސަލަތަކާ ހުރެ ގިނަ މެޗުތަކެއްގައި އޭނާއަށް ކުޅެވޭ ގޮތެއް ނުވިއެވެ.

ބަލޮންޑޯ އެވޯޑު ކާމިޔާބުކޮށްފައިވާ މިޑްފީލްޑަރު ވޯލްޑް ކަޕުގައި އޭނާގެ އެންމެ މޮޅު ކުޅުން ދެއްކި ނަމަވެސް، ސިޓީގެ ކޯޗުގެ ގޮތުގައި ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި މަރެސްކާ ބުނީ ރޮޑްރީ މިހާރުން މިހާރަށް އޮޕަރޭޝަނެއް ކުރަން ޖެހޭ ކަމަށާއި، އޭގެ ފަހުން އަރާމުކުރަން ވަގުތު ބޭނުންވާ ކަމަށެވެ.

"އޭނާ އަންނަ ހޯމަ ދުވަހު ސާޖަރީއެއް ކުރާނެ. އެއަށްފަހު އޭނާއަށް ޗުއްޓީއަކާއި، އަރާމުކޮށް ރިކަވަރ ވުމަށް ވަގުތު ބޭނުންވޭ. އެ ހުރިހާ ކަމެއް ނިމުމުން އޭނާ އަލުން އަހަރެމެންނާ ގުޅޭނެ،" އިޓަލީއަށް ނިސްބަތްވާ ކޯޗު ބުންޏެވެ.

ރޮޑްރީ އަލުން ކުޅުމުގެ ތެރެއަށް އާދެވޭނެ ސީދާ ތާރީޚެއް މަރެސްކާ ހާމައެއް ނުކުރެއެވެ. ނަމަވެސް ރޮޑްރީ ރެއާލް މެޑްރިޑަށް ބަދަލުވާން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން ކޯޗު ބުނީ ވަރުގަދަ ކުޅުންތެރިންނާ ބެހޭގޮތުން އެފަދަ އަޑުތައް ފެތުރުމަކީ އާންމު ކަމެއް ކަމަށާއި، އެކަމާ ކަންބޮޑުނުވާ ކަމަށެވެ. އަދި ސްޕެއިން ވޯލްޑް ކަޕް ކާމިޔާބުކުރުމާއި، ރޮޑްރީއަކީ ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ ކަމަށްވުމުން ކޮންމެ ކޯޗަކުވެސް އޭނާ ހޯދަން ބޭނުންވާނެ ކަމަށް މަރެސްކާ ފާހަގަކުރިއެވެ.

މީގެ އިތުރުން، ޓީމުގެ އެހެން ކުޅުންތެރިންނާ ބެހޭގޮތުން މަރެސްކާ ބުނީ އަންނަ އޮގަސްޓް މަހުގެ 16 ވާ އާދިއްތަ ދުވަހު ޕްރިމިއަރ ލީގުގެ ޗެމްޕިއަން އާސެނަލާ ދެކޮޅަށް ކުޅޭ ކޮމިއުނިޓީ ޝީލްޑް މެޗުގެ ތިން ހަތަރު ދުވަސް ކުރިން ހުރިހާ ކުޅުންތެރިން ޓީމާ ގުޅޭނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު