ENGLISH
24 ޖުލައި 2026
ބަންގްލަދޭޝްގެ ރައީސްކަމުން ޝަހާބުއްދީން އިސްތިއުފާދެއްވައިފި
24 ޖުލައި 2026
|
އެންމެ މަޤްބޫލު
ބަންގްލަދޭޝްގެ ރައީސްކަމުގެ މަގާމުން މުޙައްމަދު ޝަހާބުއްދީން އިސްތިއުފާދެއްވައިފިއެވެ.
ޝަހާބުއްދީން ބަންގްލަދޭޝްގެ ރައީސްކަމުން އިސްތިއުފާދެއްވާފައިވާކަން ވަނީ ކަށަވަރުވެފައެވެ. އަދި ޝަހާބުއްދީންގެ އިސްތިއުފާގެ ސިޓީއެއް އޭއެފްޕީއަށް ފެނިފައިވާއިރު، އެ ނޫސް އެޖެންސީއަށް ދެއްވި އިންޓަވިއުއެއްގައި ޝަހާބުއްދީން ވަނީ ބަންގްލަދޭޝްގެ ރައީސްކަމުން އިސްތިއުފާދެއްވިކަން ކަށަވަރުކޮށްދެއްވައިފައެވެ.
ބައިނަލްއަގްވާމީ މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުން ޝަހާބުއްދީން ރައީސްކަމުން އިސްތިއުފާދެއްވީ، ޞިއްޙީ މައްސަލަތަކެއް ކުރިމަތިވެވަޑައިގަތުމާ ގުޅިގެންނެވެ.
ކުރީގެ ބޮޑުވަޒީރު ޝެއިޚް ހަސީނާގެ އަރިސް ބޭފުޅެއްގެ ގޮތުގައި ފާހަގަކުރެވޭ، އުމުރުފުޅުން 76 އަހަރުގެ ޝަހާބުއްދީން ބަންގްލަދޭޝްގެ ރައީސްކަމުގެ މަގާމާ ހަވާލުވެވަޑައިގަތީ 2023 ވަނަ އަހަރުގެ އެޕްރީލް މަހުއެވެ.
އެމަނިކުފާނުގެ ޕްރެސް ސެކްރެޓަރީ މެދުވެރިކުރައްވައި ނެރުއްވި ބަޔާނެއްގައި ޝަހާބުއްދީން ވިދާޅުވީ، އެންމެ ފަހުން ހެއްދެވި މެޑިކަލް ޓެސްޓްތަކުން އެމަނިކުފާނަށް ނާރުގެ މައްސަލައެއް ޖެހިވަޑައިގެންފައިވާކަން އެނގިފައިވާ ކަމަށެވެ. އަދި މި ބަލީގެ ސަބަބުން ބައެއް ފަހަރު ވަގުތީ ގޮތުން ހޭފުޅުނެތޭ ގޮތް މެދުވެރިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވެފައިވާކަމަށް ހާމަކޮށްފައިވެއެވެ.
މީގެ ދެ އަހަރު ކުރިން 2024 ވަނަ އަހަރު ދަރިވަރުން އިސްނަގައިގެން ހިންގި ވަރުގަދަ އިހުތިޖާޖުތަކަށްފަހު ހަސީނާ އިންޑިއާއަށް ފިއްލަވައިގެން ވަޑައިގެންނެވި ފަހުން ބަންގްލަދޭޝްގެ ސިޔާސީ މަޝްރަހު ހަލަބޮލިވި ދަނޑިވަޅުގައިވެސް ރައީސްކަމުގެ މަގާމުގައި ހުންނެވީ ޝަހާބުއްދީނެވެ.
އެމަނިކުފާނު އިސްތިއުފާ ދެއްވުމާއެކު، އެނބުރި ވަޑައިގަތުމަށް ރާއްވަވަމުންދިޔަ ހަސީނާގެ ސަރުކާރުގެ މަތީ ފަންތީގެ އެއްވެސް ބޭފުޅަކު މިހާރު ސަރުކާރުގެ އިސް މަގާމެއްގައި ނެތެވެ.
ބަންގްލަދޭޝްގެ ރައީސް އޮފީހުން އާންމުކޮށްފައިވާ ބަޔާނުގައިވާގޮތުން، އާ ރައީސަކު އިންތިޚާބުކުރެވެންދެން ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތައް ވަގުތީގޮތުން އަދާކުރައްވާނީ ގައުމީ މަޖިލީހުގެ ސްޕީކަރ، ޖާތިޔާ ސަންގްސަދުއެވެ.
ދައުލަތުގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން ރައީސަކީ ސިފައިންގެ އެންމެ މަތީ ވެރިޔާ ކަމުގައިވީ ނަމަވެސް، 173 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ބަންގްލަދޭޝްގައި ވެރިކަން ހިންގުމުގެ މައިގަނޑު ބާރުތައް އޮންނަނީ ބޮޑުވަޒީރާއި ކެބިނެޓަށެވެ.