ENGLISH

24 ޖުލައި 2026

Advertisement

ކޮމަންވެލްތު ގޭމްސް: ރާއްޖޭގެ އާން އާއި ލޫތަށް ޤައުމީ ރިކޯޑުތަކެއް

24 ޖުލައި 2026

|

އިސްމާއިލް ޝާހު

ރާއްޖޭގެ ދެ ފެތުންތެރިން ކަމަށްވާ މުޙައްމަދު އާން ހުސައިން އާއި ލޫތު މުޙައްމަދު ހުސައިން --- ފޮޓޯ: ސްވިމިން އެސޯސިއޭޝަން

ސްކޮޓްލެންޑުގެ ގްލާސްގޯގައި މިހާރު ކުރިއަށްދާ 23 ވަނަ ކޮމަންވެލްތު ގޭމްސްގައި ފުރަތަމަ ދުވަހު ކުރިއަށްދިޔަ ފެތުމުގެ އިވެންޓުތަކުގައި، ޤައުމީ ސްވިމިންގ ޓީމުގެ ދެ ފެތުންތެރިން ކަމަށްވާ މުޙައްމަދު އާން ހުސައިން އާއި ލޫތު މުޙައްމަދު ހުސައިން ވާދަކުރި އިވެންޓުތަކުން ޤައުމީ ރިކޯޑުތަކެއް ގާއިމުކޮށްފިއެވެ.

ސީނިއަރ ފެތުންތެރިއެއްގެ ގޮތުގައި ގިނަ ކުރިއެރުންތަކެއް ހޯދަމުން އަންނަ އާން ވާދަކޮށްފައިވަނީ 50 މީޓަރު ބެކްސްޓްރޯކް އިވެންޓުގައެވެ. އެ އިވެންޓުގައި ވާދަކޮށް އާން އިވެންޓް ނިންމާފައިވަނީ 29.18 ސިކުންތުންނެވެ. މިއީ ރާއްޖޭގެ ޤައުމީ ރިކޯޑެކެވެ. އިވެންޓުގެ ހީޓު ދޭއްގައި ވާދަކޮށް އާން ދިޔައީ ފަސްވަނައަށެވެ.

މި އިވެންޓުގެ ޤައުމީ ރިކޯޑު އެންމެ ފަހުންވެސް އޮތީ އާންގެ އަތުގައެވެ. އެެއީ މީގެ ދެ އަހަރު ކުރިން، 2024 ވަނަ އަހަރު ކުރިއަށްދިޔަ 11 ވަނަ އޭޝިއަން އޭޖް ގްރޫޕް އަކުއަޓިކްސް ޗެމްޕިއަންޝިޕުގައިި 29.51 ސިކުންތުން ރޭސް ނިންމައިގެންނެވެ. 

މި ފަހަރުގެ ކޮމަންވެލްތު ގޭމްސްގައި މިއަދު ލޫތު ވާދަކޮށްފައިވަނީ 100 މީޓަރު ބްރެސްޓްރޯކް އިވެންޓުގައެވެ. ލޫތު ހީޓުގެ ހަތްވަނައަށް ދިޔައިރު، އިވެންޓު ނިންމީ 1 މިނެޓު 10.63 ސިކުންތުންނެވެ. މިއީވެސް ރާއްޖޭގެ ޤައުމީ ރިކޯޑެކެވެ. މި އިވެންޓުގެ ޤައުމީ ރިކޯޑު އެންމެ ފަހުންވެސް އޮތީ ލޫތުގެ އަތުގައެވެ. އެއީ މިދިޔަ އަހަރު ކުރިއަށްދިޔަ، 10 ވަނަ ވޯލްޑް އެކުއަޓިކްސް ޖޫނިއަރ ޗެމްޕިއަންޝިޕުގައި 1 މިނެޓު 10.95 ސިކުންތުން އިވެންޓު ފުރިހަމަކޮށްގެންނެވެ. މާދަމާވެސް ކުރިއަށްދާނީ ފެތުމުގެ އިވެންޓުތަކެވެ.

އަންނަ އޮގަސްޓް މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި އަހަރުގެ ކޮމަންވެލްތު ގޭމްސްގައި ރާއްޖެއިން ވާދަކުރާނީ އެތުލެޓިކްސް އާއި ސްވިމިންގ އިވެންޓުތަކުގައެވެ. މި ގޭމްސްގައި ވާދަކުރާ ސްވިމިންގ ޓީމުގައި 5 އެތުލީޓުން ހިމެނޭއިރު، އެ އެތުލީޓުންނަކީ އާން، ލޫތު، މިރާލް އައިން ލަތީފު، އަމްނާ ތަޒްކިޔާ މިރުސާދު އަދި މުޙައްމަދު ރިހާން ޝިހާމެވެ.

ގޭމްސްގައި ވާދަކުރާ އެތުލެޓިކްސް ޓީމުގައި 8 އެތުލީޓުން ހިމެނޭއިރު، އެ އެތުލީޓުންނަކީ އަހްނާ ނިޒާރު، ޒިވާ މޫސާ ޝަފީއު، ފަސޫހާ އަޙްމަދު، އައިޝަތު ޝަބާ ސަލީމް، އައިމިނަތު ލަޔާނާ މުޙައްމަދު، އާދަމް ރިއްފަތު، ހަސަން ސާއިދު އަދި ހުސެއިން ޒީކް ސުއާދެވެ. 

މި ގޭމްސްގައި ރާއްޖޭގެ ފަރާތުން ޗެފް ޑި މިޝަނެއްގެ ގޮތުގައި ހަރަކާތްތެރިވާނީ ނެޓްބޯޅަ އެސޯސިއޭޝަންގެ ރައީސް ފަޒްނާ ޖަލީލެވެ. 

ކިޔުންތެރިންގެ ހިޔާލު