ENGLISH

24 ޖުލައި 2026

Advertisement

ބެލްޖިއަމްގެ ކޯޗަކަށް ނެދަލެންޑްސްގެ ކުރީގެ މިޑްފީލްޑަރު ވެން ބޮމެލް

24 ޖުލައި 2026

|

އިސްމާއިލް ޝާހު

ބެލްޖިއަމްގެ އައު ކޯޗަކަށް ހަމަޖެއްސި މާކް ވެން ބޮމެލް --- ފޮޓޯ: ރޮއިޓަރސް

ބެލްޖިއަމްގެ ޤައުމީ ފުޓްބޯޅަ ޓީމުގެ އައު ކޯޗަކަށް، ނެދަލެންޑްސްގެ ކުރީގެ މަޝްހޫރު މިޑްފީލްޑަރު މާކް ވެން ބޮމެލް ހަމަޖައްސައިފިއެވެ.

ބެލްޖިއަމްގެ ފުޓްބޯޅަ އެސޯސިއޭޝަނުން މިއަދު ހާމަކުރި ގޮތުގައި، އުމުރުން 49 އަހަރުގެ ވެން ބޮމެލްއާ އެކު ސޮއިކޮށްފައިވަނީ 2028 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ނިޔަލަށް ދެމިގެންދާ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގައެވެ.

ވެން ބޮމެލް މި މަގާމާ ހަވާލުވަނީ، މި މަހު ކުރިއަށްދިޔަ ފީފާ ވޯލްޑް ކަޕް 2026 ގެ ކުއާޓާ ފައިނަލަށް ބެލްޖިއަމް ގެންގޮސްދިން ނަމަވެސް، މި މަހުގެ ނިޔަލަށް އެއްބަސްވުން ހަމަވާ ރޫޑީ ގާސިއާގެ ބަދަލުގައެވެ. ގާސިއާގެ އެއްބަސްވުން އައުނުކުރަން ބެލްޖިއަމުން ނިންމީ އޭނާގެ ޓެކްޓިކަލް ނިންމުންތަކަށް ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ބެލްޖިއަމްގައި ވެން ބޮމެލް އެންމެ ބޮޑަށް ފާހަގަވެގެންދިޔައީ އެންޓްވަރޕަށް ކޯޗުކޮށްދިން ދުވަސްވަރުގައެވެ. އޭނާ ވަނީ 2022/23 ވަނަ އަހަރުގެ ސީޒަނުގައި އެ ކުލަބަށް ލީގާއި ކަޕް ކާމިޔާބުކޮށްދީ، ތާރީޚީ ކާމިޔާބީއެއް ހޯދައިދީފައެވެ.

ކޯޗުގެ މަގާމާ ހަވާލުވުމަށްފަހު ވެން ބޮމެލް ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބެލްޖިއަމް ފަދަ ވަރުގަދަ ޓީމެއްގެ ކޯޗުކަން ލިބުމަކީ ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ. އަދި ބެލްޖިއަމްގެ ފުޓްބޯޅަ އެސޯސިއޭޝަނުން އޭނާއަށް ކުރި އިތުބާރަށް ޝުކުރު އަދާކުރާ ކަމަށާއި، ބެލްޖިއަމްގައި ހުނަރުވެރި ކުޅުންތެރިންތަކެއް އެބަތިބި ކަމަށް އޭނާ ފާހަގަކުރިއެވެ.

ކޯޗިން ކެރިއަރުގައި ޕީއެސްވީ އައިންދޯވަން އާއި ވީއެފްއެލް ވުލްފްސްބާގަށްވެސް އިރުޝާދުދީފައިވާ ވެން ބޮމެލްއަކީ ކުޅުންތެރިއެއްގެ ގޮތުގައިވެސް ވަރަށް ކާމިޔާބު މީހެކެވެ. އޭނާ ވަނީ ނެދަލެންޑްސްގެ ޤައުމީ ޓީމަށް 79 މެޗު ކުޅެދީ، 2010 ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލުގައި ކުޅެފައެވެ. މީގެ އިތުރުން ބާސެލޯނާ، ބަޔާން މިއުނިކް އަދި އޭސީ މިލާން ފަދަ ދުނިޔޭގެ ނަން މަޝްހޫރު ކުލަބުތަކަށް އޭނާ ކުޅެފައިވެއެވެ.

ވެން ބޮމެލްގެ ފުރަތަމަ އިމްތިހާނަކަށް ވާނީ އަންނަ ސެޕްޓެމްބަރު އަދި އޮކްޓޫބަރު މަހު އޮންނަ ޔުއެފާ ނޭޝަންސް ލީގުގެ މެޗުތަކެވެ. އޭނާގެ އިރުޝާދުގެ ދަށުން ބެލްޖިއަމް ކުޅޭ ފުރަތަމަ މެޗުގައި ސެޕްޓެމްބަރު މަހުގެ 25 ގައި ރޯމްގައި ނުކުންނާނީ އިޓަލީއާ ދެކޮޅަށެވެ. އޭގެ ތިން ދުވަސް ފަހުން ބްރަސަލްސްގައި ފްރާންސާ ދެކޮޅަށް ކުޅޭނެއެވެ. އަދި އޮކްޓޫބަރު މަހުގެ ކުރީކޮޅު ތުރުކީ އާއި ފްރާންސާ ދެކޮޅަށްވެސް މެޗުތަކެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ.

ވެން ބޮމެލްގެ އެސިސްޓަންޓް ކޯޗުންގެ ގޮތުގައި މަސައްކަތްކުރާނީ ނެދަލެންޑްސްގެ ކުރީގެ ކުޅުންތެރިޔާ ބޮޑަވިން ޒެންޑެން އާއި، ބެލްޖިއަމްގެ ކުރީގެ ކުޅުންތެރިޔާ މާޓެން މާޓެންސްގެ އިތުރުން ރެއިނިއާ ރޮބެމޮންޑް ކަމަށް ބެލްޖިއަމްގެ ފުޓްބޯޅަ އެސޯސިއޭޝަނުން މައުލޫމާތުދެއެވެ.

ކިޔުންތެރިންގެ ހިޔާލު