ENGLISH

25 ޖުލައި 2026

Advertisement

އިންފަންޓީނޯއާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލަ އައިއޯސީން ތަހުގީގު ނުކުރާނެ

24 ޖުލައި 2026

|

އިސްމާއިލް ޝާހު

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވޯލްޑް ކަޕުގެ ޓްރޮފީ އާއެކު --- ފޮޓޯ: ގެޓީ

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ދެކޮޅަށް ހުށަހަޅާފައިވާ ޝަކުވާއަކީ އެ ކޮމިޓީގެ އިޚުތިސޯސްގެ ބޭރުގައިވާ ކަމެއް ކަމަށްވާތީ، އެ މައްސަލަ ތަހުގީގު ނުކުރާނެ ކަމަށް އިންޓަރނޭޝަނަލް އޮލިމްޕިކް ކޮމިޓީ (އައިއޯސީ) އިން ބުނެފިއެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމުއިއްޔާއެއް ކަމަށްވާ "ފެއަރ ސްކޮޔަރ" އިން އައިއޯސީއަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ އެމެރިކާގެ ރައީސަށް ތާއީދުކޮށް ވާހަކަދެއްކުމާއި، އެކި ގޮތްގޮތުން އެކަން ހާމަކުރުމުގެ ސަބަބުން، ސިޔާސީ ގޮތުން ވަކި ފަރާތަކަށް ނުޖެހުމަށް އޮލިމްޕިކް ޗާޓަރުގައި ކަނޑައަޅާފައިވާ އުސޫލުތަކާ އިންފަންޓީނޯ ޚިލާފުވެވަޑައިގެންފައިވާ ކަމަށެވެ.

ފީފާ ވޯލްޑް ކަޕް 2026 ކުރިއަށްދިޔަ ދުވަސްވަރު، އެމެރިކާގެ ފޯވާޑް ފޮލަރިން ބަލޮގަންއަށް ދެއްކި ރަތް ކާޑުގެ މައްސަލަ އަލުން މުރާޖާކޮށްދިނުމަށް އެދި އިންފަންޓީނޯއަށް ގުޅުއްވި ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އިއުތިރާފުވެވަޑައިގެންފައެވެ. ބޮސްނިއާ އަތުން 2-0 ގެ ނަތީޖާއަކުން އެމެރިކާ މޮޅުވި މެޗުގައި ބަލޮގަންއަށް ރަތް ކާޑު ދެއްކުމާ ގުޅިގެން، ބެލްޖިއަމާ ދެކޮޅަށް ކުޅުނު ގަދަ 16 ގެ މެޗުގައި އޭނާއަށް ކުޅުމުގެ ފުރުސަތު ގެއްލޭނެ ކަމަށް ބެލެވުނެވެ.

ނަމަވެސް ރައީސް ޓްރަމްޕް މައްސަލައިގެ ތެރެއަށް ވެދެވަޑައިގަތުމާއެކު، އެއް މެޗުގެ ސަސްޕެންޝަން އެއް އަހަރަށް ފަސްކުރިއެވެ. އަދަބު ފަސްކުރުމުގެ ބާރު ލިބިދޭ އުސުލަކަށް ރިއާޔަތްކުރުން ފިޔަވައި، މި ނިންމުން ނިންމި އިތުރު ސަބަބެއް ފީފާއަކުން ހާމައެއް ނުކުރެއެވެ. އެ މެޗުގައި ބަލޮގަން ކުޅުނު ނަމަވެސް، 4-1 ގެ ނަތީޖާއަކުން އެ މެޗުން މޮޅުވީ ބެލްޖިއަމެވެ.

އިންފަންޓީނޯ އަކީ 2020 ވަނަ އަހަރުން ފެށިގެން އައިއޯސީގެ މެންބަރެކެވެ. އޮލިމްޕިކް ޗާޓަރުގެ ދެވަނަ ބައިގައި ބަޔާންކޮށްފައިވާ ގޮތުން އައިއޯސީގެ މެންބަރުން ސަރުކާރުތަކުން ނުވަތަ އެހެންވެސް ޖަމުއިއްޔާ ޖަމާއަތްތަކުން އަންގާ އެންގުންތަކަށް ނުވަތަ ކުރާ އަމުރުތަކަށް ތަބާވެގެން ނުވާނެއެވެ. އެއީ އެ މެންބަރުންގެ މިނިވަންކަމާއި ނިންމުންތަކަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮތް ކަމެއް ކަމަށްވާތީއެވެ.

އައިއޯސީން ހާމަކުރި ގޮތުގައި އިންފަންޓީނޯއާ ދެކޮޅަށް ހުށަހެޅި ޝަކުވާއަކީ އެ ކޮމިޓީގެ އެތިކްސް ކޮމިޝަންގެ އިޚުތިސޯސްގެ ތެރޭގައި ހިމެނޭ ކަމެއް ނޫނެވެ. އެ ކޮމިޓީން ބުނީ މި ޝަކުވާއަކީ ފީފާގެ އިދާރީ ހިންގުމާއި، ސަރުކާރުތަކާ ބާއްވާ ގުޅުމާއި، އަދި ކުޅިވަރުގެ ގަވާއިދުތައް ތަންފީޒުކުރުމާ ގުޅޭ ކަމެއް ކަމަށްވާތީ، އެއީ އައިއޯސީގެ އަޚުލާގީ މިންގަނޑުތައް ހިނގާ ދާއިރާއިން ބޭރު ކަމެއް ކަމަށެވެ.

އައިއޯސީން މިފަދައިން ބުނެފައިވަނީ ބަލޮގަންގެ ސަސްޕެންޝަން ފަސްކުރި މައްސަލަ ފީފާގެ އެތިކްސް ކޮމިޓީއަށް ހުށަހެޅުމަށް ނޯވޭގެ ފުޓްބޯޅަ ފެޑެރޭޝަނުން މަޝްވަރާކުރަމުންދާކަން ހާމަވިތާ އެއް ދުވަސް ފަހުންނެވެ. މީގެ އިތުރުން ފީފާއިން އަލަށް ތައާރަފުކުރި ސުލްހައިގެ އިނާމު ރައީސް ޓްރަމްޕަށް އެރުވުމަށް ނިންމި ނިންމުމާ ގުޅިގެންވެސް ނޯވޭގެ ފެޑެރޭޝަނުން ވަނީ މީގެ ކުރިން ޝަކުވާ ހުށަހަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު